ހަމުގެ ފަރުވާ

ހަންގަނޑުގެ ކުލަ ރީތިކުރުމަށް ކުރެވިދާނެ ބައެއް ކަންތައް

07 މެއި 2012 09:16 1 ކޮމެންޓު

ހަމުގައި ޖަހާ ކަޅު ލައްތައް، ކަޅު ތަންތަންގަނޑު އަދި ހަންގަނޑު ހަލާކުވުމަކީ ހަންގަނޑުގައި ހުންނަ ކުލަޔަށް ބަދަލުއަންނާނެ ކަމެކެވެ. މިފަދަ މައްސަލަތައް ހައްލުކޮށް ހަމުގެ ކުލަ ރީތިކުރަން ބޭނުން ހެއްޔެވެ؟ އިންސާނާގެ ހަމުގައި ހުންނަ ކޮންމެ ކުލައަކީ ވެސް އޭގެ ޒާތުގައި ރީތި ކުލައެކެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑުގެ ކުލަ އަށް ބަދަލު އަންނާނެ އެވެ. ހަމުގައި ބޮޑެތި ލައްގަނޑުގަނޑު ޖަހަން ފަށަ އެވެ. ކަޅުކުލައިގެ ތިކިތައް ވެސް ޖަހަ އެވެ. އަދި ކުރިން ހުރި އުޖާލާކަން ގެއްލެ އެވެ. އެހެންކަމުން ހަންގަނޑަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލެވިއްޖެ ނަމަ މިފަދަ މައްސަލަތަކަކީ ދުވަހަކު ވެސް ހައްލުވާނެ ކަންތައްތަކެއް ނޫނެވެ. އޭގެ ބަދަލުގައި ދުވަހެއް ދުވަހަކަށް މައްސަލަ ދާނީ ގޯސްވަމުންނެވެ.

ރަނގަޅަށް ފަރުވާދެވިއްޖެ ނަމަ ހަންގަނޑު އަލިވެ ހަންގަނޑުގެ ސިއްހަތު ވެސް ރަނގަޅުކުރެވިދާނެ އެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:-

ސަން ބްލޮކް ބޭނުންކުރުން

ހަމުގެ ކުލަ އަށް ބަދަލު ނައިސް ބެހެއްޓުމަށް ނުވަތަ ދުވަހަކަށް ވުރެ ދުވަހެއް ހަމުގެ ކުލަ އަލިކުރުމަށް ގަވާއިދުން ހަމަ ކޮންމެ ދުވަހަކު ވެސް ސަން ބްލޮކް ބޭނުންކުރުން މުހިއްމެވެ. އެ ގޮތުން އެސްޕީއެފްގެ 15 ނުވަތަ އެ އަށް ވުރެ މަތިން ހިމެނޭ މޮއިސްޗަރައިޒާއެއް ކޮންމެ ދުވަހަކު ވެސް ހެނދުނު ރީއްޗަށް މޫނު ދޮވުމަށް ފަހު މޫނާއި ގައިގެ ހަމުގައި ހާކަން އާދަކުރާށެވެ. ސަން ބްލޮކް ބޭނުންކުރުމުން ހަންގަނޑުގެ ކުލަ ކަޅުވުމުން ދުރުކޮށްދިނުމުގެ އިތުރުން އިންސާނުންގެ ހަމަށް ނުރައްކާކުރާ އިރުގެ ދޯދިތަކުން ވެސް ހަންގަނޑު ސަލާމަތްވާނެ އެވެ. އަދި ހަމުގެ ކެންސަރު ޖެހުމުން ދުރުވެ އަވަހަށް ހަންގަނޑުގައި މުސްކުޅި ވައްތަރު ނުޖެހުމަށް ވެސް އެޅޭ ބާރަކަށްވާނެ އެވެ. ސަންބްލޮކް އުނގުޅާއިރު އަތުގެ މަތިން ކޮންމެހެން ވެސް ހަނދާން ބަހައްޓަންވާނެ އެވެ. ސަބަބަކީ އަތަކީ އުމުރުން ދުވަސްވުމުން ހަންގަނޑުގައި ޖަހާ ލައްތައް އެންމެ ގިނައިން ޖަހާ ގުނަވަނަށް ވާތީ އެވެ.

