އިސްލާމްއާބާދު (ޖޫން 19) - އެމެރިކާ ސިފައިން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ދެމުން ގެންދާ ޑްރޯން ހަމަލާތައް ހުއްޓުމަކަށް ނުގެންނަނީސް ގަބީލާ ސަރަހައްދުތަކުގައި ޕޯލިއޯ ވެކްސިން ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމުގެ ހަރުކަށި އިންޒާރެއް ހަނގުރާމަވެރިން އެމެރިކާ އަށް ދީފި އެވެ.
"ޑްރޯން ހަމަލާތައް ހުއްޓާލަންދެން އުތުރުގެ ވަޒީރިސްތާނުގައި ޕޯލިއޯ ވެކްސިން ދިނުން އޮންނާނީ މަނާކޮށްފައި،" އެމެރިކާގެ ޑްރޯން ހަމަލާތަކާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހިފައިވާ ތާލިބާނުން ނެރުނު ބަޔާނެއްގައި އެމެރިކާ އަށް އިންޒާރު ދެމުން ބުނެފައިވެ އެވެ.
ތާލިބާނުންގެ މި ބަޔާނުގައި ބުނެފައި ވަނީ ޑްރޯން ބޭނުންކޮށްގެން ގަބީލާ އަވަށްތަކަށް އެމެރިކާ ސިފައިން ދެމުން ގެންދާ މިސައިލް ހަމަލާތަކާ އެކު ޕޯލިއޯ އަށް ވުރެ ނުރައްކާތެރި ބައްޔެއް އުތުރު ވަޒީރިސްތާނުގައި ފެތުރިފައިވާ ކަމަށާއި އެތައް ބަޔަކަށް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ މިލިއަނުން ޑޮލަރު ހޭދަކޮށްގެން ޕޯލިއޯ އިން އާންމުން ސަލާމަތްކުރުމަށް ފަހު އެމެރިކާ ސިފައިން އެމީހުން ކަތިލަމުންދާ ކަމަށާއި ޕާކިސްތާނު ސަރުކާރު ވެސް އެމެރިކާ ކުރިމަތީގައި އަޅަކަށް ބަދަލުވެފައިވާ ކަމަށެވެ.
"މި ހަމަލާތަކާ ގުޅިގެން އުތުރު ވަޒީރިސްތާނުގެ އެންމެން ކަހަލަ ގޮތަކަށް ވަނީ ނަފްސާނީ ބަލި މީހުންނަށް ބަދަލުވެފައި. މިއީ ޕޯލިއޯ އަށް ވުރެން ވެސް ނުރައްކާތެރި ބައްޔެއް،" ތާލިބާނުންގެ ބަޔާނުގައި ބުނެފައިވެ އެވެ. "ޕޯލިއޯ ނައްތާލަން އެމެރިކާ އިން އެއްކޮޅުން މިލިއަން ޑޮލަރުން ހޭދަކުރުމަށް ފަހު އަނެއްކޮޅުގައި ތިބެގެން އެތައް ސަތޭކަ ބަޔަކު މަރަމުން އެ ދަނީ އަޅުވެތިކޮށްފައިވާ ޕާކިސްތާނު ސަރުކާރުގެ އެހީގައި."
ޕާކިސްތާނުގެ ގަބީލާ އަވަށްތަކުގައި ކުރިއަށް ގެންދާ ޕޯލިއޯ ވެކްސިން ކެމްޕޭންތަކުގައި އެމެރިކާ އިން އިސްކޮށް ހަރަކާތްތެރިވާއިރު މިފަދަ ބައެއް ކެމްޕޭންތައް އެމެރިކާ އިން ހިންގަނީ ތާލިބާން ހަނގުރާމަވެރިންނާއި އަލްގައިދާގެ އިސް ލީޑަރުންގެ މައުލޫމާތު ވެސް އެއްކުރުމުގެ ބޭނުމުގަ އެވެ. އެގޮތުން އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ފިލައިގެން އުޅުނު ޕާކިސްތާނުގެ އަބްތަބަދުގައި ވެސް އެމެރިކާގެ ސީއައިއޭ އިން ޕާކިސްތާނުގެ ޑޮކްޓަރެއް ބޭނުންކޮށްގެން ޕޯލިއޯ ވެކްސިންގެ ކެމްޕޭނެއް ހިންގި މައްސަލަ ވަނީ ހޫނުވެފަ އެވެ. އާންމުކޮށް މިފަދަ ކެމްޕޭންތައް ހިންގަނީ ދޮރުން ދޮރަށެވެ.
ޑްރޯން ހަމަލާތަކުގެ ނުރައްކާ ތާލިބާނުންނަށް ބޮޑުވެފައިވާއިރު އެމެރިކާ އިން ފާއިތުވި އަހަރުތަކުގައި އަލްގައިދާގެ ގިނަ އިސް ލީޑަރުންތަކެއް ވެސް މަރާލާފައި ވަނީ މިފަދަ ޑްރޯން ހަމަލާތަކުގަ އެވެ.
ޕޯލިއޯ ވެކްސިނަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފައިވާއިރު ޕާކިސްތާނަކީ ޕޯލިއޯ ނައްތާނުލެވިފައިވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. --އޭއެފްޕީ

ފޮޓޯ އިން ހަބަރު
1 comment