ޓޭބަލް ޓެނިސް

ޖަރުމަނާއި ދިވެހި ކުޅުންތެރިންގެ އެކުވެރިކަމުގެ ޓީޓީ މެޗުތަކެއް ކުޅެފި

މުހައްމަދު ހަމްދޫން
11 އެޕްރީލް 2012 16:53
  • ގައުމީ މުބާރާތުގައި ނިޝާ ކުޅެނީ: ޖަރުމަނުގެ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ވަނީ ހޯމަ ދުވަހުގެރޭ ކުޅެފައި. --ހަވީރު ފައިލް ފޮޓޯ

އޭޝިއަން ޖާމަން ސްޕޯޓްސް އެކްސްޗޭންޖް ޕްރޮގްރާމް (އޭޖީއެސްއީޕީ) ގެ ދަށުން ޖަރުމަން ވިލާތުގެ ޕީޓާޝާގަން އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓީމަކާ ދެމެދު ހޯމަ ދުވަހުގެރޭ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފި އެވެ.

ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ 35 މެޗު ވަނީ ކުޅެފަ އެވެ. އެ މެޗުތަކުގެ ތެރޭގައި ދެ ގައުމުގެ ކުޅުންތެރިންގެ މިކްސް މެޗުތަކެއް ވެސް ހިމެނެ އެވެ.

މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ދިވެހި ކުޅުންތެރިން ވަނީ ޖަރުމަނަށް ދަތުރެއްކޮށް އެ ގައުމުގެ އަށް ސްޓޭޓެއްގެ ޓީމުތަކާ އެކު މެޗުތަކެއް ކުޅެ ތަޖުރިބާ ހޯދައިފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން މާދަމާ ވެސް 35 ކުޅުންތެރިން ހިމެނޭ ޓީމެއް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފެވެ. ރޭގެ ރަސްމިއްޔާތުގައި އޭޖީއެސްއީޕީގެ ކޯޑިނޭޓަރު ކައިލްގްލޯބިގް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޭޖީއެސްއީޕީ އިން ރާއްޖޭގެ އެހެން ޓީމުތަކަށް ވެސް ޖަރުމަނުގެ ޓީމުތަކާ އެކު އެކްސްޗޭންޖް ޕްރޮގްރާމް ބާއްވާ އިތުރު ތަމްރީން ދޭނެ ކަމަށެވެ.

އޭޖީއެސްއީޕީ އިން ވަނީ އެފްއޭއެމްއާ އެކު ވި އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމު ޖަރުމަނުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސައިފަ އެވެ. ނަމަވެސް ވީސާ ހަމަނުޖެހިގެން ފަހު ވަގުތު އެ ދަތުރު ފަސްވީ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި