މައިކްރޮސޮފްޓް

މައިކްރޮސޮފްޓް ސީއީއޯ އޮފީހުގައި 80 އިންޗި ޓެބްލެޓެއް

އަހުމަދު ނިޔާޒް
30 މެއި 2012 09:02

ވިންޑޯޒް އެއިޓް ޓަޗްސްކްރީން ޓެބްލެޓްތަކުގެ ވާހަކަ އިވެ އެވެ. އެކަމަކު 80 އިންޗި ޓަޗްސްކްރީން ޓެބްލެޓެއްގެ ވާހަކަ މި ނޫނީ ނުއިވެ އެވެ. މައިކްރޮސޮފްޓް ވައިސް ޕްރެޒިޑެންޓް، ފްރޭންކް ޝޯ ވިދާޅުވި ގޮތުގައި އެވަރުގެ ޓެބްލެޓެއް އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ މައިކްރޮސޮފްޓް ސީއީއޯ، ސްޓީވް ބޯލްމާގެ އޮފީހުގައި 80 އިންޗި ޓަޗްސްކްރީން ޓެބްލެޓެއް ހުރި ވާހަކަ އެއީ ތެދެކެވެ.

"އެއީ ވިންޑޯޒް އެއިޓް ޓަޗްސްކްރީން ޓެބްލެޓެއް،" ވަޔާޑް ޑޮޓް ކޯ ޔޫކޭގެ އެޑިޓަރު ނޭޓް ލޭންކްސަން އަށް ފްރޭންކް ވިދާޅުވި އެވެ. "އެ ހުންނަނީ ބޯލްމާގެ ކޮޓަރީގައި ފާރެއްގައި އަޅުވާފައި... އެއީ ބިޔަ ޓަޗްސްރީނެއް. ސްޓީވް ބޯލްމާ މިހާރު ފޯނެއް އަދި ނޯޓް ކަރުދާހެއް ބޭނުމެއް ނުކުރައްވާ. އޭނާ ބޭނުންކުރައްވަނީ ވައިޓް ބޯޑެއް... ވަރަށް ބިޔަ ވައިޓް ބޯޑެއް."

ފްރޭންކް ވިދާޅުވި ގޮތުގައި ސްޓީވް ބޯލްމާ އީމެއިލްކުރެއްވުމާއި ވެބް ބްރައުޒްކުރުން ފަދަ ބޭނުންތަކަށް އިޚުތިޔާރުކުރައްވަނީ އެ ޓެބްލެޓެވެ. އެއީ އެކި ދިމަދިމާއިން ހާޑްވެއާ އުފައްދައިގެން ގެނެސް ރާވާފައި ހުރި ޓަޗްސްކްރީން ޓެބްލެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެބްލެޓް މާކެޓްގެ އުސް އަލިތަކަށް ބަލާއިރު ޓޮޝިބާއިން މާކެޓްކުރާ އެގްޒައިޓް 13 ހިމެނެ އެވެ. ހައިރާންވާ ވަރުގެ ބޮޑެތި ސްކްރީންތަކެއް ވިންޑޯޒް އާއި އެންޑްރޮއިޑަށް އަދި ދީފައިނުވާއިރު 80 އިންޗި ޓަޗްސްކްރީން ޓެބްލެޓެއް ވާނީ ތަލިން ކުޅުހިކޭ ވަރުގެ މެޝިނަކަށެވެ.

ޓެކްނޮލޮޖީ ސިނާއަތުގައި ގަދަބާރެއް ގޮތުގައި އޮތް މައިކްރޮސޮފްޓުން އެ ހައިސިއްޔަތު އަދި އެއްފަހަރު ވަޒަންކޮށްލަން ބޭނުންވެ އެވެ. އެހެންވެ ސިއްރިއްޔާތުގައި ވިޔަފާރި ފުޅާކޮށް މާކެޓް ތޮރުފާލަން މިހާރު ތައްޔާރަށް އޮތް ކަމަށް ބުނެވެ އެވެ.

ދިރާސާ ރިޕޯޓްތައް ބުނާ ގޮތުން އެކި ސައިޒުގެ ވިންޑޯޒް އެއިޓް ޓެބްލެޓްތައް ދާދި އަވަހަށް މާކެޓަށް ނިކުންނާނެ އެވެ. އަދި ނުވި ތާކަށް 80 އިންޗި ޓަޗްސްކްރީން ވިންޑޯޒް އެއިޓް ޓެބްލެޓްތައް ވެސް މާކެޓަށް ނެރޭނެ އެވެ. މައިކްރޮސޮފްޓުން މިސްރާބު ޖަހާފައި ވަނީ އެ ދިމާއަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި