އިންގްލިޝް ޕްރިމިއާ ލީގް

އާސެނަލް އެއްވަރުވި އިރު ވެސްޓް ބްރޮމް އަތުން ލިވަޕޫލް ބަލިވެއްޖެ

މުހައްމަދު ހަމްދޫން
19 އޯގަސްޓް 2012 01:12
  • އާސެނަލްގެ ޕޮޑޮލްސްކީ (ވ) އަތުން ބޯޅަ ހޯދަން ސަންޑަލެންޑުގެ ކޭމްޕްބެލް މަސައްކަތްކުރަނީ. --އޭއެފްޕީ

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އިއްޔެ ފެށިއިރު ފުރަތަމަ މެޗުގައި ސަންޑަލެންޑާ ކުޅެ 0- 0 އިން އާސެނަލް އެއްވަރުވެ، ވެސްޓް ބްރޮމްވިޗް އަތުން 3- 0 އިން ލިވަޕޫލް ބަލިވެއްޖެ އެވެ.

އާސެނަލްގެ ކެޕްޓަން ރޮބިން ވޭން ޕާސީ އެ ކްލަބް ދޫކޮށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިތާ ދެ ދުވަސް ފަހުން ކުޅުނު މި މެޗު ޑޮމިނޭޓްކުރީ އާސެނަލް އިންނެވެ. ނަމަވެސް ސަންޑަލެންޑުގެ ވަރުގަދަ ޑިފެންސިވް ކުޅުމުގެ ތެރެއިން އާސެނަލް އަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.

މުޅި މެޗުގައި ވެސް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އާސެނަލްއާ އަލަށް ގުޅުނު ފްރާންސް ފޯވާޑް އޮލިވާ ޖިރޯ އަށެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅު ބަދަލު ކުޅުންތެރިޔާ ޖިރޯ އަށް އާސެނަލްއާ އަލަށް ގުޅުނު ސްޕެއިނުގެ ސެންޓި ކާޒޯލާ ތަނަވަސްކޮށްދިން ހުސް ފުރުސަތުގައި އޭރިއާ ތެރޭ އެކަނިމާއެކަނި ހުރެ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އާސެނަލްއާ އަލަށް ގުޅުނު ޖަރުމަނުގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާއި ތިއޯ ވޮލްކޮޓަށް ވެސް މެޗުގައި ލަނޑު ޖަހަން ފުރުސަތު ލިބުނެވެ.

އާ ކޯޗު ބްރެންޑަން ރޮޖާސްއާ އެކު ލިވަޕޫލުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި 58 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑެނިއަލް އެގާ އަށް ވަނީ ރަތްކާޑެއް ދައްކާފަ އެެވެ. ވެސްޓް ބްރޮމް އަށް ލަނޑު ޖަހައިދިނީ ގެރާ އާއި އޮޑެމްވިންގީ އަދި ޗެލްސީގެ ލޯނެއްގެ ދަށުން އެ ކްލަބަށް ދާދި ފަހުން ބަދަލުވި ރޮމެލޫ ލުކާކޫ އެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާ ކޯޗު އަންދްރޭ ވިޔަސް ބޮއަސްއާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 2- 1 އިން ބަލިވެފަ އެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެމްބާ ބާ އެވެ. ޓޮޓެންހަމް ޖާމެއިން ޑެފޯ ނަތީޖާ ހަމަހަމަކޮށްދިން އިރު ނިއުކާސަލް މޮޅުވީ ޕެނަލްޓީއަކުން ހަތެމް ބެން އަރްފާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭ އެސްޓަން ވިލާ 1- 0 އިން ވެސްޓްހޭމް ޔުނައިޓެޑް މޮޅުވިއިރު ސްޓޯކް ސިޓީ އާއި ރެޑިންގެ މެޗު  1- 1 އިން އެއްވަރުވީ އެވެ. ކިއުޕީއާރް އަތުން 5- 0 އިން ސްވަންސީ މޮޅުވިއިރު ނޯވިޗް ސިޓީ އަތުން ފުލަމް ވެސް ވަނީ 5- 0 އިން މޮޅުވެފަ އެވެ.

ލީގުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 30: 5 ގައި ޗެލްސީ އާއި ވިގަން އެތުލެޓިކް ވާދަކުރާއިރު މެންޗެސްޓާ ސިޓީ އާއި ސައުތުހެމްޓަންގެ މެޗު އޮންނާނީ 00: 8 ޖަހާއިރެވެ. މާދަމާރޭ އޮންނާނީ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ މެޗެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި