ނާސާގެ ސައިންސްވެރިން މިހާރު ވަނީ އެމީހުންގެ އިލްމީ ދުނިޔޭގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ވަގުތަށް ތައްޔާރުވެފަ އެވެ. ބައެއް ސައިންސްވެރިން ތިބީ ނޭވާ ހިފަހައްޓާލައިގެން ދެން ވާނެ ގޮތެއްގެ އިންތިޒާރުގަ އެވެ. މާދަމާ މާސް އަށް ޖައްސާ އުޅަނދު، ކިއުރިއޮސިޓީ އަކީ މިހާތަނަށް ނާސާ އިން ތަޖުރިބާކޮށްފައި ނުވާ މުޅިން އާ ގޮތަކަށް އެ ބިމަށް ތިރިކުރާ އެއްޗެކެވެ.
ނާސާ އިން ބުނާ ގޮތުގައި ހޯމަ ދުވަހު މާސްގެ ބިމަށް ތިރިކުރުމުގެ ކުރިން ކިއުރިއޮސިޓީގެ މިސްރާބު އޭގެ އެންމެ މުހިންމު ދިމާލަށް ވަނީ ޖައްސުވާފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދުނިޔެ އިން އުދުއްސާލި އުޅަނދުގެ 570 މިލިއަން މޭލުގެ ދަތުރު މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފަ އެވެ.
ކިއުރިއޮސިޓީގެ މި ދަތުރު ސައިންސްވެރިންނަށް މުހިންމު ވަނީ މިހާތަނަށް މާސްގައި ކުރިއަށް ނުގެންދާވަރުގެ ތަހުލީލުތަކެއް ހެދުމުގެ ގާބިލްކަން އެއަށް ލިބިފައިވުމާއި ބިމަށް ތިރިކުރާ އިރު އިންޖިނިއަރުން ތައްޔާރުކޮށްފައިވާ އާ އީޖާދުގެ ސަބަބުންނެވެ.
މާސްގެ ބިންގަނޑަށް މި އުޅަނދު ޖައްސަނީ އެ ޕްލެނެޓްގެ މެދުގައި އޮތް ފުން ވަޅުގަނޑަކަށެވެ. މީގެ ކުރިން އެފަދަ ވަޅުގަނޑަކަށް އެއްވެސް އުޅަނދެއް ޖައްސާފައެއް ނުވެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެއްވެސް ޒަމާނެއްގައި މާސްގައި ދިރުމެއް އުފެދުނު ނަމަ އެކަން ދެނެގަނެވޭނެ އެންމެ މުހިންމު ހެކިތައް ހޯދޭނީ މިފަދަ ހިސާބަކުންނެވެ.
"އަހަރެމެން މިހާރު ތައްޔާރުވެގެން މިތިބީ ބަރުކޮށްފައިވާ އެތައް ބައިވަރު އާލާތެއް އަޅާފައި ހުރި ކުޑަކުޑަ ކާރެއް ޖައްސަން. މިއީ އަސްލު ވެސް ހައިރާންކުރުވަނިވި ދަތުރެއް،" ނާސާގައި ހިންގާ މާސްއާ ބެހޭ ޕްރޮގްރާމްގެ އެންމެ އިސް ވެރިޔާ ޑަގް މެކުއިޝަން ވިދާޅުވި އެވެ.
ކިއުރިއޮސިޓީ އަކީ މިހާތަނަށް މާސް އަށް ފޮނުވި އެންމެ ބޮޑު އަދ އެންމެ ސޮފިސްޓިކޭޓެޑް ސާމާނު ހުރި އުޅަނދެވެ. ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ މި އުޅަނދުގެ ދިރާސާތައް ކުރާނީ މާސްގައި ހިމެނޭ އެންމެ ފުން އެއް ވަޅުގަނޑު ކަމަށްވާ ގޭލް ކްރޭޓާގަ އެވެ. މި ޕްލެނެޓްގައި އެއްވެސް ޒަމާނަކު އެއްވެސް ކަހަލަ ދިރުމެއް އުފެދިފައިވާ ނަމަ އެ ވަޅުގަނޑުގެ ހިލަތައް ދިރާސާކޮށްގެން އުޅަނދުން ކުރާ ތަހުލީލުތަކުން އެނގޭނެ އެވެ.
މި ދަތުރުގައި އެންމެ މޮޅު އެއް ކަމަކީ މާސް އަށް ކިއުރިއޮސިޓީ ޖައްސާ ގޮތެވެ. ޖެއްސުމުގެ މުޅި މަރުހަލާ ބިނާކޮށްފައި އޮތީ މުޅިން އޮޓޮމެޓިކްކޮށެވެ. ކުރިން މާސް އަށް ފޮނުވި ސޮޖޯނާ އާއި ސްޕިރިޓް އަދި އޮޕޮޗުނިޓީ ފޮނުވީ ބޮޑު ބޯޅައެއްގެ ތެރޭގަ އެވެ. އެކަމަކު އެ ހުރިހާ އުޅަނދަކަށް ވުރެ ކިއުރިއޮސިޓީ ބޮޑުވެފައި ބަރުކަމުން، ފުއްޕި ބޯޅައެއްގެ ތެރޭގައި ބިމަށް ވައްޓާލުމަކީ އޭތި ސަލާމަތްވާނެ ގޮތެއް ނޫނެވެ.
ނާސާގެ ސައިންސްވެރިން ދެން އީޖާދުކުރީ މީގެ ކުރިން ޖައްވީ އެއްވެސް އުޅަނދެއް، އެއްވެސް ބިމަކަށް ޖައްސަން ބޭނުންކުރި ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އިންޖިނިއަރުން ތައްޔާރުކުރީ ރޮކެޓް އިންޖީނު އެޅި ކްރޭނެކެވެ. އުޅަނދު މާސްގެ ބިމަށް ތިރިކުރުމުގެ އެންމެ ފަހު ބައި އަދާކުރާނީ މި ކްރޭނުންނެވެ.
ނާސާ އިން މި މުހިންމު އީޖާދު ތަރައްގީކޮށްދިން މަސައްކަތުގައި އިސްކޮށް ހުންނެވީ އެޑަމް ސްޓެލްޒާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަލާބެލުމަށް އެއީ ތަންކޮޅެއް މޮޔަ ޚިލާކަށް ވެދާނެ އެވެ.
އެކަމަކު "ކިއުރިއޮސިޓީ ސައިޒުގެ އުޅަނދެއް މާސް އަށް ތިރިކުރާ އިރު މިއީ އެންމެ މޮޔަކަން ކުޑަ ޚިޔާލު ކަން އަހަރެން ޔަގީންކޮށްދެން. އަހަރެމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް އާދިއްތަ ދުވަހުގެ ރޭ އަހަރެމެންނަށް ރަނގަޅު ރެއަކަށް ވާނެކަމުގެ،" ސްޓެލްޒާ ވިދާޅުވި އެވެ.
ކިއުރިއޮސިޓީ ރައްކާކޮށްފައި ވަނީ ކެޕްސޫލެއް ކަހަލަ އެއްޗެއްގަ އެވެ. މާސްގެ އެޓްމޮސްފިއާގެ ތެރެއަށް މި ކެޕްސޫލް ވަދެގަންނާނީ ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. މި ބާރު ސްޕީޑް ކޮންޓްރޯލްކުރަން ކެޕްސޫލްގެ އިންޖީނުތައް އިސްޓާޓްކުރާނެ އެވެ.
އެޓްމޮސްފިއާގެ ތެރެއިން ދަތުރުކުރާ އިރު ކެޕްސޫލްގެ ގާތްގަނޑަކަށް ހުރިހާ ހަކަތަކެއް ބޭނުންކުރާނެ އެވެ. އޭގެ ކުރިމަތީ ޝީލްޑްގެ ހޫނުކަން، އެޓްމޮސްފިއާގެ ތެރެއިން ދާއިރު، 2000 ސެންޓިގްރޭޑަށް އަރާނެ އެވެ.
މާސްގެ ބިމަށް ވުރެ 11 ކިލޯމީޓަރު މަތިން، ކެޕްސޫލްގެ ބޮޑު ވައިކުޑަ ހުޅުވޭނެ އެވެ. އެކަމަކު ދެން ވެސް އެ ދަތުރުކުރާނީ ސުޕަސޮނިކް ސްޕީޑްގަ އެވެ. މިހާ ހިސާބަށް ދާއިރު، ކެޕްސޫލްގެ ޝީލްޑް ނެއްޓޭނެ އެވެ. މިއީ އުޅަނދު ޖެއްސުމުގެ އެންމެ މުހިންމު އެއް ބަޔެވެ. އެއީ ޝީލްޑް ނެއްޓުމާ އެކު، ބިންގަނޑުގެ ފޮޓޯ ނެގުމާއި ރާޑަރު ހިމެނޭ އާލާތްތަކުގެ މަސައްކަތް ފަށައި، އޭގެ ލޯ ހުޅުވުނީ އެވެ.
މާސްގެ ބިންގަނޑަށް ވުރެ މަތިން 1.5 ކިލޯމީޓަރާ ހަމައަށް ފޯރުމާ އެކު، ކެޕްސޫލް އާއި ވައިކުޑަ ދޫކޮށް، ކިއުރޮސިޓީ ތިރިކުރުމުގެ މަސައްކަތް ފަށާނީ ރޮކެޓް އިންޖީނު އަޅާފައިވާ ކްރޭނެވެ. އޭރު ސްޕީޑް ހުންނާނީ ސިކުންތަކު 80 މީޓަރުގެ ބާރު މިނުގަ އެވެ. އެކަމަކު ކްރޭންގެ ރޮކެޓްތައް އިސްޓާޓްކޮށްލުމާ އެކު އެ ސްޕީޑް ސިކުންތަކު އެންމެ މީޓަރަކަށް ދަށްކުރާނެ އެވެ. ދެން ކްރޭނުން ވާތަކެއްގެ އެހީގައި ކިއުރިރޮސިޓީ ބިމަށް ތިރިކުރާނެ އެވެ. ބިންމަތީގައި އުޅަނދު ޖެހުމާ އެކު އެ ވާގަނޑުތައް ކެނޑި، ކްރޭން އުދުހިގަންނާނީ އުޅަނދަށް ވުރެ މާ ދުރަށް ވެއްޓިގަންނާށެވެ. އެހާ ހިސާބުން އެ ކްރޭންގެ ބޭނުން ކެނޑުނީ އެވެ.
މި ހުރިހާ ކަމެއް މާސްގެ ބިމުގައި ނިމިގެންދާނީ މުޅިން އޮޓޮމެޓިކުންނެވެ. ނާސާގެ ސެންޓަރުގައި ތިބި ސައިންސްވެރިންނަށް ކުރެވޭނެ އެއްވެސް ކަމެއް އެވަގުތަކު ނޯންނާނެ އެވެ. ދުނިޔެ އާއި މާސްއާ ދެމެދު އޮތް ދުރުމިނަށް ބަލާއިރު އެއްވެސް މުއާމަލާތެއް ހިންގަން ގާތްގަނޑަކަށް 14 މިނިޓްގެ ވަގުތެއް ނަގަ އެވެ. އެހެންކަމުން މިކަހަލަ ދަތުރެއް ކޮންޓްރޯލްކުރަން ވަގުތުން ވަގުތަށް ކޮމާންޑްކުރެވޭނެ ގޮތެއް ނެތެވެ.
ކޮންމެއަކަސް ހޯމަ ދުވަހަކީ ސައިންސްގެ ދުނިޔޭގައި އަންނާނެ މުހިންމު އެއް ދުވަހަށް ވުން ކައިރި އެވެ. ސަލާމަތުން، އެއްވެސް ގެއްލުމެއް ނެތި، ކިއުރިއޮސިޓީ މާސް އަށް ތިރިކުރެވިއްޖެ ނަމަ އެކަން ވާނީ އިލްމީ އާ ހޯދުމަކަށް ލިބުނު ވަރަށް ބޮޑު ތަރައްގީއަކަށެވެ. އަދި ނިއުކްލިއަ ބެޓެރިއެއް ހިމެނޭ އުޅަނދު އެތައް ޒަމާނެއް ވަންދެން މާސްގެ ބިންގަނޑު ދިރާސާކުރަމުން ގެންދާނެ އެވެ.

6 comments