މޮޓޮރޯލާ

މޮޓޮރޮލާ މޯބިލިޓީ އަށް ވަކި އަހަންމިއްޔަތުކަމެއް ނޯންނާނެ: އެރިކް ޝްމިޓް

އަހުމަދު ނިޔާޒް
09 ނޮވެމްބަރ 2011 10:23

ގޫގުލުން މޮޓޮރޮލާ މޯބިލިޓީ ގަތީ މިލްކުވެރިކަން ލިބިގަތުމަށްޓަކައި ކަމަށް އެގްޒެކެޓިވް ޗެއާމަން އެރިކް ޝްމިޓް ވިދާޅުވި އެވެ. މޮޓޮރޮލާއާ އެކު އޯގަސްޓްގައި ގޫގުލުން އެއްބަސްވެ ސޮއިކޮށްފައި ވަނީ މޮޓޮރޮލާ މޯބިލިޓީ ގަތުމަށްޓަކައި 12.5 ބިލިއަން ޑޮލަރު ހޭދަކުރާ ގޮތަށެވެ.

ދެ މަހެއްހާ ދުވަސް ވަންދެން ހިމޭނުން އޮތުމަށް ފަހު މޮޓޮރޮލާ މޯބިލީޓީއާ މެދު ވިސްނާ ގޮތް ގޫގުލުން ހާމަކޮށްފި އެވެ. އެރިކް ޝްމިޓްއާ ހަވާލާދީ ވޯލް ސްޓްރީޓުން ބުނީ މޮޓޮރޮލާ މޯބިލިޓީ އަށް ގޫގުލުން އަހަންމިއްޔަތުކަން ދޭނެ އެވެ. އެގޮތުގައި މޮޓޮރޮލާ މޯބިލިޓީން އުފައްދާ ސްމާޓްފޯނާއި ޓެބްލެޓަށް ކަމުދާ ގޮތަށް އެންޑްރޮއިޑް ޑިވެލޮޕްކުރާނެ އެވެ. އެހެން ނަމަވެސް އެއީ ބަޔަކަށް އޮތް ހައްގެއް ބަންދުނުކޮށް ކަމަށް އޭނާ ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެ އެވެ.

ހާޑްވެއާ އުފެއްދުމަށްޓަކައި ގޫގުލުން ކުންފުނިތަކާ އެކު ގުޅުން ބަދަހިކުރަން ފެށުމުން މަސްރަހުގައި ޗުކުޗުކު ލެއްވި އެވެ. އެންޑްރޮއިޑަކީ އޯޕަން ޕްލެޓްފޯމެއް ކަމަށް ގޫގުލުން ބުނާއިރު އަމިއްލަ މަސްލަހަތުގައި ހާޑްވެއާ އުފައްދަން ފަށައިފި ނަަމަ އެ ބުނާ ވަރަށް އެންޑްރޮއިޑް ހުޅުވާލުން ގޫގުލް އަށް އުނދަގޫވާނެ ކަމަށް ބުނެވުނެ އެވެ. އެހެން ކުންފުނިތަކަށް ދެވެން ނެތް ފުރުސަތުތައް ގޫގުލް ހާޑްވެއާ އަށް ދެވޭނެ ކަމަށް އެއިރު ވެސް ބުނެވުނެވެ.

އެރިކް ޝްމިޓް މިހާރު ވެސް ވިދާޅުވަނީ ހަމަ އެހެންނެވެ. މޮޓޮރޮލާ މޯބިލިޓީން ހޭންޑްސެޓް އުފެއްދުން އެއީ އެހެން ކުންފުނިތަކަށް އޮތް ހައްގެއް ނިގުޅައިގަތުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެންޑްރޮއިޑަކީ އަބަދު ވެސް އޯޕަން ޕްލެޓްފޯމެއް ގޮތުގައި ދަމަހައްޓަވާނެ ކަމަށް ވިދާޅުވެ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެރިކް ޝްމިޓް އެހެން ވިދާޅުވި ނަމަ ވެސް ކަން ކުރެއްވެނީ އެ ގޮތަށް ނޫންކަން ކަށަވަރު އެވެ. އެންޑްރޮއިޑްގެ އާ އަދަދެއް ނެރޭ ނަމަ އަޖުމަބެލުމަށް ނަމަވެސް އަދި ހައިސިއްޔަތު ދިފާއުކުރުމަށް ނަމަވެސް ވެސް އެ އަދަދެއް އެންމެ ފުރަތަމަ ބޭނުންކުރެވެނީ ގޫގުލް އަށް މަސްލަހަތު އޮންނަ ފޯނެއްގަ އެވެ. އެ ގޮތުގައި ނެކްސަސް ވަން އާއި ނެކްސަސް އެސް އަދި ގެލަކްސީ ނެކްސަސް ހިމެނެ އެވެ. އެހެން ބަޔަކު ލައްވައި ހާޑްވެއާ އުފެއްދި ނަމަ ވެސް އެއިން ކޮންމެ ފޯނެއް ވެސް ފޫޅުކަނޑާފައި ވަނީ ގޫގުލް އަށެވެ.

އެރިކް ޝްމިޓް ދާދި ފަހުން ސައުތު ކޮރެއާ އަށް ކުރެއްވި ދަތުރެއްގައި ވިދާޅުވި ގޮތުން ގޫގުލުން އެންޑްރޮއިޑް ހުޅުވާފައި އޮތް މިންވަރަށް އެ ކަން ދެމި އޮންނާނެ އެވެ. އަދި އަމިއްލަ ހާޑްވެއާ އުފައްދާ އެއްވެސް ބަޔަކަށް އޮތް ހައްގެއް ނިގުޅައިގަތުމަށްޓަކައި ހަތިޔާރެއް ގޮތުގައި އެންޑްރޮއިޑް ބޭނުން ނުކުރާނެ އެވެ. އަދި އެހެން ބަޔަކަށް ނެތް އޯގާތެރިކަމެއް މޮޓޮރޮލާ މޯބިލިޓީ އަށް ވެސް ނޯންނާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި