ރިއޯ ޑި ޖެނީރޯ (ޖޫން 23) - ދެމެހެއްޓެނި ތަރައްގީއާ ބެހޭ ގޮތުން ބްރެޒިލްގެ ރިއޯގައި ބޭއްވި އދ.ގެ ތާރީޚީ ސަމިޓް ދުނިޔެ އަށް އުއްމީދުތަކެއް ގެނެސް ދެމުން އިއްޔެ ނިންމާލައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ބޭއްވި ސަމިޓުގައި ފާސްކުރި "ދަ ފިއުޗާ ވީ ވޯންޓް" ނުވަތަ އަހަރެމެން ބޭނުންވާ މުސްތަގްބަލާ ބެހޭ 53 ސަފުހާގެ އެއްބަސްވުމުން ފެހި އިގްތިސާދަކަށް މަގު ފަހިވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި އދ.ގެ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސްގެ މުއްދަތު 2015 ވަނަ އަހަރު ހަމަވާތީ "ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ލަނޑުދަނޑިތަކަކަށް" ވަނީ އެއްބަސްވެވިފަ އެވެ. ދުނިޔެ އިން ފަގީރުކަން ނައްތާލުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ މައްޗަށް ބާރު އަޅާ މުހިންމު ނުކުތާތަކެއް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވީ މިއީ އުޖާލާ، ރައްކާތެރި ދުނިޔެއަކަށް މަގުފަހިކޮށްދޭނެ ދެލިކޮޕީއެއް ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ލިޔުމެއް. މިއީ އަހަރެމެން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާނެ ލިޔުމެއް. އެންމެ މުހިންމު ކަމަކީ މެންބަރު ގައުމުތަކުން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތް ކުރުން،" ބާން ވިދާޅުވި އެވެ.
ސަމިޓުގެ އެއްބަސްވުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ 191 ގައުމުން ބައިވެރިވެގެން 10 ދުވަހުގެ މުއްދަތަށް ބޭއްވި ބައްދަލުވުންތަކުގައި ތައްޔާރުކުރި އެއްބަސްވުމަކީ ދުނިޔެ ހިމާޔަތް ކުރުމަށް ވުރެ ބޮޑަށް ވަކިވަކި ގައުމުތަކުގެ މަސްލަހަތަށް އިސްކަންދޭ އެއްބަސްވުމެއް ކަމަށެވެ.
ސަމިޓުގެ އެއްބަސްވުމުގައި އަލިއަޅުވާލައިފައި މުހިންމު ދާއިރާތަކުގެ ތެރޭގައި މޫސުމަށް ބަދަލު އައުން، ޖަންގަލިތައް ނެތިދިއުން، ހަނަފަސްކަން، މަސްވެރިކަން ދަށްވުން، ޕޮލިއުޝަން އަދި ބައެއް ދިރޭތަކެތި ހުސްވެދާނެ ކަމުގެ ބިރު ހީވުން ހިމެނެ އެވެ. ދެމެހެއްޓެނި ތަރައްގީ ހޯދުމަށް ފެހި އިގްތިސާދަކަށް ބާރު އަޅާފައިވާއިރު ތަރައްގީވަމުން އަންނަ ގައުމުތަކުން ޑިމާންޑް ކުރި 30 ބިލިއަން ޑޮލަރުގެ އެހީގެ ވާހަކަ ލިޔުމުގައި ހިމަނައިފައެއް ނުވެ އެވެ.
ސަމިޓުގައި ދުނިޔޭ 90 ވަރަކަށް ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެޑައިގެންނެވި ނަމަވެސް ދުނިޔޭގެ އެންމެ ބާރު ގަދަ ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައި ނުގަންނަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަދި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ހިމެނިވަޑައިގަންނަވަ އެވެ. --އޭއެފްޕީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment