މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑަށް މެޗެއް ކުޅުމުގެ ފުރުސަތު ބޯލްޓަށް ދެނީ

ހަސަން ޝިފާން
06 ސެޕްޓެމްބަރ 2012 11:48
  • އިނގިރޭސި ލީގުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗުގެ ކުރިން ބޯލްޓް، ޔުނައިޓެޑްގެ ރަމްޒީ ޖޯޒީއެއް ހިފަހައްޓައިގެން: ބޯލްޓް ވަނީ ޔުނައިޓެޑަށް ކުޅެން ބޭނުންވާ ކަމަށް ބުނެފައި. -- ފޮޓޯ / އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 6) - މި އަހަރުގެ އޮލިމްޕިކް ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ރަން މެޑަލް ހޯދި ޖެމެއިކާގެ މަޝްހޫރު ދުވުންތެރިޔާ އުސެއިން ބޯލްޓަށް މެންޗެސްޓާ ޔުނައިޓެޑަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބިދާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ދެ އޮލިމްޕިކް ގޭމްސްގައި ބޮޑު ކާމިޔާބެއް ހޯދައިފައިވާ ބޯލްޓަކީ ކުރިންސުރެ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އަދި ޔުނައިޓެޑަށް ކުޅުމުގެ ޝައުގުވެރިކަން އޭނާ ވަނީ ފާޅުކޮށްފަ އެވެ.

ފާގަސަން ބުނީ ރެއާލް މެޑްރިޑްގެ ކުރީގެ ތަރިންނާ ދެކޮޅަށް އަންނަ އަހަރު ޔުނައިޓެޑް ކުޅޭ ޗެރިޓީ މެޗުގައި ބޯލްޓަށް ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށެވެ.

"ބޯލްޓަކީ ޔުނައިޓެޑްގެ ވަރަށް ބޮޑު ސަޕޯޓަރެއް. ޗެރިޓީ މެޗެއްގައި ކުޅުމަށް ބޯލްޓް ވެސް ޝައުގުވެރިވޭ. އަންނަ އަހަރު ރެއާލް މެޑްރިޑްގެ ކުރީގެ ތަރިންނާ ދެކޮޅަށް ކުޅޭ ޗެރިޓީ މެޗުގައި ކުޅުމުގެ ފުރުސަތު ބޯލްޓަށް ދެވިދާނެ. އަދި އޭނާގެ ފެންވަރު އަހަރެމެންނަށް ބަލާލެވޭނެ،" ފާގަސަން ބުންޏެވެ. "ކުދިކުދި ރަށްތަކަށް ނިސްބަތް މީހުންނަކީ ފުޓްބޯޅަ ކުޅޭ މީހުން. މިސާލަކަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯ ޑްވައިޓް ޔޯކް ކިޔަމާ. އެ ރަށްތަކުގައި ކުޅޭ އެންމެންނަކީ ވެސް ސްކޫލް ލެވެލް ނުވަތަ ޔޫތު ލެވެލްގައި ފުޓްބޯޅަ ކުޅޭ މީހުން."

އޮސްޓްރޭލިއާގެ ޓްވެންޓީ 20 ބިގް ބޭޝް ކްރިކެޓް ލީގަށް ބޯލްޓް ގެންނަން އެ ލީގުގެ ކްލަބަކުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ބޯލްޓް ވަނީ ދުވުންތެރިއަކަށްވުމުގެ ކުރިން ޖޫނިއާ ލެވެލްގައި ކްރިކެޓް ކުޅެފަ އެވެ. އަދި ކްރިކެޓަށް އަދިވެސް ލޯބި ހުންނަ ކަމަށް ބޯލްޓް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި