މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ކުޅިވަރު ހަތަރު މުބާރާތެއްގެ ރައިޓްސް އެމްބީސީ އަށް ހިލޭ ދިނުމަށް ގަވާއިދުގެ ދަށުން ކަނޑައަޅައިފި

ފަޒީނާ އަހުމަދު
26 އެޕްރީލް 2012 09:47 13 ކޮމެންޓު
  • އެމްބީސީގެ ޓީވީއެމް: ބައެއް މުބާރާތްތަކުގެ ރައިޓްސް އެތަނަށް ދޭން ވަނީ ނިންމާފައި -- ހަވީރު ފައިލް ފޮޓޯ

ބްރޯޑްކާސްޓުކުރުމާއި ރީބްރޯޑްކާސްޓުކުރުމުގެ ގަވާއިދުގެ ދަށުން، ފީފާ ވޯލްޑް ކަޕާއި ސާފް ގޭމްސްގައި ދިވެހި ގައުމީ ޓީމުތައް ބައިވެރިވާ މެޗުތަކާއި ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ޗެލެންޖްކަޕުގައި ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތަކުގެ ރައިޓްސް ޕަބްލިކް ބްރޯޑްކާސްޓަރަށް ހިލޭ ދޭންޖެހޭ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ލިސްޓުކޮށްފި އެވެ.

"ބްރޯޑްކާސްޓުކުރާ މިފަދަ އިވެންޓްތައް ލިސްޓުކުރުމުގެ މަގްސަދަކީ ދިވެހި ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލް އަގުވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތައް ރައްޔިތުންނަށް ހިލޭ ލިބިދޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ލިސްޓެޑް އިވެންޓްތައް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައި މިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި އޮލިމްޕިކް ކޮމިޓީ އާއި ނެޝެނަލް ސްޕޯޓްސް ކައުންސިލްއާ އެކު މަޝްވަރާކޮށް، އެ ފަރާތްތަކުގެ ލަފަޔާއެކުގަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނިގޮތުގައި ލިސްޓްކޮށްފައިވާ އިވެންޓެއް ބްރޯޑްކާސްޓުކުރުމުގެ ހައްގު އެއްވެސް ރީބްރޯޑްކާސްޓަރެއް ނުވަތަ ބްރޯޑްކާސްޓަރެއް ހޯދައިފިނަމަ، ޕަބްލިކް ބްރޯޑްކާސްޓަރުގެ ގޮތުގައި މިހާރު ހިންގަމުން އަންނަ އެމްބީސީ އަށް އަގަކާ ނުލައި ބްރޯޑްކާސްޓުކުރުމުގެ ހުއްދަ ދޭން ޖެހޭނެ އެވެ.

"މިގޮތުން ފޯރުކޮށްދޭ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓުކުރުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީގެ ފައިދާ އިން 50 އިންސައްތައަށް ވުރެ މަދުނޫން، ދެ ފަރާތުން އެއްބަސްވާ، އަދަދެއް ބްރޯޑްކާސްޓަރަށް ދޭންވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެގޮތުން އެންމެ ފުޅާދާއިރާއެއްގައި ޕަބްލިކް ބްރޯޑްކާސްޓަރަށް ހިދުމަތް ނުދެވޭގޮތަށް ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓުކުރުމުގެ ވަކި ހައްގުތަކެއް ހޯދައިދިނުން ގާނުން މަނާކުރެ އެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait