ވޮޝިންޓަން (މާޗް 1) - ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދިރިއުޅޭ ފަގީރުންގެ އަދަދު 2005 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ރިކޯޑް އަދަދަކަށް މައްޗަށް ޖެހިލާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން މިހެން ބުނެފައި ވަނީ 130 ގައުމެއްގައި 850 އާއިލާއެއް ބޭނުންކޮށްގެން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގަ އެވެ. ވޯލްޑް ބޭންކުން "ފަގީރުން" ގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 1.25 ޑޮލަރަށް ވުރެ މަދުން ލިބޭ މީހުންނެވެ.
ބޭންކްގެ ރިޕޯޓްގައި ބުނެފައި ވަނީ ތަރައްގީ ވަމުން އަންނަ ދުނިޔެ އަށް ނިސްބަތްވާ ގައުމުތަކުގެ އާބާދީގެ 22 ޕަސެންޓަކީ 2008 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ބަލާފައިވާ މީހުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 1.29 ބިލިއަން މީހުންނެވެ.
މި ގައުމުތަކުގެ ފަގީރުންގެ އަދަދު 1981 ވަނަ އަހަރު އުޅުނީ 1.94 ބިލިއަނުގައިކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި 663 މިލިއަން މީހުން މި ގައުމުތަކުގެ ފަގީރުންގެ ލިސްޓުން ސަލާމަތްވި ނަމަވެސް އޭގެ ތެރެއިން ވެސް ގިނަ މީހުންނަކީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު އަދިވެސް ފަގީރުން ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފަގީރުން އިތުރުވަމުން އަންނަ ސްޕީޑަށް ބަލާއިރު 2015 ގެ ނިޔަލަށް ފަގީރުންގެ ލިސްޓަށް އިތުރު އެއް ބިލިއަން މީހުން އަރާނެ ކަމަށެވެ.
އޭޝިއާގެ އާބާދީ ބޮޑު ގައުމުތަކަށް ބަލާއިރު 2008 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ޗައިނާގެ އާބާދީގެ 14 ޕަސެންޓަކީ ފަގީރުންނެވެ. --އޭއެފްޕީ

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
0 comment