އެކްސްފޮލިއޭޓްކުރުން

އެކްސްފޮލިއޭޓް ކުރުން ނުވަތަ މަރުވާ ހަންތައް ސާފުކުރުމަކީ ކޮންމެ ހަފުތާއަކު އެއް ފަހަރު ނަމަވެސް ކުރަންޖެހޭނެ ކަމެކެވެ. ހަމުގައި ހުންނަ މަރުވެފައިވާ ހަންތައް ނެއްޓުމުން ނޫނީ ހަމުގެ ކުލަ އަލިވެ ހަންގަނޑަކަށް އުޖާލާ ކަމެއް ނާންނާނެ އެވެ. މޭޒުމަތީ ސަމުސަލުގެ ދެ ސަމުވާ އޯޓްމީލް އާއި ދެ ސަމުސާ ބްރައުން ޝުގާ އަދި ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައި ހުންނަހާ ތާޒާ ކިރު ރަނގަޅަށް އެއްކުރުމަށް ފަހު ޕޭސްޓްގަނޑަކަށް ވަންދެން ގަށާށެވެ. ދެން މޫނުގައި ސްކްރަބްކުރުމަށް ފަހު ފެންފޮދަކުން ދޮވެލާފައި މޮއިސްޗަރައިޒާ ހާކާށެވެ. އޭރުން މަރުވެފައިވާ ސެލްތައް ފަސޭހަ އިން ސާފުކޮށްލެވޭނެ އެވެ.

ހާބަލް މާސްކް

ގޭގައި ތައްޔާރުކޮށްލެވޭ މާސްކަކުން ވެސް މޫނުމަތީގެ ދޮންކަން އިތުރުވެ މޫނުގެ އުޖާލާކަން އިތުރުވެގެންދާނެ އެވެ. އަދި މިއީ އަރާމުކޮށް ސޯފާއެއް ފަދަ އެއްޗެއްގައި އޮށޯވެލައިގެން އޮވެލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވެސް ވާނެ އެވެ. މިއީ ވެސް ހަފުތާއަކު އެއް ފަހަރަކު ދެވިދާނެ ފަރުވާއެކެވެ. މިކަމަށް ބޭނުންވަނީ ގާނާފައި ހުރި ކެލާ، ލުނބޯ ހުތް، ޓޮމާޓޯ ޖޫސް އަދި ކިއުކަމްބާ ޖޫސް ކޮންމެ ވައްތަރުގެ އެއް މޭޒުމަތީ ސަމުސަލުގެ އެއްޗިއްސެވެ. މި ހުރިހާ އެއްޗެހި ޕޭސްޓްގަނޑަކަށް ވާގޮތަށް އެއްކުރުމަށް ފަހު މޫނުގައި ރަނގަޅަށް ހާކާފައި ރީއްޗަށް ހިކެންދެން ބަހައްޓާށެވެ. ރަނގަޅަށް ހިކުމުން މޫނު ދޮވެލާފައި މޮއިސްޗަރައިޒާއެއް ހާކާށެވެ. އޭރުން މޫނުގެ އުޖާލާކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ އެވެ.

ލިކޮރިސް އެކްސްޓްރެކްޓް

ލިކޮރިސް އެކްސްޓްރެކްޓްގައި ގްލެބްރިޑިން ކިޔާ ކޮމްޕޯނަންޓެއް އެކުލެވެ އެވެ. މިއީ ގުދުރަތީ ގޮތުން ތަންކޮޅެއް ކަޅު ކުދިންގެ ހަންގަނޑު ދޮންކޮށްލުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. މި އެކްސްޓްރެކްޓް ތުނިތުނި ލޭޔާއެއް ގޮތަށް ހެނދުނާއި ހަވީރު އުނގުޅާށެވެ. މޫނުދޮވުމަށް ފަހު މޮއިސްޗަރައިޒާ އުނގުޅުމުގެ ކުރިންނެވެ. ލިކޮރައިސް އެކްސްޓްރެކްޓަކީ ހަމާ ގުޅޭ އެއްޗެހި ވިއްކާ ވަރަށް ގިނަ ފިހާރަތަކުން ލިބެން ހުންނަ އެއްޗެކެވެ. މީގެ ފުޅިއެއް ގަތުމަށް ފަހު ފިނި އަދި އަނދިރި ތަނެއްގައި ރައްކާކުރަން ހަނދާން ކުރާށެވެ. އޭގެ ތާޒާކަން ގިނަ ދުވަހު ހުންނާނީ އޭރުންނެވެ. މި ބޭނުންކުރުމުގެ ކުރިން އަތުގައި ކުޑަ އެތިކޮޅެއް ހާކާލައިގެން އެއްވެސް ކަހަލަ އެލާޖިކް ރިއެކްޝަނެއް އާދޭތޯ ބަލާފައި ނޫނީ މޫނުގައި ހޭކުން ރަނގަޅެއް ނޫނެވެ.

ހަމުގެ ކުލަ ކޮންމެ ކުލައެއްގައި ހުރި ނަމަވެސް ހަންގަނޑަށް ލޯބިކުރާށެވެ. ސަބަބަކީ ހަންގަނޑަކީ ތިމާގެ ގައިން ވަކި ނުކުރެވޭނެ ބައެކެވެ. ހަންގަނޑު ދެކެ ލޯބިވެ ހަންގަނޑަށް ރަނގަޅު ފަރުވާ ދޭނަމަ ހަމުގެ ރީތިކަން ގިނަ ދުވަހަށް ދެމެހެއްޓޭނެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait