އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންތާ 10 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު އެ ހަމަލާގެ ހަގީގަތާ މެދު ޝައްކު އުފައްދާ މީހުންގެ އަޑު ވަނީ ގަދަވެފަ އެވެ. އެއީ އެމެރިކާގެ މަގުސަދުތަކެއް ހާސިލުކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކުޅުނު ޑްރާމާއެއްގެ ގޮތުގައި ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
ސެޕްޓެމްބަރު ،11 2001 ގައި ދިން ހަމަލާ ނުވަތަ 11/ 9 އާ މެދު ޝައްކުކުރާ މީހުން އެންމެ އާންމުކޮށް ދައްކާ ވާހަކަތައް ފުރަތަމަ ހުލާސާކޮށްލަމާ ހިނގާށެވެ. ހަމަލާ ދިނުމަށް ހައިޖެކްކުރީ ޔުނައިޓެޑް އެއާލަނާއި އެމެރިކަން އެއާލައިންގެ ބޯޓުތަކެކެވެ. ހަމަލާ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ދެ އެއާލައިންގެ ހިއްސާ އަށް ސްޓޮކް އެކްސްޗޭންޖުގައި "ޕުޓް އޮޕްޝަން" އެއް އިތުރުކޮށް ހިއްސާގެ އަގު ވެއްޓިއްޖެ ނަމަ ފަހުން ފައިދާވާނެ ގޮތަށް ހެދި އެވެ. މިއީ ހަމަލާ ދޭން އުޅޭކަން ހިއްސާގެ ވިޔަފާރިވެރިންނަށް ކުރިން އެނގިފައި އޮތް ކަމަށް ޝައްކުކުރާ ކަމެކެވެ. ހައިޖެކްކުރި ބޯޓުތައް މަންޒިލަށް ވާސިލުވުމުގެ ކުރިން ހުރަސް އަޅައިގެން ނުވަތަ ހަމަލާ ދީގެން ވައްޓާލުމުގެ ގާބިލްކަން ނޯތު އެމެރިކަން އެއަރޮސްޕޭސް ޑިފެންސް ކޮމާންޑަށް ލިބިގެން ވިޔަސް ހަމަލާ ދިން ދުވަހު އެ މީހުން ތިބީ ކަމެއް ކުރެވޭ ގޮތަކަށް ނޫނެވެ. ވޯލްޑް ޓްރޭޑް ސެންޓަރު ވެއްޓުނީ ބޯޓު ޖެހި ގޮވުމުގެ ސަބަބުން ނޫން ކަމަށް ވެސް ބުނެ އެވެ. އެހެން ބުނަނީ ދެ ޓަވަރު ވެސް ވެއްޓުނީ ބޮމެއް ގޮވުމުން ނުވަތަ 'ކޮންޓްރޯލްޑް ޑެމޮލިޝަން' އަކުން ވެއްޓޭ ގޮތަށް ކަމަށް ވާތީ އެވެ. ޕެންޓަގަން ތެރެއަށް ބޯޓެއް ވައްޓާލި ކަމަށް ބުނާއިރު ޕެންޓަގަންގެ ފާރުގައި ބާގަނޑެއް ހެދިފައި ހުރީ ކޮމާޝަލް އެއާލައިނެއް ގޮވުމުން ހެދޭ ވަރަށް ވުރެ ކުޑަކޮށް ކަމަށްބުނެ އެވެ. ދެން އުފައްދާ ސުވާލަކީ ދިފާއީ ވުޒާރާ ހިމެނޭ ސަރަހައްދަށް ބޯޓު ވަދެގެން އައިސް ޖެހިގަތުމުގެ ކުރިން ގޮއްވާނުލުމެވެ. މަންޒިލަށް ވާސިލުވުމުގެ ކުރިން ފަސިންޖަރުން ހައިޖެކަރުންގެ މައްޗަށް ގަދަވެ ގަނެ ވައްޓާލި ކަމަށް ބުނާ ފްލައިޓް 93ގެ ބަދަލުގައި، ބޯޓު ވެއްޓުނު ތަނުގައި އޮތީ އެހެން ބޯޓެއް ކަމަށާއި ފްލައިޓް 93 އިން ދަތުރުކުރި މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ވެސް ބުނެ އެވެ. ބޯޓުތައް ހައިޖެކްކޮށް ގޮއްވާލި އިރު ހުރިހާ އެއްޗެއް އަޅިއަށް ވެގެން ދިޔަ ނަމަވެސް ހައިޖެކްކުރި ކަމަށް ބުނާ މީހުންގެ ޕާސްޕޯޓް ސަލާމަތްވުމަކީ ވެސް ސުވާލެކެވެ. ހައިޖެކްކުރި ބައެއް ބޯޓްތަކުން މޯބައިލް ފޯނު ކޯލްތައް ކުރި ކަމަށް ބުނާއިރު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބު މަތިން ފޯނަށް ހިދުމަތް ލިބިދާނެ ކަމާ މެދު ތަޖުރިބާކާރުން ވެސް ސުވާލު އުފައްދަ އެވެ. ވޯލްޑް ޓްރޭޑް ސެންޓަރުގައި މަސައްކަތްކުރާ ޔަހޫދީން، ހަމަލާ ދިން ދުވަހު މަސައްކަތަށް ނުނިކުންނަ ކަމަށާއި އެންމެ ފުރަތަމަ ހަމަލާގެ މަންޒަރު ވީޑިއޯކުރި މީހަކީ ވެސް ޔަހޫދީ އަކަށް ވުމުން އެ މީހުންނަށް ހަމަލާގެ އިޝާރާތެއް ކުރިން ލިބިފައިވާ ކަމަށް ޝައްކުކުރެ އެވެ. މި ނޫނަސް ބައެއް ސުވާލުތައް ހަމަލާއާ ގުޅިގެން އުފައްދަ އެވެ. އެކަމަކު މި ކަންކަމަށް ވުރެ ބޮޑަށް ސުވާލު އުފައްދަން ފަސޭހަ ވަނީ އެމެރިކާގެ ތާރީހުންނެވެ.
ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް އެމެރިކާ އިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ބުނާ މީހުން ތާރީހުން ހެކި ދައްކަ އެވެ. އެކަމަކު އަމިއްލަ ރައްޔިތުން މަރައިގެން އެފަދަ މަގްސަދެއް ހާސިލުކުރަން އުޅެފާނެތޯ ބައެއް މީހުން ސުވާލުކޮށްފާނެ އެވެ. ޖަވާބު އޮތީ ތާރީހުގަ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އިން 1955 ވަނަ އަހަރު ވަނީ ފްލޮރިޑާގެ ޓަމްޕާ ބޭ ގައި އަޅާފައި އޮތް އުޅަނދުތަކެއްގައި ތިބެގެން، ހޯގޮވާ ކެއްސުމުގެ ވައިރަސް ދޫކޮށްފަ އެވެ. އެއީ ބަޔޮލޮޖިކަލް ހަނގުރާމައެއްގެ އެކްސްޕެރިމެންޓެއް ހެދުމަށެވެ. ސީއައިއޭ އިން ހިންގި އެ އަމަލުގެ ސަބަބުން 12 މީހަކު މަރުވި އެވެ.
