ހަމުގެ ފަރުވާ

ހަންގަނޑު ހިކޭނަމާ ކުރެވިދާނެ ބައެއް ކަންތައް

ފާތުމަތު އަނީސާ
30 ޑިސެމްބަރ 2013 09:45

އާންމު ގޮތެއްގައި ހުރިހާ އެންމެންނަށް ވެސް މި މައްސަލައާ ކުރިމަތިލާންޖެހެ އެވެ. އެހެންކަމުން މިކަމާ ބެހޭ މައުލޫމާތު ކުރިން އެނގިފައި އޮތުމުން، މި މައްސަލާގައި ރައްކާތެރި ފިޔަވަޅު އެޅުމަށް އެހީވެދޭނެ އެވެ. ހަންގަނޑު ހިކުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި؛

އުމުރުން ދުވަސްވުން: އުމުރުން ދުވަސްވާވަރަކަށް، ހަމުގައި ތެޔޮ އުފައްދައިދޭ މިންވަރު މަދުވެގެންދެ އެވެ. އަދި ދުވަސްތައް ފާއިތުވާ ވަރަކަށް ތިމާގެ ހަންގަނޑަށް ވެސް ތަފާތު އެތައް ބަދަލުތެކެއް އާދެ އެވެ. މިސާލަކަށް ޒުވާން ދުވަސްވަރު ތިމާގެ ހަންގަނޑުގައި އުނގުޅުމަށް ބޭނުންކުރި ބާވަތްތަކަކީ އުމުރުން ތިރީހުގެ އަހަރުތަކުގައި ބޭނުންކުރަން އެކަށީގެންވާ ބާވަތްތަކަކަށް ނުވެދާނެ އެވެ.

ފެންވެރުން:

މާ ހޫނުކަން ގަދަ ފެނުން ފެންވެރުމުން ނުވަތަ ފެންވެރުމުގައި ގިނަ ވަގުތު ހޭދަކުރާނަމަ، ހަންގަނޑު ހިމާޔަތްކޮށްދޭ ތެޔޮ، ހަންގަނޑުން ނެތިގެންދާ ގޮތްވެ އެވެ. މި ތެލަކީ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މާ އަވަސް އަވަހަށް އަތް ދޮންނަ ކަމުގައިވާނަމަ އަތް ރަތްވެ، ހަންފޮޅި އަދި އަތުން ދިލަނަގާ ގޮތްވެސްވެ އެވެ.

ފެން މަދުވުން:

ހަންގަނޑު ހިކޭނަމަ އޭގެ މާނައަކީ ހަށިގަނޑަށް ފެން މަދުވުމެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުބޮވޭ ކަމުގައިވަނީ ނަމަ، ހަންގަނޑު ފެންނަ ފެނުމަށް ވެސް ހިކިކަމަށް ދައްކާނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ދުވާލަކު އެންމެ މަދުވެގެން ވެސް 8 ތަށި ފެން ބޯން ޖެހެ އެވެ. އަދި މިއީ ހަމައެކަނި ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް އެކަންޏެއްނޫނެވެެ. މީގެ އިތުރުން ޖުމްލަކޮށް މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ވެސް މެ އެވެ.

ޖިންސްގެ ތަފާތު:

ދެ ޖިންސްގެ މީހުންނަށް ވެސް ހަންގަނޑު ހިކުމުގެ މައްސަލައާ ކުރިމަތިލާންޖެހެ އެވެ. ނަމަވެސް ހައިޟުވާ އުމުރު ފަހަނައަޅައި ދިޔުމުން، އަންހެނުންނަށް މި މައްސަލަ މާބޮޑަށް ދިމާވާކަން ފާހަގަކުރެވެ އެވެ.

