ޓްރިޕޮލީ (އޯގަސްޓް 24) - ލީބިއާގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ޒަމާންވީ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ މީހުން، ގައްޒާފީގެ ހާއްސަ އަސްކަރީ މަރުކަޒު ހިފާފައި ވާއިރު އެތަނުން ވެސް ގައްޒާފީގެ ހިލަމެއް ނުވި އެވެ.
ވެރިރަށް ޓްރިޕޮލީގައި ހުންނަ މަރުކަޒަށް ހަނގުރާމަވެރިން ވަދެ އެތަނުގެ ކޮންޓްރޯލް ހޯދިކަން އިއުލާނުކުރިތާ ގަޑިއިރުތަކެއް ފަހުން ގައްޒާފީގެ މީޑިއާ އިން ބުނީ އެ މަރުކަޒު ދޫކޮށް ގައްޒާފީ ވަޑައިގެންފައިވާ ކަމަށެވެ. ގައްޒާފީއާ ހަވާލާދީ މީޑިއާ އިން ބުނީ އެތަން ދޫކޮށްލެއްވީ ނޭޓޯ އިން މީގެ ކުރިން ދިން ހަމަލާތަކުގައި އެތަން ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ކަމަށެވެ. ނަމަވެސް ގައްޒާފީ މިހާރު ހުންނެވި ތަނެއް ނުބުނެ އެވެ.
ހަނގުރާމަވެރިން ބާބުލް އަޒީޒިޔާ ހިފާފައި މި ވަނީ ޓްރިޕޮލީ އަށް ވަދެ ހަމަލާތައް ދެމުން ގެންދާތާ ތިން ދުވަސް ފަހުންނެވެ. ހަނގުރާމަވެރިންގެ ނެޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެންޓީސީ) ގެ ވެރިޔާ މުސްތަފާ އަބްދުލް ޖަލީލް ވިދާޅުވީ ޓްރިޕޮލީ އަށް ވަންނަން ކުރި މަސައްކަތުގައި 400 މީހަކު މަރުވެ 2،000 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. ނަމަވެސް 'ފްރާންސް 24' ޓީވީ އަށް ދެއްވި އިންޓަވިއުގައި އޭނާ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. މަރުވި މީހުންގެ އަދަދަކީ ގައްޒާފީގެ ސިފައިންނާއި ހަނގުރާމަވެރިންގެ އަދަދު ކަމެއް ނުވަތަ އޭގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކުން މަރުވި ބައެއް ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
ޓްރިޕޮލީގެ މެދުތެރޭގައި ހުންނަ މަރުކަޒުގެ ސަލާމަތީ ފާރު ވައްޓާލައި ގައްޒާފީގެ ސިފައިންގެ ސަފުތައް އެ ސަރަހައްދުން ފަހަތަށް ޖެއްސުމާ އެކު މުޅި ޓްރިޕޮލީގައި ހަނގުރާމަވެރިން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި އުފާ ފާޅުކޮށް ހަދައިފަ އެވެ. ނަމަވެސް ޓްރިޕޮލީގެ ބައެއް ސަރަހައްދުތައް އަދިވެސް ކޮންޓްރޯލްކުރަނީ ގައްޒާފީގެ ސިފައިންނެވެ. އެގޮތުން ބޭރުގެ ނޫސްވެރިން ތިބޭ ރިޒޯސް ހޮޓެލް ވެސް ވަނީ ސިފައިންގެ ބާރުގެ ދަށުގަ އެވެ. ގައްޒާފީގެ ސަރުކާރުން ހުއްދަ ލިބިގެން ހަރަކާތްތެރިވަމުންދާ ނޫސްވެރިން ތިބި އެ ހޮޓަލުން މީހުން ބޭރަށް ނިކުމެ އުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ހަނގުރާމަވެރިން ބުނީ ގައްޒާފީގެ އުފަން ރަށް ކަމަށްވާ ސިރްތުގައި ސިފައިންގެ ބާރު އަދިވެސް ގަދަ ކަމަށެވެ. އަދި އެ ތަނުގައި ތިބި ސިފައިން އަމާން ދިނުމަށް ހުށަހަޅައި މަޝްވަރާކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް މިސްރާތާގައި ތިބި ހަނގުރާމަވެރިންނަށް އަމާޒުކޮށް ސިރްތުން މިސައިލް ފޮނުވާލި ކަމަށް ބުންޏެވެ.
ބާބުލް އަޒީޒިޔާ ހިފި ހަނގުރާމަވެރިންގެ ކޮމާންޑަރުން ބުނީ އެ ތަނުގެ ތެރޭގައި ގައްޒާފީ އާއި އޭނާގެ ދަރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. އަދި އެ ބޭފުޅުން ވީ ހިސާބެއް އެކަކަށް ވެސް ނޭނގޭ ކަމަށް ހަނގުރާމަވެރިން ބުންޏެވެ.
ގައްޒާފީގެ މަރުކަޒު ހިފާފައި މި ވަނީ ހަނގުރާމަވެރިންގެ އަތްދަށުގައި ހައްޔަރުވި ކަމަށް ބުނި، ގައްޒާފީގެ ދަރިކަލެއް ކަމަށްވާ ސައިފުލް އިސްލާމް އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގަތުމަށް ފަހު ޓްރިޕޮލީ އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށް އިއުލާނުކުރެއްވިތާ މާ ގިނައިރުތަކެއް ނުވެ އެވެ. އަދި ޓްރިޕޮލީގެ ކޮންޓްރޯލް ހޯދައިފި ކަމަށް ބުނެ ހަނގުރާމަވެރިން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.
ގައްޒާފީގެ 42 އަހަރުގެ ވެރިކަން ވައްޓާލަން ކުރާ ހަނގުރާމަ ނިމުމަކާ ހަމަޔަށް އަންނަ ކަމުގެ ނިޝާންތައް ފެންނަމުން ދާއިރު ލީބިއާ ސަރުކާރުގެ ތަރުޖަމާނު މޫސާ އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރުމަށް ޓްރިޕޮލީ އަށް 6،500 އަށް ވުރެ ގިނަ މީހުން އެބަ އަންނަ ކަމަށެވެ. އެއީ ހިލޭ ސާބަހަށް، އަމިއްލަ އަށް ފެނިގެން ނިކުންނަ ބައެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި އިތުރު މީހުން ހަނގުރާމަޔާ ގުޅުމަށް ވެސް ގޮވައިލެއްވި އެވެ. --އޭއެފްޕީ

0 comment