އެމެރިކާގެ ޕަބްލިކް ހެލްތު ސާވިސް އިން 1932 އިން ފެށިގެން 1972 ވަނަ އަހަރާ ހަމަޔަށް ވަނީ، ސިފިލިސް ޖެހިފައި ތިބި ކަޅު ނަސްލުގެ 399 ފިރިހެނެއްގެ ގާތު އެ މީހުންނަށް އެ ބަލި ނުޖެހޭ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތެރޭގައި ސިފިލިސް ފެތުރޭ ގޮތް ބެލުމަށް ކުރި މި ދިރާސާ ނިންމާލި އިރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން އެންމެ 74 މީހުންނެވެ. ސީދާ ސިފިލިސްގެ ސަބަބުން 28 މީހަކު މަރުވި އިރު 100 މީހަކު މަރުވީ ސިފިލިސްއާ ގުޅުން ހުރި އެހެން މައްސަލަތަކުގަ އެވެ. ބަލި ހުރެމެ، އެކަމަކު ނެތް ކަމަށް ބުނެ އޮޅުވާލުމުގެ ސަބަބުން އެ މީހުންގެ ފަރާތުން 40 އަންބަކަށް ސިފިލިސް ޖެހުނެވެ. އަދި 19 ކުއްޖަކު ސިފިލިސްއާ އެކު އުފަންވެފައިވެ އެވެ. މި އިންސާނިއްޔަތު ކަމެއް ނެތް އަމަލަށް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން 1997 ވަނަ އަހަރު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ސިފިލިސްގެ ދިރާސާއެއްގައި އެތައް ބައެއްގެ ފުރާނަ ދުއްވާލި ހާދިސާ ފަޅާ އެރުމާ އެކު ކަޅު ނަސްލުގެ މީހުންގެ މެދުގައި އެއިޑްސްއާ މެދު ވަރަށް ބޮޑު ޝައްކެއް އުފެދުނެވެ. އެ މީހުން ހީކުރީ އެއިޑްސް އަކީ ވެސް ކޮންސްޕިރެސީއެއް ކަމަށެވެ. އެއިޑްސް ޖެހިއްޖެ ނަމަ ހުރަސް ބޭނުންކުރުމަށް ލަފާ ދިން ނަމަވެސް އެމެރިކާގެ ކަޅު ނަސްލުގެ މީހުން ކުރިން ގަބޫލުކޮށްގެން ތިބީ އެއީ ކަޅު ނަސްލުގެ މީހުން އިތުރުވަމުން އަންނާތީ އެކަން ކޮންޓްރޯލްކުރުމަށް ދައްކާ ދޮގު ވާހަކައެއް ކަމަށެވެ.
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު އެމެރިކާ އިން ކަންތައް ކޮށްފައިވާ ގޮތްތަކާ މެދު ވެސް ސުވާލު އުފައްދަން ޖާގަ އެބަ އޮތެވެ. އެއީ ވަކި ބަޔަކަށް އަމާޒުކޮށް ކަންތައްގަނޑެއް ހިންގުމަށް ރޭވުމެއްގެ ތެރެއިން ދީފައިވާ ހަމަލާއެއް ކަމަށް ބުނަން ފަސޭހަ ވަނީ އެމެރިކާގެ ދުޝްމަނުން ކަމަށް ބުނެ ހައްޔަރުކުރާ މީހުންނަށް އެމެރިކާ އިން ދިން އިންސާނިއްޔަތާ ހިލާފް އަނިޔާތަކުގެ ސަބަބުންނެވެ. އިރާގު ހިފުމުގެ ހަނގުރާމަ އަށް މަގު ފަހިކުރުމަށް ދެއްކި ވާހަކަތަކުގައި، އިރާގުގައި ފަނާކުރުވަނި ހަތިޔާރު ހުރި ކަމަށް ބުނެ ޖާސޫސީ މައުލޫމާތުތަކެއް އާންމުކުރި އެވެ. އެކަމަކު އެއީ ސީދާ ކަނޑައެޅިގެން ދޮގެއްކަން ފަހުން ފަޅާއެރި އެވެ.
ކޮންސްޕިރަސީ ތިއަރީތައް ކޮންމެ ކަމަކާ ގުޅިގެން ވެސް ހަދަ އެވެ. އެ ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ނެތް ނަމަވެސް އެ ވާހަކަތަކާއި ސުވާލުތައް އެކި ކަންކަމާ ގުޅުވާލުމުން ފެންނަ މަންޒަރު ހަގީގަތަކާ ވައްތަރުވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment