މައިކްރޮސޮފްޓުން ވިންޑޯޒާ އެކު ބަންޑެލިކޮށްގެން އިންޓަނެޓް އެކްސްޕްލޯރާ ބަހާތީ އެޕަލުން ކަންބޮޑުވި އެވެ. ބްރައުޒާ މާކެޓްގައި ވާދަވެރިންނަށް ފުރުސަތު ނެތް ކަމަށާއި ބޭނުންކުރާ މީހުންނަށް އިޚުތިޔާރެއް ނެތް ކަމަށް ބުނެ އެވެ.
ބްރައުޒާ މާކެޓްގައި އިންޓަނެޓް އެކްސްޕްލޯރާގެ ގްރާފް ތިރި އަށް ބަލައިނުލައި ރޮކެޓެއްހެން މައްޗަށް ދާ ސަބަބަކީ ކޮންމެ ވިންޑޯޒަކާ އެކު އިންޓަނެޓް އެކްސްޕްލޯރާ ހިލޭ ލިބޭތީ ކަމަށް ވެސް އެޕަލުން ބުންޏެވެ. އެޕަލްގެ އެ ބުނުން މިހާރަށް ބަލާއިރު އެއީ ގުދޯގުދޯ ގޮވުން ކަހަލަ ކަމަކަށް ވަނީ ވެފަ އެވެ.
އެޕަލް ވެބްސައިޓްގައި ވިންޑޯޒް ސަފާރީއެއް މިހާރަކު ނެތެވެ. ޑައުންލޯޑްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ލިންކެއް ނެތެވެ. ވިންޑޯޒް ސަފާރީ އަށް މިވަގުތު ހުރި ހަމައެކަނި ލިންކަކީ އެޕަލް ސަޕޯޓް ޕޭޖްގައި ވިންޑޯޒް ސަފާރީ 5.1.7 އަށް ހުރި ލިންކެވެ. އެކަމަކު ފެންވަރު ރަނގަޅު އަދި މުޅިން އާ އަދަދެއް ލިބެން ހުރި ނަމަ ސަފާރީ 5 އަށް މީހަކު ނުދާނެ އެވެ. އެޕަލުން ސަފާރީ 6 މާކެޓަށް ނެރެފި އެވެ.
ސަފާރީ 6 އާ އެކު އެޕަލުން ވިންޑޯޒް ދެކެ އަންނަ ރުޅި ދޭހަވެ އެވެ. ހަމަ ޔަގީނުން ވެސް އެކަން މިއަދު އޮތީ އެ ގޮތަށެވެ. ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގައި އެޕަލް ސަފާރީ ބޭނުންކުރާ މީހުން ގިނަ އެވެ.
އެޕަލުން ވިންޑޯޒަށް ސަފާރީ ޑިވެލޮޕްކުރަން ބޭނުން ނުވުމަކީ ރަނގަޅަކަށް ވެސް ވެދާނެ އެވެ. ވިންޑޯޒް ބޭނުންކުރާ މީހުންނަށް ހިތު ހުރި ވަރަކަށް އިޚްތިޔާރުކުރުމަށް ބްރައުޒާތައް މާކެޓް ތަޅުމަށް އުކާލެވިފައި ވެ އެވެ. އޭގެ ތެރޭގައި ގޫގަލް ކްރޯމް އާއި މޮޒިއްލާ ފަޔާފޮކްސް އާއި އޮޕެރާ އާއި އިންޓަނެޓް އެކްސްޕްލޯރާ ވެސް ހިމެނެ އެވެ. ޒަމާނީ ކޮންމެ ބްރައުޒާއެއް ވިންޑޯޒަށާއި މެކިންޓޮޝް އަށް އުފެއްދި ނަމަވެސް ބޭނުންކުރާ ނިސްބަތް ގިނައީ ވިންޑޯޒް ފަޅީގަ އެވެ.
އެޕަލުން ސަފާރީގައި ރޮކެޓް އިންޖީން އަޅަން ބޭނުންވެ އެވެ. އެޗްޓީއެމްއެލް 5 މައިގަނޑު އިންޖީނަކަށް ހަދައި އެޑޯބީ ފްލޭޝް ހިންދާލަން ބޭނުންވެ އެވެ. މެކިންޓޮޝް އަށް ގެންނަ ތަރައްގީއާ އެކު އައިކްލައުޑާ ގުޅުވައި ސަފާރީ އަށް އޮފްލައިން ބްރައުޒިން ގެންނަން ބޭނުންވެ އެވެ. ސެކިޔުރިޓީ ވަރުގަދަކޮށް ބްރައުޒްކުރާ މީހުން ބިސްމަޅި ނުދުއްވޭ ގޮތަށް "ޑޫ ނޮޓް ޓްރެކް" ފަދަ ފީޗާތައް ސަފާރީ އަށް ގެންނަން ވަނީ ލިސްޓްކޮށްފަ އެވެ. ސަފާރީ 6 އާ އެކު އެ ލިސްޓުން ބޮޑު ބައެއްގައި ރަނގަޅު ފާހަގަ ޖަހާލެވޭނެ އެވެ.
އެޕަލުން ވިންޑޯޒަށް ސަފާރީ ތަރައްގީކުރަން ބޭނުންނުވާ ސަބަބަކީ އެ ހުރިހާ ޚިދުމަތެއް ވާދަވެރިންނަށް ދޭން ބޭނުން ނުވުން ކަމަށް ވެދާނެ އެވެ. މެކަށް ވަފާތެރި މީހުންނަށް ހުރި އުފަލާއި އަރާމު ވިންޑޯޒަށް ދޭން ބޭނުން ނުވުން ކަމަށް ވެސް ވެދާނެ އެވެ. އެހެން ނޫން ނަމަ ސަފާރީ ވިންޑޯޒް ބޭނުންވާ ގޮތަށް އަދި ޑިވެލޮޕް ނުކުރެވެނީ ކަމަށް ވެސް ވެދާނެ އެވެ.
އެޕަލުން ވިންޑޯޒް ސަފާރީ ހިންދާލަން ބޭނުންވުމަކީ ވެސް ގޮތެކެވެ. ކައިރި ގޮތެކެވެ. އެހެން ނޫން ނަމަ އެޕަލް ސައިޓްގައި ވިންޑޯޒް ސަފާރި އަށް ހުރި ލިންކްތަކަށް ވީ ގޮތެއް ވެސް އޮންނާނެ އެވެ.

5 comments