އޮސްލޯ (ޖޫން 16) - މިއަންމާ އަށް ޑިމޮކްރަސީ ގެންނަން މަސައްކަތްކުރައްވާ އައުން ސުން ސޫ ޗީ ޖަލުގައި ހުއްޓާ މީގެ 21 އަހަރު ކުރިން ލިބުނު ނޯބެލްގެ ސުލްހައިގެ އިނާމާ ގުޅިގެން މިއަދު އޭނާ އޮސްލޯގައި ތަގުރީރުކުރައްވާނެ އެވެ.
މިއަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެން ޖަލަށް ލާފައި ހުއްޓާ ސޫ ޗީ އަށް ނޯބެލްގެ ސުލްހައިގެ އިނާމު ލިބުނީ 1991 ވަނަ އަހަރު އެވެ. އެހެންވެ އޭނާ އަށް އިނާމާ ހަވާލުވެ ވަޑައިގަނެވޭ ގޮތް ނުވެގެން އެއާ ހަވާލުވެ ވަޑައިގަތީ ސޫ ޗީގެ ފިރިކަލުން މައިކަލް އާރީސް އާއި ފިރިހެން ދެ ދަރިކަލުން ކަމަށްވާ ކިމް އާއި އެލެގްޒެންޑާ އެވެ. އިނާމާ ހަވާލުވެވަޑައިގެން ފަހުން 1999 ވަނަ އަހަރު ސޫ ޗީގެ ފިރިކަލުން ވަނީ އަވަހާރަ ވެފަ އެވެ.
އުމުރުން 67 އަހަރުގެ ސޫ ޗީ މިހާރު ޔޫރަޕަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އޮސްލޯގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވާއިރު މި ދަތުރުފުޅުގައި އޭނާ އުޅުއްވަނީ އާލާސްކަންފުޅާ އެވެ. ސޫ ޗީ ވިދާޅުވީ ދަތުރުފުޅުގެ ސަބަބުން މާބޮޑަށް ވަރުބަލިފުޅު ވެފައިވާ ކަމަށެވެ.
ސޫ ޗީގެ ދަތުރުފުޅުގައި އޭނާ ވިދާޅުވީ ބަންދުގައި ހުރި ދުވަސްތަކުގައި ދުނިޔެ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރު ބަންދުގައި ހުންނެވުމަށް ފަހު މިދިޔަ އަހަރު މިނިވަންކުރި ސޫ ޗީ ވިދާޅުވީ މިއީ ދުނިޔެ އަށް އައިސްފައިވާ ބަދަލުތައް ދެނެގަނެ، މުޅިން އާ ފެށުމަކުން ފެށުން ކަމަށެވެ.
މިއަންމާގެ އަސްކަރީ ސަރުކާރުން އާ ގާނޫނު އަސާސީއަކާ އެކު އިންތިހާބެއް ބާއްވައި، ޑިމޮކްރަސީ ގެންނަން މަސައްކަތް ފަށާފައި ވާއިރު އެ ގައުމަސް އަންނަމުންދާ އަވަސް ބަދަލުތަކުގެ ސަބަބުން ދުނިޔެ އަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ސޫ ޗީ މިނިވަން ކުރުމަށް ފަހު އަސްކަރިއްޔާ އިން އޭނާ އަށް ވެސް ވަނީ ސިޔާސީ މައިދާނުން ފުރުސަތު ދީފަ އެވެ. ސޫ ޗީ ވަނީ އެންމެ ފަހުން ބައި އިލެކްޝަންގައި، ގާނޫނު ހަދާ މަޖިލީހުން ގޮނޑިއެއް ވެސް ކާމިޔާބުކުރައްވައިފަ އެވެ. --އޭއެފްޕީ

0 comment