ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ އެސްޓީއޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑާ އެކު ޕީކޭ އިން ލީގުގެ އައްޑަނަ ރޭ އުފުލާލައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދި ޕީކޭ އިން ގެންދިޔައީ 25- ،18 25- 16 އަދި 25- 12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕީކޭގެ އަލީ އާމިރެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕީކޭގެ ސްރީލަންކާ ކުޅުންތެރިއާ އެސްއޭ ޖަނިތެވެ. އެންމެ މޮޅު ޑިގަރުގެ މަގާމު އެ ޓީމުގެ ނިޒާރު އިބްރާހިމަށް ލިބުނުއިރު އެންމެ މޮޅު ސެޓަރަކީ އެ ޓީމުގެ މުހައްމަދު ރަނޭޝް (ރަނޭ) އެވެ. އެންމެ މޮޅު ބްލޮކަރުގެ މަގާމު ޕީކޭގެ އާމިރަށް ލިބުނުއިރު، އެންމެ މޮޅު ލިބެރޯ އަކީ އެ ޓީމުގެ އަހުމަދު ނަބީލެވެ. އެންމެ މޮޅު ކޯޗަކީ ޕީކޭގެ އިބްރާހިމް ޝިހާމެވެ. މުބާރާތުގެ އެންމެ މޮޅު ސާވާއަކީ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބުގެ އިޝާން މުހައްމަދު (ބަޓިސް) އެވެ. އެންމެ މޮޅު ސްޕައިކަރަކީ ސިފައިންގެ ކްލަބުގެ އިންޑިއާ ކުޅުންތެރިއާ ގުރިންދަރު ސިންގެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ އަހުމަދު އަނިލް ނަސީރެވެ.
މި މުބާރާތުގެ ގަދަ ހަތަރު ޓީމު ވަނީ ހުކުރު ދުވަހު ފަށާ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތަށް ކޮލިފައިވެފަ އެވެ. އެއީ ޗެމްޕިއަން ޕީކޭ އާއި ރަނަރަޕް ސިފައިންނާއި ތިން ވަނަ ހޯދި ޕޮލިސް ކްލަބު އަދި ކަސްޓަމްސް ރެކްރިއޭޝން ކްލަބެވެ. މުބާރާތުގެ ފުލަށް ދިޔަ ސްޕޯޓްސް ކްލަބް ސިޓީ އާއި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

0 comment