ސަން ޖޯސޭ (އޯގަސްޓް 25) - އެޕަލްގެ އައިފޯނާއި އައިޕެޑް ކޮޕީކުރި ކަމަށް ސެމްސަންގުގެ މައްޗަށް ސާބިތުވެ އެ ކުންފުނިން އެޕަލް އަށް 1.05 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.
ކޯޓުގެ ޖޫރީން ވަނީ އެޕަލްގެ އުފެއްދުންތައް ސެމްސަންގުން ކޮޕީކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި 1.049 ބިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެޕަލް އިން ޕޭޓަންޓް ހޯދާފައިވާ ޑިޒައިންތަކާއި ޓެކްނޮލޮޖީ ސެމްސަންގުން ކޮޕީކުރީ ގަސްދުގައި ކަމަށް ޖޫރީން ކަނޑައަޅާފައި ވާތީ، ދައްކަންޖެހޭ ފައިސާގެ އަދަދު ތިން ގުނަ އަށް އިތުރުވެގެން ދިއުން ވެސް އެކަށީގެންވާ ކަމަށެވެ.
އުފެއްދުންތައް ކޮޕީކުރި ކަމަށް ބުނެ އެޕަލް އިން ދައުވާކުރުމާ އެކު ރައްދުގައި ސެމްސަންގުން ވެސް އެޕަލްގެ މައްޗަށް ދައުވާއެއް ކުރި އެވެ. ނަމަވެސް ޖޫރީން ވަނީ އެ ދައުވާ ބަލައި ނުގެންފަ އެވެ.
ސެމްސަންގާ ދެކޮޅަށް އިއްވި ހުކުމުގައި، ސެމްސަންގުގެ ގެލެކްސީ ރޭންޖުގެ ބައެއް ފޯނުތައް ހިމެނޭނެ އެވެ. އަދި ގެލެކްސީ ޓެބްލެޓް 10 ވެސް ހިމެނެ އެވެ. ނަމަވެސް ސެމްސަންގުން ފަހުން ނެރުނު އެސް 3 އަށް މި ހުކުމް ނުހިނގާނެ އެވެ. އެކަމަކު އެ ފޯނާ ދެކޮޅަށް ވަކި ދައުވާއެއް ހުށަހެޅުމުގެ ފުރުސަތު އެޕަލް އަށް އޮންނާނެ އެވެ.
ސެމްސަންގުން ބުނީ އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ނިމުމަކީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި މިހެން ދިމާވީ ޕޭޓަންޓް ސިސްޓަމަށް އެޕަލްގެ ނުފޫޒު ފޯރުވައި، ކަންތައްތައް އޮޅުވާލަފައި އޮތުމުން ކަމަށެވެ. އަދި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވެސް ބުންޏެވެ. ދެކުނު ކޮރެއާގެ ސެމްސަންގުން ބުނީ ކޯޓުގެ މި ހުކުމަކީ މި މައްސަލާގައި އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިނގަމުންދާ މި ފަދަ މައްސަލަތަކުގައި ވެސް އެންމެ ފަހު ބަސް ނޫން ކަމަށެވެ.
"މި ހުކުމަކީ އެޕަލް އަށް ލިބުނު ކާމިޔާބީއެއް ކަމަށް ބަލައިގެން ނުވާނެ. އެކަމަކު މިއީ އެމެރިކާގެ ކަސްޓަމަރުންނަށް ލިބުނު ގެއްލުމެއް،" ސެމްސަންގުން ބުންޏެވެ.
އެ ކުންފުނިން ބުނީ ޕޭޓަންޓް ގާނޫނަކީ އެއް ކުންފުންޏަކަށް ހުރިހާ ބާރުތަކެއް ލިބޭ ގޮތަށް ބައްޓަން ވެފައި އޮންނަ އެއްޗަކަށް ވުމަކީ ވަރަށް ދެރަކޮށް އޮތް މައްސަލައެއް ކަމަށެވެ. ސެމްސަންގުން ޓެކްނޮލޮޖީ ތައާރަފްކުރަނީ އަބަދުވެސް އިތުރަށް ތަރައްގީކޮށްގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް އާ ޓެކްނޮލޮޖީތައް ތައާރަފްކުރަމުން ދާނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
ސެމްސަންގާ ދެކޮޅަށް ކުރި ހުކުމަކީ އެޕަލް އަށް ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވުނު ކަމުގައި ވިޔަސް ސެމްސަންގުގެ މައްސަލަ ޖެހުނު އުފެއްދުންތައް އެމެރިކާގައި ވިއްކުން ހުއްޓުވޭނެ ކަމެއް އަދި ނޭނގެ އެވެ. މައްސަލަ ކޯޓަށް ހުށަހެޅި ފަހުން، ދައުވާގައި ނުހިމެނޭ ބައެއް އާ އުފެއްދުންތައް ސެމްސަންގުން ވަނީ އެމެރިކާގެ ބާޒާރަށް ނެރެފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރީލް އިން ޖޫން އަށް ސެމްސަންގުން ވަނީ 50.2 މިލިއަން ފޯނު ވިއްކައިފަ އެވެ. އެ މުއްދަތުގައި އެޕަލް އިން ވިއްކާފައި ވަނީ 26 މިލިއަން ފޯނެވެ. މޯބައިލް ފޯނު މާކެޓުގެ އެއް ވަނަ ސެމްސަންގަށް ލިބެނީ މާކެޓުގެ 32.2 ޕަސެންޓާ އެކުގަ އެވެ. އެޕަލްގެ މާކެޓް ޝެއާ އަކީ 16.9 ޕަސެންޓެވެ. --އޭއެފްޕީ

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
26 comments