ޕްރޮޖެކްޓް ގްލާސް އަޅުވައިގެން ގޫގަލް ސީއީއޯ، ލެރީ ޕޭޖް ލަންޑަންގައި ސަޕޯޓަރުންނާ މުޚާތަބްކުރައްވައި ވާހަކަދައްކަވައިފި އެވެ.
ގޫގަލުން ތަރައްގީކުރަމުން އަންނަ ޕްރޮޖެކްޓް ގްލާސްއާ ބެހޭ ގޮތުން ލެރީ ޕޭޖް ވިދާޅުވީ އެއީ އަދި ނަމޫނާއެއް ކަމަށެވެ. ޕްރޮޖެކްޓް ގްލާސް އަދި މުޅިން ފައްކާނުވި ނަމަ ވެސް އެއީ އުންމީދީ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
ލަންޑަންގައި އޮތް ގޫގަލް ޒައިޓްގެސްޓް އިވެންޓްގައި ސްޓޭޖަށް އަރާވަޑައިގެން ވިދާޅުވީ ޕްރޮޖެކްޓް ގްލާސް ފުރިހަމަވާން ދުވަސްތަކެއް ނަގާނެ ކަމަށާއި މިހާރުން މިހާރަށް ވެސް އެ އިވެންޓަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ފޮޓޯއެއް ނެންގެވިދާނެ ކަމަށެވެ. އަދި އައިނުގެ ދުނިގަނޑުގައި ހުރި ސްވިޗަކަށް ފިތާލައްވައި ފޮޓޯއެއް ނަންގަވަ އެވެ. އެ އަށް ފަހު ދެ ހަރަކާތެއް އެއްފަހަރާ ކުރައްވައި ޓަޗް ޕެނަލްއަކަށް އިޝާރާތްކުރައްވައި ފޮޓޯ ހިއްސާކުރައްވަ އެވެ. ބެލެވޭ ގޮތުގައި އެއީ ދައްކާލެއްވުމަށް ކުރެއްވި ހަރަކާތެކެވެ.
ލެރީ ޕޭޖް ވިދާޅުވި ގޮތުގައި ބަލާލި ކޮންމެ ތަނަކުން މައުލޫމާތު ލިބޭ ވަރަށް އަދި އެ ގްލާސް ތަރައްގީއެއް ނުވެ އެވެ. އިވެންޓަށް ހާޒިރުވެ ތިބި މީހުންނަށް އޭނާ ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ ނަންތައް ބުނެދެވޭ ވަރަށް އައިނު އަދި ތަރައްގީ ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުން ޒައިޓްގެސްޓް އިވެންޓަށް ވަޑައިގެން ތިއްބެވީތި އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.
ގޫގަލް ޕްރޮޖެކްޓް ގްލާސް މީޑިޔާ އަށް އާންމުވެ މަޝްހޫރުވާން ފެށުމާ އެކު ގޫގަލްގެ އެގްޒެކެޓިވުން ފެންނަނީ ޕްރޮޖެކްޓް ގްލާސް އަޅުވައިގެން ފެޝަން ޝޯ ދެއްވާ ތަނެވެ. ދާދި މިދާކަށް ދުވަހު ގޫގަލް ކޯފައުންޑާ ސަރްގޭ ބްރިން ވެސް ނަމޫނާ ޕްރޮޖެކްޓް ގްލާސްއެއް އަޅުއްވައިގެން ވަނީ އާންމުގެ ތެރެ އަށް ނިކުންނަވާފަ އެވެ.

އެމްޑީޕީގެ މުޒާހަރާ
0 comment