ގާހިރާ (ޖޫން 25) - މައްސަލަތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަވެ އެކަތިގަނޑަކަށްވުމަށް، މިސްރުގެ ރިއާސީ އިންތިޚާބު ކާމިޔާބުކުރެއްވި މުސްލިމް ބްރަދަހުޑްގެ ކެންޑިޑޭޓް މުހައްމަދު މުރްސީ އިއްޔެ ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް ހުސްނީ މުބާރަކް އާއި އަސްކަރިއްޔާގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޝްހޫރުވި، އަހުމަދު ޝަފީގުގެ މައްޗަށް ރިއާސީ ރޭހުގެ ފަހު ބުރުގައި މުރްސީ ކާމިޔާބު ހޯއްދެވީ ވޯޓްގެ 51.73 ޕަސެންޓް ކާމިޔާބުކުރައްވައިގެންނެވެ. ރޭހުގެ ރަސްމީ ނަތީޖާ އިއުލާންކުރިތާ މާ ގިނައިރުތަކެއް ނުވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުރްސީ ވިދާޅުވީ އޭނާ އަކީ ވަކި ބައެއްގެ ރައީސެއް ނޫން ކަމަށާއި މިއީ ހުރިހާ އެންމެން އެއް ގަލަކަށް އަރަންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑު ވެގެންދާނީ މިސްރުގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް،" ރަސްމީ ނަތީޖާ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަ ދައްކަވަމުން، 60 އަހަރުގެ މުރްސީ ވިދާޅުވި އެވެ. "ގައުމު އެއްބައިވަންތަވުމަށް މިސްރުގެ ރައްޔިތުންނަށް ގޮވާލަން. މިކަހަލަ ދަތި އުނދަގޫ ދުވަސްތަކުން އަރައިގަނެވޭނެ ހަމައެކަނި ގޮތަކީ އެއީ".
މި މޭރުމުން ވާހަކަ ދައްކަވަމުން މުރްސީ ވިދާޅުވީ ރައްޔިތުން ގެނައި އިންގިލާބު ކުރިއަށްދާނެ ކަމަށާއި ރައްޔިތުން އެދޭ ބަދަލުތަކަށް އެމީހުންނާ ވާސިލުވެ ވަޑައިގަންނަވާނެ ކަމަށެވެ. އެތެރޭގެ ހަމަޖެހުމަށް މުރްސީ ގޮވާލައްވާފައިވާއިރު އޭނާ ވަނީ މުސްލިމް ބްރަދަހުޑްގެ ސަރުކާރެއް މިސްރުގައި އޮތުމަކީ ދުނިޔެ އިން ވެސް އެކަމަކާ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.
ދީނީ ހަރުކަށި ޖަމާއަތެއްގެ ގޮތުގައި ހުޅަނގުން މުސްލިމް ބްރަދަހުޑް ސިފަކުރިޔަސް މުރްސީގެ ކާމިޔާބީއާ އެކު އޭނާ އަށް އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔާފައި ވަނީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުންނެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ، މެދުއިރުމަތީގެ ސުލްހައިގެ މައި ކިއްލާއެއްގެ ގޮތުގައި މިސްރު ދެމެހެއްޓެވުމަށް މުރްސީ އަށް ގޮވާލައްވައިފަ އެވެ.
އިނގިރޭސި ވިލާތުން ވެސް ބުނެފައި ވަނީ މެދުއިރުމަތީގެ ސުލްހައިގެ މަރުހަލާގައި މިސްރުން މިހާތަނަށް އަދާކުރަމުން އައި ރޯލު މުސްލިމް ބްރަދަހުޑްގެ ސަރުކާރަކާ އެކު ވެސް ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވެސް ވިދާޅުވެފައި ވަނީ މިސްރާއި އިޒްރޭލާ ދެމެދު އޮތް ޒަމާންވީ ސުލްހަޔަށް އާ ސަރުކާރުގެ އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ހުޅަނގުން އެންމެ ކަންބޮޑުވަނީ މުރްސީގެ ސަރުކާރަކާ އެކު އިޒްރޭލަށް ނުރައްކާވެދާނެތީ އެވެ. އިޒްރޭލުގެ ލީޑަރުންނަން ފާޑުވިދާޅުވި ނަމަވެސް މިސްރުން އިޒްރޭލާ އެކު ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް އިހްތިރާމްކުރައްވާނެ ކަމަށް މުރްސީ ވަނީ ވިދާޅުވެފަ އެވެ.
މިސްރަކީ އަރަބި ދުނިޔެއިން އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ގައުމެވެ. --އޭއެފްޕީ

0 comment