މި ފެށޭ ހަފުތާގައި އެޕަލްގެ އާ އައިފޯން ބާޒާރަށް ނެރެން ތައްޔާރުވެފައި ވަނިކޮށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ގޫފޯން" އިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރި ވީޑިއޯއެއްގައި ވަނީ އެ ކުންފުނީގެ އާ ފޯނު "ގޫފޯން އައި5" ދައްކާލައިފަ އެވެ. އެ ފޯނު ހަދާފައި ވަނީ އެޕަލް އިން ސިއްރުކޮށްގެން އުޅޭ އާ ފޯނު އޮންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަމުންދާ ގޮތަށެވެ. އައިފޯނުގެ ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބުނެ މިހާރު އާންމުކޮށްފައިވާ ފޮޓޯތަކާ ޗައިނާ ކުންފުނީގެ ފޯނާ ތަފާތެއް ނެތެވެ. ޗައިނާ ކުންފުނީގެ ޑިޒައިން އެޕަލްގެ ޑިޒައިނާ ދިމާވެއްޖެ ނަމަ، އެޕަލް އިން ޗައިނާ ފޯނުގެ ޑިޒައިން ކޮޕީކުރި ކަމަށް ބަލައި، އެ ގައުމުގެ ޕޭޓަންޓް ގާނޫނުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެފައިވެ އެވެ.
ޗައިނާ ފޯނުގެ އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑެވެ. ކުއެޑް-ކޯ 1.4 ގިގަހާޓްޒް ޕްރޮސެސާއެއް ހިމެނޭ އެ ފޯނުގައި 1 ޖީބީގެ ރޭމް އާއި 8 މެގަޕިކްސިލްގެ ކެމެރާއެއް ހިމެނެ އެވެ. އަދި 3.5 އިންޗީގެ ހައިޑެފިނީޝަން ސްކްރީނެއް ހަރުކޮށްފައިވެ އެވެ. މި ފޯނުގެ ޑެސްކްޓޮޕް ތީމް ހަދާފައި ވަނީ ދެން ނުކުންނަ އައިފޯންގެ ތީމް ހުންނާނެ ކަމަށް ބުނާ ގޮތަށެވެ.
ޗައިނާ ކުންފުނީގެ ފޯނު ހަދާފައި ވަނީ އެޕަލްގެ އާ ޑިޒައިނާ އެއްގޮތަށް ކަމަށްވާ ނަމަ އެޕަލް އިން އެ ކުންފުނީގެ އާ ފޯނު ޗައިނާގެ ބާޒާރަށް ނެރެން އުޅެފި ނަމަ ޕޭޓަންޓް މައްސަލަ ކުރިމަތިވެ، އެޕަލްއާ ދެކޮޅަށް ދައުވާ ކުރާނެ އެވެ. އެޕަލްގެ ޑިޒައިންތަކާއި ޓެކްނޮލޮޖީ ސެމްސަންގުން ކޮޕީކުރި ކަމަށް ކޯޓުން ހުކުމްކޮށް، އެޕަލް އަށް ބިލިއަން ޑޮލަރުގެ ބަދަލެއް ދޭން އަމުރުކޮށްފައި ވާއިރު އެޕަލް އަށް ވެސް މިފަހަރު ލަނޑު ލިބިދާނެ އެވެ. ނަމަވެސް އެޕަލްގެ އާ ފޯނު އޮންނާނީ ޗައިނާ ކުންފުނިން އެ ބުނާ ގޮތަށް ކަމެއް ވެސް އަދި މުޅިން ކަށަވަރެއް ނޫނެވެ. ދެކެވެނީ ތޯތޯ ވާހަކަތަކެކެވެ.
މީގެ ކުރިން ޗައިނާ ކުންފުނިތަކުން ވަނީ ސެމްސަންގް ގެލެކްސީ އެސް3 އާއި އެޗްޓީސީ ވަން އެސް އާއި އައިފޯން 4ގެ ޑިޒައިން ވެސް ކޮޕީކޮށް، އެ ފޯނުތައް ބާޒާރަށް ނެރުމުގެ ކުރިން ޗައިނާގެ ފޯނުތައް ވިއްކަން ފަށައިފަ އެވެ.
ޗައިނާގައި މީގެ ކުރިން ނެރުނު އައިފޯން 4 އާ އެއްވައްތަރުގެ ފޯނުގެ މައްސަލަ ހައްލުކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ސްމާޓްފޯނުގެ މާކެޓްގައި ޗައިނާގެ ހިއްސާ މިހާރު ވަރަށް ބޮޑުތަން އިތުރުވެއްޖެ ކަމަށާއި އެހެންވެ މި މަހު 12 ގައި ނެރޭ އައިފޯނާ ޗައިނާގެ ފޯނު ވައްތަރުވެއްޖެ ނަމަ ފިނިކޮށް ނިންމާ ނުލެވޭނެ ކަމަށެވެ. އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން ބުނާ ގޮތުގައި ސްމާޓްފޯނުގެ މާކެޓްގެ 26.5 ޕަސެންޓް މިހާރު އޮތީ ޗައިނާގަ އެވެ. މިއީ އެމެރިކާގެ ހިއްސާ އަށް ވުރެ ވެސް މަތީ މިންވަރެކެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
15 comments