ވޮލީބޯލް އެސޯސިއޭޝަން ކަޕް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ސިފައިންގެ ކްލަބަށް ހޯދައިދިނުމަށް ފަހު، އެ ކްލަބުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ހުށަހަޅައިފައިވާނެ ކަމަށް ސިފައިންގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
މި އަހަރުގެ ވޮލީބޯޅަ ސީޒަނަށް ވަރުގަދަ ޓީމެއް ނެރުނު އެސްޓީއޯ އަތުން އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ސިފައިން މޮޅުވީ 3- 2 ސެޓުންނެވެ. ސިފައިން ޖެހިޖެހިގެން ތިން ފަހަރު އެސޯސިއޭޝަން ކަޕްގެ ތަށި ހޯދީ ސަތޯގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ ސަތޯ އެ މުބާރާތް ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.
ސަތޯ ބުނީ އެސޯސިއޭޝަން ކަޕްގެ ކާމިޔާބަށް ފަހު އިސްތިއުފާ ދޭން އޭނާ ހުށަހެޅީ ސިފައިންގެ ކްލަބާމެދު އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި "މާބޮޑު ޕްރެޝަރެއްގައި މަސައްކަތްކުރަން އުނދަގޫވާތީ" ކަމަށެވެ.
"ސިފައިންނަށް މިއީ ވަރަށް މުހިންމު އަހަރެއް. ހާއްސަކޮށް އެސޯސިއޭޝަން ކަޕްގެ މުހިންމުކަން ބޮޑު. އެހެންވެ ވަރަށް ބޮޑު ޕްރެޝަރެއްގައި އޮވެގެން މަސައްކަތްކުރަން ޖެހެނީ. ތަށި ގެއްލިދާނެ ކަމުގެ ބިރު އޮންނަނީ މާބޮޑަށް. އަބަދު އެހެނެއް މަސައްކަތެއް ނުކުރެވޭނެ. ސިފައިންނަށް އެއްވެސް ތައްޓެއް ގެއްލޭކަށް ބޭނުމެއްނުވޭ،" އެސޯސިއޭޝަން ކަޕްގެ މޮޅު ކޯޗުގެ މަގާމް ހޯދި ސަތޯ ބުންޏެވެ. "އަޅުގަނޑު ސިފައިންގެ ކްލަބުގައި އަބަދުވެސް މަސައްކަތްކުރަމުންދިޔައީ ވަރަށް ހިތްހަމަޖެހިގެން، ޝައުގުވެރިކަމާއެކު. އަޅުގަނޑު ނެތަސް ސިފައިންނަށް ކާމިޔާބަށް އެދެނީ."
ސަތޯ ބުނީ މި އަހަރު ވޮލީބޯޅަ ސީޒަންގައި ސިފައިންގެ ޓީމަށް އިރުޝާދު ދޭން އެއްބަސްވެފައި އޮތުމުން، އެ ކްލަބާ ވަކިވެވޭނީ މެނޭޖްމަންޓާ ވާހަކަދެއްކުމަށް ފަހު ކަމަށެވެ. ައަދި މެނޭޖްމަންޓާ ވާހަކަދައްކާނެ ކަމަށާއި "އެއްވެސް މައްސަލައަކީ ހައްލުނުވާނެ މައްސަލައެއް ނޫން" ކަމަށެވެ.
ދިވެހި ސިފައިންގެ ކްލަބަށް ސަތޯ ވަނީ 2010 ވަނަ އަހަރު އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީބޯޅަ މުބާރާތް އަދި ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި ސަތޯގެ އިރުޝާދުގެ ދަށުން އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ސިފައިން ދިފާއުކުރި ނަމަވެސް، ގައުމީ ލީގު އެ ކްލަބަށް ވަނީ ގެއްލިފަ އެވެ.
މި އަހަރުގެ ވޮލީބޯޅަ ސީޒަން ފެށުމުގެ ކުރިން "ކޯޗިން ސްޓާފުންނާ ހިޔާލު ތަފާތުވުންތަކެއް އުޅޭ" ކަމަށް ބުނެ ސަތޯ ވަނީ ސިފައިންގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެއަށް ފަހު ސަތޯ ޕޮލިސް ކްލަބްގެ ކޯޗުކަމާ ހަވާލުވެފައިވާ ކަމަށް ޕޮލިހުން ވެސް އިއުލާންކުރި އެވެ. އެކަމަކު ސީޒަން ފެށުމުގެ ކުރިން ސަތޯ ވަނީ ސިފައިންގެ ކްލަބާ ގުޅިފަ އެވެ. ސަތޯ ސިފައިންގެ ކްލަބާ ހަވާލުވީ އޭނައާ ހިޔާލު ތަފާތުވި އޮފިޝަލުން ޓީމުން ދުރުކުރަން ސިފައިންގެ ކްލަބުން އެއްބަސްވުމުން ކަމަށްވެ އެވެ.
ސަތޯ ބުނީ އެހެން ޓީމަކާ ހަވާލުވުމުގެ އެއްވަސް ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.
"އެހެން ޓީމަކަށް ދިއުމަކާމެދު އެއްވެސް ވަރަކަށް ނުވިސްނަން. އަހަރެން އަދި މިހުރީ ސިފައިންގެ ކްލަބްގެ ކޮންޓްރެކްޓެއްގައި،" ސަތޯ ބުންޏެވެ.

އެމްޑީޕީގެ މުޒާހަރާ
0 comment