ސެމްސަންގް

ސްމާޓްފޯނު މާކެޓުގައި ސެމްސަން ކުރި ހޯދަނީ

ހަސަން އާމިރު
18 އޯގަސްޓް 2012 09:38 4 ކޮމެންޓު
  • ސެމްސަންގެ ފަހުގެ އުފެއްދުން ގެލެކްސީ އެސް 3: އެންމެ ފަހު ތިން މަސް ދުވަހު ސެމްސަންގުން ވަނީ 90 މިލިއަން ފޯނު ވިއްކާފައި.

ސެން ފްރެންސިސްކޯ (އޮގަސްޓް 17) - އަހަރުގެ ދެ ވަނަ ކުއާޓަރަށް ބަލާއިރު އެޕަލްގެ މައްޗަށް ކުރި ހޯދައި ސްމާޓްފޯނު މާކެޓުގައި ދެކުނު ކޮރެއާގެ ސެމްސަން ލީޑު ހޯދައިފައިވާ ކަމަށް މާކެޓް ދިރާސާ ކުރާ ކުންފުންޏަކުން ބުނެފި އެވެ.

ގާޓްނާ ރީސާޗުން ބުނި ގޮތުގައި އެންމެ ފަހު ތިން މަސް ދުވަހު ތެރޭ ސެމްސަންގުން ވަނީ 90.4 މިލިއަން މޯބައިލް ފޯނު ވިއްކައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29.5 ޕަސެންޓުގެ އިތުރުވުމެކެވެ.

ސެމްސަންގުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮތީ ގެލެކްސީ އެސް 3 އަށެވެ. މިދިޔަ މެއި މަހު މި ފޯނު ބާޒާރަށް ނެރުނު ފަހުން މިހާތަނަށް 10 މިލިއަން ފޯނު ވިއްކާފައިވާ ކަމަށް ގާޓްނާ އިން ބުނެ އެވެ.

އެންމެ ފަހު ތިން މަސް ދުވަހު ތެރޭ އެޕަލް އިން ވިއްކާފައި ވަނީ 28.9 މިލިއަން އައިފޯނެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު ދުނިޔޭގެ މޯބައިލް ފޯނު ވިޔަފާރި ވަނީ 2.3 ޕަސެންޓް ދަށްވެފަ އެވެ. އެންމެ ފަހުން ނިމުނު ތިން މަސް ދުވަހުގެ މުއްދަތުގައި ދުނިޔޭގައި ވިކިފައި ވަނީ 419 މިލިއަން މޯބައިލް ފޯނެވެ.

އެޕަލްގެ އައިފޯން 5 އަންނަ މަހު ނެރެން ހަމަޖެހިފައިވާތީ ކުރިއަށް އޮތް ތިން މަސް ދުވަހު އެ ކުންފުނީގެ ވިޔަފާރި މައްޗަށް ޖެހޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މޯބައިލް ފޯނުގެ ވިޔަފާރި އަށް ބަލާއިރު މާކެޓުގައި ސްމާޓް ފޯނުގެ ހިއްސާ 36.7 ޕަސެންޓަށް އަރާ ކަމަށް ގާޓްނާ އިން ބުނެ އެވެ.

ސެމްސަންގުން ވަނީ އެ ކުންފުނީގެ ފުރަތަމަ ކްއާޓަރުގެ ފައިދާ 4.44 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މޯބައިލް ފޯނުގެ ވިޔަފާރި ކަމަށް ވެސް ދެކުނު ކޮރެޔާގެ ބިޔަ ކުންފުނިން ބުނެ އެވެ.

ސްމާޓްފޯނު މާކެޓުގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ ސެމްސަންގާއި އެޕަލްގެ އުފެއްދުންތަކެވެ. ސެމްސަންގާއި އެޕަލްގެ ފަހަތުން ދެން މާކެޓުގައި އެންމެ ކުރީގައި އުޅެނީ ނޮކިއާ އެވެ. --އޭއެފްޕީ

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait