ވޮޝިންޓަން (މެއި 30) - އަލްގައިދާ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންނާއި މެމްބަރުންގެ ތެރެއިން މަރާލަން ޖެހޭ މީހުން ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮންނަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ކަމަށާއި އެ ލިސްޓް އޮންނަނީ އޮބާމާގެ ހާއްސަ ބެލުމުގެ ދަށުގައި ކަމަށް ދަ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
އޮބާމާގެ އިސް އޮފިޝަލުންނާއި ކުރީގެ އިސް މުޝީރުންނާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ "މަރަން ޖެހޭ މީހުން" ގެ ލިސްޓަކީ އެމެރިކާ އިން ޑްރޯން ބޭނުންކޮށްގެން ޔަމަން އާއި ޕާކިސްތާނުގައި އަލްގައިދާއާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ތޯމަސް ޑޮނިލޮންއާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ އަލްގައިދާއާ ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއި އެ ހަރަކާތްތައް ފުޅާކުރާނެ ވަރު ވެސް ކަނޑައަޅަނީ އޮބާމާ ކަމަށެވެ.
މުޝީރު ވިދާޅުވެފައި ވަނީ އެ ޒިންމާތައް އަމިއްލަ އަށް ނެންގެވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އޮބާމާ އަމިއްލަ އަށް ގަބޫލުކުރައްވާ ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ އަލްގައިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިއަށް ގެންދާ ސިއްރު ހަރަކާތްތަކުގައި، ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރެވޭ މީހުން ކަނޑައަޅައި އެމީހުންގެ ލިސްޓެއް އެންމެ ފުރަތަމަ ކަނޑައަޅަނީ ޕެންޓަގަން އިން ކަމަށެވެ. އެއަށް ފަހު އެ ލިސްޓް ފޮނުވަނީ ސީދާ އޮބާމާ އަށެވެ.
މި ލިސްޓަށް ބެއްލެވުމަށް ފަހު ޔަމަނާއި ސޯމާލިއާ އަދި ޕާކިސްތާނުގައި ހަމަލާ ދޭން ޖެހޭ ގޮތާއި ހަމަލާ ދޭނެ އަމާޒުތަކަށް ފެހި ސިގްނަލް ދެއްވަނީ ސީދާ އޮބާމާ އެވެ. ނޫހުގައި ބުނެފައި ވަނީ ޕާކިސްތާނުގައި ސީއައިއޭ އިން ހިންގާ އެންމެ ނުރައްކާތެރި ހަރަކާތްތަކަށް ވެސް ފެހި ސިގްނަލް ދެއްވަނީ އޮބާމާ ކަމަށެވެ.
އެގޮތުން އެމެރިކާ ސިފައިން ޕާކިސްތާނުގައި އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލިއިރު އެ ހަރަކާތަށް ވެސް ފެހި ސިގްނަލް ދެއްވީ ސީދާ އޮބާމާ އެވެ. އަދި އެ ހަރަކާތް އޮބާމާ އާއި އޭނާގެ އިސް ވަޒީރުން ވީޑީއޯ މެދުވެރިކޮށް ލައިވްކޮށް ބެއްލެވި އެވެ.
މީގެ އިތުރުން ޔަމަންގައި މިދިޔަ އަހަރު މަރާލި އަލްގައިދާގެ އިސް މެމްބަރެއް ކަމަށްވާ އަންވަރު އަލް އަވްލާގީ މަރާލުމުގެ އަމުރު ނެރުއްވީ ވެސް ސީދާ އޮބާމާ އެވެ. --އޭއެފްޕީ

3 comments