ސިއްހީ މައްސަލަތައް: ސިއްހީގޮތުން ދިމާވާ ތަފާތު މައްސަލަތަކުގެ ސަބަބުން ހަންގަނޑަށް ބޭނުންވާ ވަރަށް ފަރުވާދިނުމުގެ ގާބިލްކަން ހަށިގަނޑުން ނެތިދެ އެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑު ހިކޭގޮތް ވެ އެވެ. ހަކުރުބަލި ފަދަ ބަލިތަކުގައި އުޅޭ މީޙުންނަށް މި މައްސަލަ ތަޖުރިބާ ކުރުމުގެ ފުރުސަތު ބޮޑެވެ.

ހަންގަނޑު ހިކުމުގެ މައްސަލަ، އަވީގައި ޖެހުމުގެ ސަބަބުން އިތުރަށް ގޯސްވެގެންދާނެ އެވެ. ނުވަތަ އިތުރު މައްސަލަތަކެއް ދިމާވުން އެކަށީގެންވެ އެވެ.

ހަންގަނޑު ހިކުމުގެ ސަބަބުން ބައެއްފަހަރަށް ސިއްހީ އިތުރު މައްސަލަތަކާ ދިމާވެ އެވެ. މިފަދަ މައްސަލަތަކުގައި ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ. ސެލިއުލައިޓް (ހަމުގެ ތަންތަންކޮޅު ގޮށްލާފައި ހުންނަގޮތަށް ހުރުން) އަކީ ހަންގަނޑު ހިކުމުން ދިމާވާ ކަމެކެވެ. ބޮޑުވަރުވެ، ސީރިއަސް މައްސަލައެއް ދިމާވަންދެން އަޅާނުލައި ހުރުމުގެ ބަދަލުގައި ހަންގަނޑު ހިކިކަމަށް ތިމާއަށް ފާހަގަކުރެވޭއިރަށް އެކަމަށް ފަރުވާ ކުރާށެވެ.

ހަންގަނޑު ހިކުމުން ރައްކާތެރިވުން

ހަންގަނޑު ހިކުމުން ރައްކާތެރިވެވޭނެ އެއްގޮތަކީ ފެންވެރުމުގައި ހޭދަކުރާ ވަގުތު މަދުކުރުމެވެ. ދުވާލަކު އެއްފަހަރު ރަނގަޅަށް ފެންވަރާށެވެ. އަދި 15 މިނިޓަށް ވުރެ ގިނައިރު މިކަމުގައި ހޭދަނުކުރުމަށް ސަމާލުކަންދޭށެވެ. މިހެން ހެދުމުން ހަށިގަނޑުގައި ތަބީއީގޮތުން އެކުލެވޭ ތެޔޮ ނެތިގެންނުދާނެ އެވެ. ބާރުގަދަނޫން އާދައިގެ ކްލޯންސާއެއް ހަމުގައި ބޭނުންކުރާށެވެ. މިގޮތުން ހަމުގެ ތެތްކަން ހިފަހައްޓައިދޭ މާއްދާތައް ގިނައިން އެކުލެވޭ ބާވަތްތައް ރަނގަޅުވާނެ އެވެ. ސައިބޯނި ބޭނުންކުރާނަމަ، ޑޯވް، އޯލޭ، ނުވަތަ ނިއުޓްރިޖެނާ ފަދަ ބާވަތެއް ބޭނުންކުރުން ރަނގަޅުވާނެ އެވެ. ސައިބޯނި ބޭނުންކުރަން ހިތްހަމަ ނުޖެހޭނަމަ، ޑްރައި ސްކިންއަށް ހާއްސަކޮށްފައި ހުންނަ ކްލީންސާ ބޭނުންކުރެވިދާނެ އެވެ. އެންޓި-ބެކްޓީރިއަލް ސައިބޯންޏާއި ޑިއޮޑޮރެންޓް ބޭނުންކުރުމުން ހަންގަނޑު ހިކޭކަން ހާމަވެފައިވެ އެވެ. ފެންވަރާއިރު ނުވަތަ ދޮވުމުގައި ހަންގަނޑު ފަރުވާތެރިކަމާއެކު މަޑުމަޑުން އުގުޅާށެވެ. އަދި ފެން ހިއްކާއިރު ވެސް ތުވާލިން ހަންގަނޑުގައި މާގަދައަށް ނުހާކާށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި