ދުނިޔޭގެ ކުޅިވަރު

ކޮރަޕްޝަންގެ ތުހުމަތުތަކަށް ޕާކިސްތާނުން ރައްދު ދީފި

ހަސަން ޝިފާން
24 ޖުލައި 2012 13:14
  • އޮލިމްޕިކް ވިލެޖްގެ އެކޮމަޑޭޝަން ބްލޮކެއް: ޕާކިސްތާނުން ވަނީ ފައިސާ އަށް ކޮންޓިންޖެންޓުގައި މީހުން ހިމަނާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައި. -- ފޮޓޯ / އޭއެފްޕީ

އިސްލާމްއާބަދު (ޖުލައި 23) - ފައިސާ ދީގެން ޕާކިސްތާންގެ ކޮންޓިންޖެންޓްގެ މެމްބަރެއްގެ ގޮތުގައި ވިސާ ހޯދައިގެން، އޮލިމްޕިކް ވިލެޖަށް ޓެރަރިސްޓުން ވަނުމުގެ ބިރު އޮތް ކަމަށް އިނގިރޭސި ނޫހަކުން ފެތުރި ހަބަރު ޕާކިސްތާންގެ ކޮންޓިންޖެންޓުން ދޮގުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ދަ ސަން އިން ބުނެފައިވަނީ ޕާކިސްތާންގެ ސިޔާސީ ފަރާތެއްގެ ނުފޫޒުން އެއް މިލިއަން ރުޕީސް ( 10،000 ޑޮލަރު) އަށް ޕާކިސްތާންގެ ކޮންޓިންޖެންޓުން މީހަކަށް ޖާގަ ދީފައިވާކަން ފަޅާއަރައިފައިވާ ކަމަށެވެ.

އެކަމަކު ޕާކިސްތާންގެ އޮލިމްޕިކް ކޮންޓިންޖެންޓްގެ ޗެޑް ޑިމިޝަން އާގިލް ޝާހް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

"އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ޕާކިސްތާންގެ އަގު ވައްޓާލަން ދައްކާ ވާހަކަ އެއީ. ޕާސްޕޯޓެއް ލިބުނަސް ކޮންމެ ކޮންމެ މީހަކަށް އޮލިމްޕިކް ވިލެޖަކަށް ނުވަދެވޭނެ. އޮލިމްޕިކް ވިލެޖަށް ވަދެވޭނީ ފާހެއް އޮވެގެން،" ޝާހް ވިދާޅުވި އެވެ.

ސަން އިން ބުނީ އެ ނޫހުގެ އަންޑަކަވާ ރިޕޯޓަރަކަށް ވެސް ދެ މަސް ދުވަހުގެ ވިސާއެއްގައި ޕާކިސްތާންގެ ކޮންޓިންޖެންޓުގެ އޮފިޝަލެއްގެ ގޮތުގައި އޮލިމްޕިކްސް އަށް ދިއުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ތޭވީސް އެތުލީޓުންނާއި 16 އޮފިޝަލުން ހިމެނޭ ޕާކިސްތާންގެ ކޮންޓިންޖެންޓް މިހާރު ތިބީ ލަންޑަންގަ އެވެ.

ޝާހް ވިދާޅުވީ އޮފިޝަލުންގެ ގޮތުގައި އޮޅުވާލައިގެން އެއްވެސް މީހަކު ކޮންޓިންޖެންޓްގައި ހިމަނައިފައިނުވާނެ ކަމަށެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި