ގޫގްލް

ގޫގަލް އައި/ އޯ ޓިކެޓްތައް ވިކި މުޅިން ހުސް

އަހުމަދު ނިޔާޒް
28 މާޗް 2012 09:21

ގޫގަލްގެ އަހަރީ ޑިވެލޮޕާސް ކޮންފަރެންސް "އައި/ އޯ ކޮންފަރެންސް"ގެ ޓިކެޓްތައް ބައިގަޑިއިރު ތެރޭ ވިކި މުޅިން ހުސްވެއްޖެ އެވެ. ގޫގަލްއާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ޓިކެޓްތައް ވިއްކަން ފެށިތާ 28 މިނެޓް ހަމަވިއިރު ހުރިހާ ޓިކެޓެއް ޑިވެލޮޕަރުން ގަނެ ހުސްކޮށްފި އެވެ.

އައި/ އޯ ކޮންފަރެންސް އަކީ އަހަރަކު އެއްފަހަރު ޑިވެލޮޕަރުންނަށް ގޫގަލުން ހުޅުވާލާ ފުރުސަތެކެވެ. އޭގައި އެންޑްރޮއިޑަށާއި އެޗްޓީއެމްއެލް 5 އަށް ޑިވެލޮޕްކުރުން އޮވެ އެވެ. ގޫގަލް ކޮމިއުނިޓީގައި ހިމެނޭ އާންމު ދާއިރާތަކަށް ޚާއްސަކޮށްގެން ގޫގަލް ނެޓްވޯކުގައި ބޭނުންކުރުމަށް ޑިވެލޮޕަރުންނަށް ފުރުސަތު ހުޅުވިފައި އޮވެ އެވެ.

ވިޔަފާރީގެ އުސޫލުން އެންޑްރޮއިޑަށް ޑިވެލޮޕްކުރުމާއި އެޗްޓީއެމްއެލް 5 ވެބް އެޕްލިކޭޝަން ތަރައްގީކުރުމާއި ދަަރިވަރުންނަށް އުނގަންނައިދިނުމާއި އާންމު މުޖުތަމައު ހޭލުންތެރިކުރުވުން ވެސް އެޖެންޑާގައި ހިމެނެ އެވެ.

މި އަހަރު އައި/ އޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައި ވަނީ ސެން ފްރަންސިސްކޯގެ މޮސްކޯން ސެންޓަރުގައި ޖޫން 27 ން 29 އަށެވެ. ޓިކެޓްގެ އަގު މި ފަހަރު ވަނީ ބޮޑުކޮށްފަ އެވެ. ރެޖިސްޓްރޭޝަން ފީއާ އެކު ޓިކެޓަކަށް 900 ޑޮލަރު ހޭދަކުރަން ޖެހެ އެވެ.

އެހާ އަވަހަށް ޓިކެޓްތައް ވިކި ހުސްވުމުން ގޫގަލްގެ އިންޖިނޭރުން ވެސް ތިބީ ޝޮކްޖެހިފަ އެވެ. ފަހަރުގައި އެންމެ ބޭނުން މީހާ އަށް ޓިކެޓެއް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިކް ގަންޑޮޓްރާ ވެސް ވަނީ ބުނެފަ އެވެ. ގޫގަލް ޕްލަސްގައި ވިކް ބުނެފައިވާ ގޮތުން ޓިކެޓްތައް ވިއްކަން ފެށިތާ މިނެޓެއް ވީއިރު ގޫގަލް ސާވާތައް ސިކުންތަކުން 6250 ކުއަރީސް ތަޖުރިބާކުރަމުން ދިއަ އެވެ. އޭނާ ސިފަކޮށްފައިވާ ގޮތުން ހޫނު ކޭކެއް ވެސް އެހާ އަވަހަކަށް ނުވިކޭނެ އެވެ.

"އައި/ އޯ ކޮންފަރެންސް އަށް އެހާ ބޮޑު ތަރުހީބެއް އޮތީތީ އަހަރެމެން މިތިބީ ތަލިން ކުޅުހިކިފައި،" ވިކް ބުނެފައިވެ އެވެ. "ޓިކެޓަކަށް ބޭނުން ޖެހި ނުލިބި ތިބި މީހުން ހިތްދަތިކަމާއި ހަސަދަވެރިކަން ތަހަންމަލްކުރާނެ ކަން އަހަރެމެންނަށް އެނގޭ."

ސަމިޓަށް ވަދެލޭނެ ފުރުސަތު ނުލިބުނު ނަމަވެސް އައި/ އޯ ކޮންފަރެންސްގެ ކީނޯޓް ސްޕީޗް ލައިވްކޮށް ބެލޭނެ އެވެ. ވިކް ބުނެފައިވާ ގޮތުން ގޫގަލުން އެ އިވެންޓް ލައިވް ސްޓްރީމްކުރާނެ އެވެ. ދެން ހުރި ސެޝަންތައް ވެސް 24 ގަޑިއިރު ތެރޭ ބެލޭ ވަރު ކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެކަންތައްތައް އެގޮތަށް ހަމަޖެހުނު ކަމަށް ވިޔަސް ޓިކެޓެއްގައި އައި/ އޯ ކޮންފަރެންސް އަށް ވަންނަ ކޮންމެ މީހަކަށް ގޫގަލުން ހިލޭ ދޭ ދަބަސް އެހެން މީހުންނަކަށް ނުލިބޭނެ އެވެ. މިދިއަ އަހަރު އެ ދަބަހުގައި ސަމްސޮންގް ގެލަކްސީ ޓެބް 10.1 ވަނީ ބަހާފަ އެވެ. މި ފަހަރު ދަބަހުގައި ގޫގަލް ނެކްސަސް ޓެބްލެޓެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި