ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރަކީ ވަރަށް ގިނަ ކުދިންނަށް މޫނުގައި ބިއްސާއި އޮށާޅަ ޖެހުމުގެ މައްސަލަތައް ދިމާވާ ދުވަސްވަރެކެވެ. ޓީންއޭޖް ދުވަސްވަރަކީ އިންސާނާގެ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ގިނަ ހަނދާންތަކެއް ރައްކާކުރެވޭ ދުވަސްތަކަށް ވާފަދައިން މި ދުވަސްވަރަކީ ބައެއް ކަހަލަ މައްސަލަތަކާހުރެ މޫޑު ގޯސްވެ ސްޓްރެސް ވާން ވެސް މެދުވެރިވާ ދުވަސްވަރެކެވެ. ސަބަބަކީ ފުރާވަރަކީ ގިނަ ކުދިން އެމީހުންގެ ބުރުސޫރައާ މެދު ވެސް އެންމެ ބޮޑަށް ފިކުރުކުރާ އަދި ވިސްނާ ދުވަސްވަރަށް ވާތީ އެވެ.
ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުން ވެސް އެންމެ ހާސްވެ ކަންބޮޑުވާ އެއް މައްސަލައަކީ މޫނުގައި ނަގާ އޮށާޅަ އާއި ބިއްސެވެ. އޮށާޅައަކީ އާއްމުކޮށް ހުރިހާ އެންމެންގެ މޫނުގައި ވެސް ނަގާ އެއްޗަކަށް ވިޔަސް އޮށާޅަ ފަސޭހަކުރުމަށް ވެސް ތަފާތު އުކުޅުތައް ތަފާތު މީހުން ބޭނުން ކުރެ އެވެ. ނަމަވެސް މީގެ ތެރެއިން ބައެއް ކަހަލަ ކަންކަމަކީ ހަގީގަތުގައި އެއްވެސް ފައިދާއެއް ނެތް ހަމައެކަނި ތުންތުންމަތިން މީހުން ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރާ ކަންކަމެވެ. ނަމަވެސް ވަރަށް އާދައިގެ ކަންތައްތައް ކޮށްލައިގެން ވެސް ހީނުކުރާ ކަހަލަ ރަނގަޅު ފަރުވާ ވެސް މި މައްސަލައަށް ހޯދިފައި ވެސް އެބަހުއްޓެވެ.
ގިނަ މައްސަލަތަކާއި ބަލިތަކުގެ އަސްލަކީ ސްޓްރެސް އަށް ވާފަދައިން އޮށާޅަ އާއި ބިހި ނެގުމުގައި ވެސް ސްޓްރެސްގެ ދައުރު ބޮޑެވެ. ސްޓްރެސް އަކީ އޮށާޅައިގެ މައްސަލަ އިތުރުވާން ދިމާވާ ކަމަކަށް ވާއިރު ބިއްސެއް ޖަހާއިރަށް އެކަމާ ހާސްވެގެން އުޅުމަކީ ވެސް މި މައްސަލަ އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ.
އޮށާޅައެއް ޖެހިއަސް މާބޮޑު ކަމަކަށް ނުހަދާނަމަ މަޑުމަޑުން އޭތި ހުލިވެގެން ހިނގައިދާނެ އެވެ. ނަމަވެސް އޮށާޅަ ފަޅާލައި ހަދާ ނަމަ މޫނުގައި ލަކުނު ވެސް ލާނެ އެވެ.
އޮށާޅަ އާއި ބިހި ނައްތާލަން އޮތް އެންމެ ފަސޭހަ އެއް ގޮތަކީ ފެން ބުއިމެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ފެން ބޯށެވެ. ދުވާލަކު 6- 8 ތަށި ފެން ބުއިމުން ފުދޭނެ އެވެ. ފެން ބޯން ޖެހޭނީ ހަމައެކަނި ހޫނު ދުވަސްވަރަކު ނޫނެވެ. ފިނި ދުވަސްވަރު ވެސް ހަމަ މި އަދަދަކަށް ފެން ބޯން ޖެހޭނެ އެވެ. ސަބަބަކީ ކޮންމެ މޫސުމަކަށް ވިޔަސް ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ފެން ބޭނުންވާތީ އެވެ.
ވީހާވެސް ގިނައިން ތަރުކާރީ އާއި މޭވާ ކާށެވެ. އެންމެ ރަނގަޅީ ފެހިކުލަ ގަދަ ތަރުކާރީ އެވެ. ކުޑަކޮށް ހިތިރަހަލާ ތަރުކާރީ އަކީ އޮށާޅަ ފަސޭހައިން ނަގާ ހަމަށް ވަރަށް ބަރާބަރު އެއްޗެކެވެ. ތެލުލާފައި ހުންނަ އެއްޗިއްސާއި ތެޔޮ ގިނައިން އަޅާފައި ހުންނަ އެއްޗެތި ކެއުމުން ދުރުހެލިވާށެވެ. އަދި މާގިނައިން ޖަންކް ފުޑް ނުކާށެވެ. އަދި ކަނޑު މަހުގެ ބާވަތްތައް މަދުވެގެން ހަފުތާއަކު ދެ ފަހަރަކު ކާށެވެ.
އޮށާޅަ ޖެހުމުން އޭގައި އަތްލައި ކަހާ ނުހަދާށެވެ. އަދި ނިޔަފަތިތައް ކުރުކޮށް ކަނޑާފައި ބަހައްޓާށެވެ. އޮށާޅައިގައި އަތް ހާކާ ނަމަ އޮށާޅަ ބޮޑުވެ އަދި އޮށާޅައިގައި ހުންނަ ބެކްޓީރިއާތައް މޫނުގެ އެހެން ހިސާބުތަކަށް ވާސިލުވެ އިތުރަށް ބިހި ނަގާގޮތް ވާނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
8 comments