ގާހިރާ (ޖޫން 24) - މިސްރުގެ ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރަން އެގައުމުގެ އިލެކްޝަން ކޮމިޝަން ތައްޔާރުވަމުން އަންނައިރު ރިއާސީ ރޭހުގެ ފަހު ބުރުގައި ވާދަކުރި ދެ ކެންޑިޑޭޓުން ވެސް ދަނީ ކާމިޔާބީގެ އުފާ ފާޅުކުރަމުންނެވެ.
އާންމު އިންތިޚާބުގައި ކުރި ހޯދި، މިސްރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މުސްލިމް ބްރަދަހުޑްގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު މުރްސީ ވަނީ މިހާރު ވެސް ރިއާސީ އިންތިޚާބުގެ ކާމިޔާބީ އިއުލާނުކުރައްވައިފަ އެވެ. ރިއާސީ އިންތިޚާބު 52 ޕަސެންޓްގެ ވޯޓާއެކު ކާމިޔާބުވެއްޖެ ކަމަށް މުސްލިމް ބްރަދަހުޑުން އަމިއްލަ އަށް އިއުލާނުކޮށްގެން އުޅޭއިރު އެމީހުންނާ ފަހު ބުރުގައި ވާދަކުރި، ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސަރުކާރުގެ އެންމެ ފަހު ބޮޑުވަޒީރު، އަހުމަދު ޝަފީގު ސަޕޯޓަރުން ވެސް ވަނީ މިހާރު ރިއާސީ އިންތިޚާބުގެ އުފާ ފާޅުކުރަން ފަށައިފަ އެވެ.
ރިއާސީ ރޭސް ކާމިޔާބުވެއްޖެކަން ޝަފީގުގެ ކެމްޕޭން ޓީމުން އިއުލާނުކުރީ ރަސްމީ ނަތީޖާ އިއުލާނުކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ނަމަކަށް މިހާރު ބޭނުންކޮށްފައި ވަނީ ވެސް "ރައީސް އަހުމަދު ޝަފީގް" ގެ ނަމެވެ.
ޝަފީގްގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ ރިއާސީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް މުސްލިމް ބްރަދަހުޑުން މިދިޔަ ހަފުތާގައި ބުނީ އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. މުސްލިމް ބްރަދަހުޑުން ބުނެފައި ވަނީ މަކަރު ހަދައިގެން ނޫން އެހެން ގޮތަކަށް ޝަފީގަށް ރިއާސީ އިންތިހާބު ކާމިޔާބުނުކުރެއްވޭނެ ކަމަށެވެ.
މިސްރުގެ ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން ފަސްކުރުމަށް ފަހު، މިއަދުގެ ހަވީރުގެ ވަގުތެއްގައި ނަތީޖާ އިއުލާނުކުރާނެ އެވެ. މިސްރުގެ ނުފޫޒުގަދަ އަސްކަރިއްޔާ އިން ވަނީ، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ދެ ފަރާތުގެ ސަޕޯޓަރުން ވެސް ނަތީޖާ އަށް އިހްތިރާމްކުރުމަށް ގޮވާލައިފަ އެވެ.
ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރަން މިސްރު ތައްޔާރުވެފައިވާއިރު އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތަކަށް ވެރިވެގެންފައިވާ މައްސަލަ ވެސް އޮތީ ހޫނުވެފަ އެވެ. އަސްކަރިއްޔާ އިން ވަނީ ބްރަދަހުޑްގެ ބާރު އޮތް ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު އާ ގާނޫނު އަސާސީއެއްގެ ދަށުން ހާއްސަ ބާރުތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އަލަށް އެކުލަވައިލާ ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތައް ވީޓޯކުރުމުގެ ބާރު އަސްކަރިއްޔާ އަށް މިހާރު އެބައޮތެވެ.
އަސްކަރިއްޔާ އިން ބުނެފައި ވަނީ ރިއާސީ އިންތިހާބު ކޮންމެ ބަޔަކު ކާމިޔާބުކުރިޔަސް އެ ބަޔަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރަން ފަސްނުޖެހޭނެ ކަމަށެވެ. ނަމަވެސް މުސްލިމް ބްރަދަހުޑް ވެރިކަމަށް އަތުވެދާނެތީ އަސްކަރިއްޔާ ކަންބޮޑުވެފައިވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ބްރަދަހުޑްގެ ކާމިޔާބީއާ އެކު އެންމެ ބޮޑަށް ކަންބޮޑުވެފައި ތިބި ބަޔަކީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކެވެ. އެމީހުން ބްރަދަހުޑް ސިފަކުރަމުން ދަނީ ދީނީ ހަރުކަށި ޖަމާއަތެއްގެ ގޮތުގަ އެވެ. އެހެންކަމުން ބްރަދަހުޑްގެ ސަރުކާރަކާ އެކު އިޒްރޭލު ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
1 comment