އަގެއް ނެތް ކަޅުސައި ތަށީގައި ސިއްހީ ގިނަ ފައިދާތަކެއް
އެއްޗެއް ކަޅަކުން ކަންފުޅެއް ވެދާނެ ކަމަށް ޅެންވެރިޔާ ވެސް އެއްބަސްވެ އެވެ. އެއްޗެއް އޮތް ތަނުގައި ބާއްވާފައި ހަމައެކަނި ކަޅަކުން ވެސް ލައްކަވަރު ވެދާނެ ކަމަށް ސިއްހީ މާހިރުން ވެސް ބުނެ އެވެ. އެކަމަކު އަގެއް ނެތް ކަޅުސައި ފެން ތައްޓެއްގައި އެ ބުނާ ވަރު ހުރީ ކޮން ގޮތަކުން ބާވަ އެވެ؟
ކަޅުސަޔަކީ ސިއްހަތަށް ފައިދާކުރާ އެއްޗެއް ކަމަށް ބުނެ އެވެ. ކަޅުސަޔަކީ ބަނޑު ހަރުވާ އެއްޗެއް ކަމަށް ވެސް ބުނެ އެވެ. ސިއްހަތަށް ފައިދާކުރާ އެއްޗަކުން ވެސް ބަނޑުހަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކަޅުސަޔަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެއް ކަމަށް އަބަދުވެސް ބުނެވެ އެވެ. ފަހުގެ ހޯދުންތަކުން އެކަން ކަށަވަރުވާ ކަމަށް ޔޫކޭ ނިއުޓްރިޝަން ބްލެޓިންގައި ވެސް ބުނެފައިވެ އެވެ. ކަޅުސަޔަކީ ހަކުރުބަލިން ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނެ ނިއު ޔޯކް ޓައިމްސް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ކެއުމަކަށް ވިއަސް ބުއިމަކަށް ވިއަސް ހަކުރާއި ލޮނު އިތުރުކުރުމަކީ ނިއުޓްރިޝަނުންނާއި ޑައިޓީޝަނުން ހިތްވަރުދޭ ކަމެއް ނޫނެވެ. އެ ބީދައިން ބަލައި ކަޅުސަޔާ މެދު އެއްޗެއް ބުނާ ނަމަ ސައިފަތު ފެނަށް ހަކުރާއި ކިރު އެއްކުރުމުން އެއީ ސިއްހީ މާހިރުން އެ ބުނާ ކަޅުސަޔަކަށް ނުވާނެ އެވެ.
އާދަވެގެން ކަޅުސައި ބޯ ނަމަ ލޭ ހިނގުން ހަމައަކަށް އަޅުވަ އެވެ. ލޭ ހޮޅިތައް ބެދި ނުވަތަ ފިތިގެން ދިމާވާ ކުއްލި ހާލަތްތަކުން ދުރުކޮށްދޭ ކަމަށް ވެސް ބުނެވެ އެވެ. ކަޅުސަޔަކީ ނިސްބަތުން އެންޑިއޮކްސިޑެންޓްސް އާއި ފްލޭވޮނޮއިޑްސް އަދި ތިއަނައިން ގިނަ ބުއިމެއް ކަމަށްވެ އެވެ.
ކަޅުސަޔާއި ސިއްހަތާ ހުރި ގުޅުން ދެނެގަތުމަށް ކުރިން ކުރި ދިރާސާތަކުން ވެސް ކަޅުސަޔަކީ ހެޔޮ ބުއިމެއްކަން ވަނީ އެނގިފަ އެވެ. ކަޅުސައިން ވެސް ނުބައި އަސަރެއް ކޮށްފާނެ އެވެ. އެކަމަކު މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކަޅުސަޔަކީ ރަނގަޅު ބުއިމެކެވެ. ސިއްހީ މާހިރުންނަށް ޚިލާފުވެވެނީ ބޯން ޖެހޭ މިންވަރާ މެދު އެވެ.
0 comment