ސެމްސަންގް

ގެލަކްސީ ނޯޓް 2ގެ ސްޕެކް ލީކްވެއްޖެ

އަހުމަދު ނިޔާޒް
29 އޯގަސްޓް 2012 10:24 2 ކޮމެންޓު

ގެލަކްސީ ނޯޓް 2 ނިކުންނާނެ ކަމަށް އެއް ބަޔަކު ބުންޏެވެ. އަނެއް ބަޔަކު ބުނީ ނުނިކުންނާނެ ކަމަށެވެ. ގެލަކްސީ ނޯޓް 2 ނިކުންނާނެކަން ސަމްސޮން ހެޑް ކުއާޓަރުން ކަށަވަރުކޮށްދީފި އެވެ.

ގެލަކްސީ ނޯޓް 2 މިއަދު ތައާރުފުކުރާނެ އެވެ. ސަމްސޮން އިން ދިން މީޑިއާ ބްރީފިންގައި އެހެން ބުނެ އެވެ. ޖަރުމަންގެ ވެރި ރަށް ބާލިންގައި ފެށޭ "އައިފާ" މައުރަޒުގައި ސަމްސޮން އިން ޚާއްސަ ހަފުލާއެއް ބާއްވާނެ އެވެ. އެއީ "ސަމްސޮން މޮބައިލް އަންޕެކްޑް" އެވެ.

ގެލަކްސީ ނޯޓް 2 ނެރުމަށްޓަކައި ކުރަން ޖެހޭ މައިގަނޑު ތައްޔާރީތައް ދެ ތިންދުވަސް ކުރިން ނިމިއްޖެ އެވެ. އެ ކަންތައްތަކުގެ ތެރޭގައި ގެލަކްސީ ނޯޓް 2 ގެ ސްޕެކް ލީކުކުރުމެއް ނުހިމެނެ އެވެ. އެކަމަކު އެކަން ވެސް ހިނގައިފި އެވެ.

ލީކުވެފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ގެލަކްސީ ނޯޓް 2 ގައި 5.5 އިންޗި ސްކްރީނެއް އިންނާނެ އެވެ. ގިނަ ބަޔަކު އެ ގޮތަށް ލަފާ ވެސް ކުރި އެވެ.

ގެލަކްސީ ނޯޓް 2 ގައި ސްޕަ އާމޯލެޑް ސްކްރީނެއް ހުންނާނެ އެވެ. ސްކްރީން ރިޒޮލޫޝަން އަކީ 1280 ގުނަ 720 އެވެ. ފުރަތަމަ ޖީލުގެ ގެލަކްސީ ނޯޓާ ޚިލާފަށް ނޯޓް 2 ގެ ސްކްރީން ރޭޝިއޯ 9: 16 ބަދަލުވެގެން ދާނެ އެވެ.

ނޯޓް 2 އާ ބެހޭ ގޮތުން ފެތުރިފައިވާ މައުލޫމާތު ސައްހަކުރާނެ ގޮތެއް ނެތެވެ. އެހެނެއް ކަމަކު މި ވާހަކަތައް ނުދައްކައި ތިބެވޭކަށް ވެސް ނެތެވެ. ނޯޓް 2 ގައި އަޅާނެ ކަމަށް ބުނެވެނީ ސަމްސޮން އަމިއްލަ އެގްޒިނަސް 4412 ޕްރޮސެސާއެކެެވެ. އެއީ ކްއަޑް ކޯ 1.4 ގިގަހާޓްޒް ޕްރޮސެސާއެކެވެ. ނޯޓް 2 ގައި 8 މެގަޕިކްސެލް ކެމެރާއެއް ހުންނާނެ އެވެ. 2 ޖީބީ ރޭމް އާ އެކު 3ޖީ އަދި 4ޖީ އެލްޓީއީ ނެޓްވޯކް ގެލަކްސީ ނޯޓް 2 ސަޕޯޓްކުރާނެ އެވެ.

ނޯޓް 2 ގައި ނޯޓް އެކެއްގެ ފީޗާތައް ވެސް ހުންނާނެ ކަމަށްވެ އެވެ. އެގޮތުގައި އެސްޕެން ސްޓައިލަސް ފާހަގަކުރެވެ އެވެ. ނޯޓް 2 އަށް ޚާއްސަކޮށްފައި ވަނީ އެންޑްރޮއިޑް 4.1 ޖެލީ ބީން އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait