ސްރީ ލަންކާ

ލަންކާގެ އުތުރަކީ ތަމަޅައިންނަށް ހާއްސަ ސަރަހައްދެއް ނޫން: ޑިފެންސް ސެކްރެޓަރީ

އަހުމަދު ނަދީމް
29 މެއި 2012 15:24
  • ސްރީ ލަންކާގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ ބީބީސީ އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ލަންކާގައި ވަކި ސަރަހައްދެއް ވަކި ބަޔަކަށް ހާއްސައެއް ނުވާނެ ކަމަށް.

ކޮލަމްބޯ (މެއި 29) - ސްރީ ލަންކާގެ އުތުރު ބިތަކީ ހަމައެކަނި ތަމަޅައިންނަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ބެލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ލަންކާ އާބާދީ އަށް ނިސްބަތްވާ ސިންހަޅައިންނާއި މުސްލިމުން އަދި އެހެން ދަރިކޮޅުތަކާއި ދީންތަކުގެ މީހުންނަށް ވެސް އުތުރު ބިތުގައި މިނިވަންކަމާ އެކު އުޅެވެން ޖެހޭނެ ކަމަށް ސްރީ ލަންކާގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި، ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ، އަދި ލަންކާގެ ދާޚީލީ ހަނގުރާމަ ކާމިޔާބުކުރެއްވުމުގެ އިސް މޭސްތިރިއެއް ކަމަށްވާ ގޮތަބަޔާ ވިދާޅުވީ ދާޚީލީ ހަނގުރާމަ ފެށުމުގެ ކުރިން އުތުރު ބިތުގައި ދިރިއުޅުނީ މުޅިން ވެސް ސިންހަޅައިން ކަމަށެވެ. އޭނާ ވިދާޅުވީ ތަޅައިން އުތުރު ބިތުގެ ކޮންޓްރޯލް އަތުލުމުގެ ކުރިން، ގިނަ އަދަދެއްގެ ތަމަޅައިން ލަންކާގެ ދެކުނުގެ ސަރަހައްދުތަކުގައި ވެސް އުޅެފައިވާ ކަމަށެވެ. އެހެންކަމުން ވަކި ބަޔަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ގޮތަބަޔާ ވިދާޅުވީ ލަންކާގެ އުތުރު ބިތުގައި އެގައުމުގެ ކޮންމެ ދަރިކޮޅަކަށް ނިސްބަތްވާ ނުވަތަ ކޮންމެ ދީނަކަށް ނިސްބަތްވާ މީހަކަށް ވެސް މިނިވަންކަމާ އެކު އުޅެވެން ޖެހޭނެ ކަމަށް ވިދާޅުވަނީ އެއީ ވެސް ލަންކާގެ ބައެއް ކަމަށްވާތީ އެވެ. އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ތަމަޅައިން ގަބޫލުކުރާ ގޮތުގައި ލަންކާގެ އުތުރު ބިތަކީ ހަމައެކަނި އެ މީހުންނަށް ހާއްސަ ސަރަހައްދެކެވެ.

ލަންކާގެ ދާޚީލީ ހަނގުރާމައިގެ އަސްލު ވެސް ގުޅިފައި ވަނީ ތަމަޅައިންނަށް އެގައުމުގައި ވަކި ސަރަހައްދެއް ހާއްސަކޮށް، ދައުލަތެއް ގާއިމުކުރުމަށެވެ. އެކަން ލަންކާ ސަރުކާރުން 2009 ވަނަ އަހަރު ނާކާމިޔާބުކޮށް، ހަނގުރާމަ ނިމުމަކަށް ގެނެސްފައިވީ ނަމަވެސް އުތުރު ބިތް ތަމަޅައިންގެ ބާރުގެ ދަށުގައި އޮތުމަށް ބޭނުންވާ ތަމަޅައިންގެ ސިޔާސީ ވެރިން ވެސް ގިނަ އެވެ.

އެގޮތުން އެ ސަރަހައްދުގައި މިހާރަށް ވުރެ ބޮޑު ބާރެއް ތަމަޅައިންނަށް ދޫކޮށްލުމަށް އެދި ތަމަޅައިންގެ ސިޔާސީ ވެރިން ދަނީ މިހާރު ވެސް ލަންކާ ސަރުކާރާ އެކު ވާހަކަތައް ބާއްވަމުންނެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި