ފުޓްބޯޅަ

ދިވެހި ލީގު ކޮލިފިކޭޝަނުގައި ވެލެންސިއާ އަށް ފުރުސަތު ބޮޑު: ނާދު

މުހައްމަދު ހަމްދޫން
14 އޯގަސްޓް 2012 11:12
  • ވެލެންސިއާގެ ކުޅުންތެރިން ލީގުގެ މެޗެއްގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެ ޓީމު ވަނީ ލީގުގެ ގަދަ ހަޔަކުން ކަޓާފައި. --ހަވީރު ފައިލް ފޮޓޯ

ދިވެހި ލީގު ކޮލިފިކޭޝަނުގައި ވާދަކޮށް އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ލީގުގެ ގަދަ ހަޔަކުން ކަޓާފައިވާ ވެލެންސިއާ އާއި ވިޔަންސާ، ކޮލިފިކޭޝަނުގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް އާއި ރަނަރަޕް ޔުނައިޓެޑް ވިކްޓަރީއާ އެވެ. ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

ނާދު ބުނީ ލީގުގައި ހިފަހައްޓާނުލެވުނަސް ދެ ވަނަ ޑިވިޝަން ފެންވަރުގައި ވާދަކުރެވޭނެ ކަމަށެވެ.

"ކޮލިފިކޭޝަނުގައި ރަނގަޅު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އެއީ މި ލެވެލް (ލީގުގައި) ވާދަނުކުރެވުނަސް އޭގައި ހިފެހެއްޓޭނެ. މުޅިން ތަފާތު ދެ ލެވެލެއް މިއީ،" ނާދު ބުންޏެވެ.

އޭނާ ބުނީ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ވުރެ ބޮޑަށް ޓީމުން އިސްކަންދެނީ ކޮލިފިކޭޝަނަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް މިހިރީ ކޮލިފިކޭޝަނަށް. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން މީގައި މުހިއްމީ،" ނާދު ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި ވެލެންސިއާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ތަޖުރިބާކާރު ކުޅުންތެރިން ނެތުން ކަމަށާއި އޭގެ ސަބަބުން ޓީމު ތައްޔާރުކުރުމަށް ވެސް އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

"ޖުމްލަކޮށް ބުނާނަމަ ބުނެވޭނީ ސީނިއާ ޕްލޭޔަރުން މަދީޔޭ. އާ ކުޅުންތެރިން ލައިގެން ވަރަށް އުނދަގޫވޭ. އެއީ ގޭމްގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރަން ވެސް. އާ ކުޅުންތެރިންނަށް ގިނަ ފަހަރަށް އޮންނަނީ ބުނާ ގޮތް ނުހެދިފައި. ބޭރު ކުޅުންތެރިން ތިބޭއިރު ސީނިއާ ކުޅުންތެރިން ތިބޭ ނަމަ ވަރަށް ބޮޑު ކުރިއެރުމެއް ޓީމަށް އަންނާނެ،" ނާދު ބުންޏެވެ.

މިއީ ދިވެހި ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ ގަދަ ހަތަރަކުން ފުރުސަތު ނުލިބި ޖެހިޖެހިގެން ކެޓި ހަތަރު ވަނަ ފަހަރެވެ. އަދި ރެލިގޭޝަނުގައި ކުޅެން ޖެހޭ ދެ ވަނަ ފަހަރެވެ. އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރެލިގޭޝަން ކުޅުނީ 2009 ވަނަ އަހަރު އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި