ޖަކާޓާ (އޭޕްރީލް 15) - މިދިޔަ ހަފުތާގައި އިންޑޮނީޝިއާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ މައުލޫމާތު ފޯރުކޮށްދިނުމުގައި އެ ގައުމުގެ ސުނާމީ އާލީ ވޯނިން ސިސްޓަމް އަދާކުރި ދައުރަށް ތައުރީފު ލިބުނު ނަމަވެސް އެ ސިސްޓަމުގެ ވަރަށް ގިނަ ބޮއިތައް އޭރު ހުރީ ވަގަށް ގެންގޮސްފައި ކަމަށް އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދިޔަވަރު ބަލާ ގޭޖްތަކާއި ބޮއިތަކާއި ބިންހެލުން މޮނިޓަކުރާ އާލާތްތަކާ އެކު ހަދާފައިވާ 130 މިލިއަން ޑޮލަރުގެ ސިސްޓަމުން ބުދަ ދުވަހު ވަނީ ސުމަޓްރާ އަށް އައި 8.6 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން އިންޒާރުގެ މެސެޖުތައް ފޮނުވައިފަ އެވެ. އެ ދުވަހުގެ ބިންހެލުމުގައި 10 މީހަކު މަރުވި އިރު އޭގެ ތެރޭގައި ގިނައީ ބިރުގަތުމުގެ ސަބަބުން ހާޓް އެޓޭކާއި އެފަދަ އެހެން ކަންކަމުގައި މަރުވި އުމުރުން ދުވަސްވީ މީހުންނެވެ. އަދި ތަންތަނަށް ވެސް ބޮޑު ގެއްލުމެއް ނުލިބެ އެވެ.
އިންޑޮނީޝިއާގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕުރްވޯ ނުގްރޯހޯ ވިދާޅުވީ އިންޒާރު ދޭ ސިސްޓަމަށް ވަގުން ދީފައިވާ ގެއްލުމުގެ ސަބަބުން ކުޑަ އިރުކޮޅަކަށް މައްސަލަތައް ކުރިމަތިވި ކަމަށެވެ.
"ސުނާމީގެ އިންޒާރު ލިބުނީ ބިންހެލުން ވަޒަންކުރުމަށް ސިސްޓަމުގައި ގާއިމުކޮށްފައިވާ އާލާތްތަކުން. ވަރަށް ގިނަ ބޮއިތައް ވަގަށް ގެންގޮސްފައި ހުރުމުން، ސުނާމީގެ ބޮޑުމިނާއި ނުރައްކަލާ މެދު އެއްޗެއް ބުނަން އެނގޭ މައުލޫމާތެއް ނުލިބެ،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިސްޓަމުގައި 25 ބޮއި އޮންނަން ޖެހޭއިރު އޮތީ ތިން ބޮއި ކަމަށެވެ.
މި ސިސްޓަމް 2008 ވަނަ އަހަރު އިންޑޮނީޝިއާގައި ގާއިމުކުރުމާ އެކު މަސްވެރިން އެ މީހުންގެ އުޅަނދުތައް އެޅުމަށް ބޮއިތަކުގައި ހިފައިގެން ތިބެ އެވެ. އަދި އެ ގޮތަށް ތިބުމުގެ ތެރޭގައި ސިސްޓަމުގެ އެހެން އާލާތްތަކަށް ގެއްލުން ދޭ ކަމަށް ވާހަކަ ދެކެވެމުން އައިސްފައިވެ އެވެ.
ތަރުޖަމާނު ވިދާޅުވީ އިންޑޮނީޝިއާ އިން މިހާރު މަސައްކަތްކުރަމުން ދަނީ ކަނޑުގެ ވަރަށް ފުނުގައި ހަރުކުރާ ވައްތަރުގެ ސިސްޓަމެއް ގާއިމުކުރުމަށް ކަމަށެވެ. ވަގުންގެ އުނދަގުލުން ސަލާމަތް ވޭތޯ އާ ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަނީ އެމެރިކާއާ ގުޅިގެންނެވެ.
ސިސްޓަމަށް ގެއްލުން ލިބިފައި ހުރި ނަމަވެސް އޭގެ މަސައްކަތް ބިންހެލުމާ ގުޅިގެން ފުރިހަމަ އަށް ކުރި ކަމަށް ބައެއް ތަޖުރިބާކާރުން އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. އެގޮތުން އެ ދުވަހު އިންޑޮނީޝިއާ އިން އާންމުންނަށް އިންޒާރުގެ އެސްއެމްއެސް ފޮނުވި ކަމަށާއި އިމަޖެންސީ އެލާމް އެޅި ކަމަށް އެ ފަރާތްތަކުން ވިދާޅުވި އެވެ. ނަމަވެސް ބިންހެލުން އައި އަޗޭ ޕްރޮވިންސްގައި ހުރި އޭއެފްޕީގެ ނޫސްވެރިޔާ ބުނީ ބިންހެލުން އައިތާ 45 މިނެޓް ވެގެން ދިޔައިރު ވެސް ބައެއް ހިސާބުތަކުގައި އިމަޖެންސީ ސައިރަން އަޅާފައި ނުވާ ކަމަށާއި ބައެއް ސައިރަންތައް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. --އޭއެފްޕީ

ފޮޓޯ އިން ހަބަރު
3 comments