މީޑް-ސީޒަން ޓްރާންސްފާގައި ވީބީ އައްޑޫ އެފްސީ ސްކޮޑަށް އިތުރުކުރި ހޮލެންޑްގެ ޑިފެންސިވް މިޑްފީލްޑަރު އިއްޔެ މާލެ އައިސް ޓީމާ ގުޅިއްޖެ އެވެ.
ތުރުކީ އަށް އުފަން، އެހެން ނަމަވެސް ހޮލެންޑުގައި ދިރިއުޅޭ ސުއަތު އުސްތާ ، ،31 ވަނީ ރޭ އޮތް ވީބީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ހޮލެންޑްގެ ބައެއް ކްލަބުތަކަށް ކުޅެފައިވާ އުސްތާ ވަނީ 2002 އިން 2006 ވަނަ އަހަރާ ހަމައަށް ތުރުކީގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ގަލަޓަސަރާއީ އަށް ކުޅެފަ އެވެ. ސެންޓްރަލް ޑިފެންޑަރަކަށް ވެސް ކުޅޭ އުސްތާ އެންމެ ފަހުން ކުޅުނީ ހޮލެންޑްގެ ދެވަނަ ޑިވިޝަންގެ ކްލަބަކަށެވެ.
ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ރޭ ބުނީ އުސްތާ އަކީ ވީބީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ގެނައި ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފެންވަރު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުސްތާ އަކީ ރާއްޖޭގެ ކްލަބުތަކުން އާންމުކޮށް ގެންނަން ބިދޭސީ ކުޅުންތެރިންނާ އަޅާބަލާއިރު އަގުބޮޑު ކުޅުންތެރިއެއް ކަމަށް ބުންޏެވެ.
"ވީބީން ވަރަށް ރަނގަޅަށް ބަލާފައި ގެނައި ކުޅުންތެރިއެއް މިއީ. ރާއްޖެ އަށް އާންމުކޮށް ގެންނަ ބިދޭސީ ކުޅުންތެރިންނާ އަޅާބަލާއިރު އަގުބޮޑު ކުޅުންތެރިއެއް މިއީ. ވަރަށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ސަތޯ ބުންޏެވެ.
ވީބީގައި އުސްތާއާ އެކު މިހާރު ބިދޭސީ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ހޮލެންޑްގެ މިޑްފީލްޑަރު ސެންގިޒް ހުސެއިން އާއި ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ އެވެ.
ވީބީން ވަނީ ޖޫން މަހުގެ ޓްރާންސްފާ މުއްދަތުގައި ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ލައިބީރިއާގެ މިޑްފީލްޑާ ޗާލްސް ރައިޓް ގަޔޭ ވެސް ހިމެނެ އެވެ.
ދިވެހި ލީގު ފާއިތުވި ތިން އަހަރު ކާމިޔާބުކުރި ވީބީ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ.

0 comment