މިސްރުގެ ރިއާސީ އިންތިހާބު

ނާކާމިޔާބީއާ އެކު ޝަފީގު، މިސްރު ދޫކޮށް ވަޑައިގެންފި

އަހުމަދު ނަދީމް
27 ޖޫން 2012 12:38
  • މިސްރުގެ ރިއާސީ އިންތިޚާބުގައި ނާކާމިޔާބުވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގުގެ ޕޯސްޓަރަކާ އެކު އޭނާގެ ސަޕޯޓަރެއް. --ފޮޓޯ:އޭއެފްޕީ

ގާހިރާ (ޖޫން  27) - މިސްރުގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި މުސްލިމް ބްރަދަހުޑްގެ ކެންޑިޑޭޓާ ވާދަކޮށް ނާކާމިޔާބުވި މިސްރުގެ ކުރީގެ ބޮޑުވަޒީރު، އަހުމަދު ޝަފީގު އޭނާގެ އާއިލާއާ އެކު ގައުމު ދޫކޮށް ޔުނައިޑެޓް އަރަބި އެމިރޭޓްސް އަށް ބަދަލުވެ ވަޑައިގެންފި އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސަރުކާރުގެ އެންމެ ފަހު ބޮޑުވަޒީރު، ޝަފީގު، ނާކާމިޔާބީއާ އެކު ގައުމު ދޫކޮށް ވަޑައިގެންފައިވާއިރު މިސްރުން ވަނީ، ސިވިލް އެވިއޭޝަން މިނިސްޓަރުކަމުގެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެ ވަޑައިގެންފައިވާ މައްސަލައެއްގެ ތަހުގީގު ފަށައިފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ޝަފީގު ގައުމު ދޫކޮށްލެއްވީ، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކުން ސަލާމަތްވެ ވަޑައިގަތުމަށް ކަމަށެވެ.

ނަމަވެސް އޭނާގެ ކެމްޕޭން އޮފީހުން ބުނެފައި ވަނީ އަބޫ ދާބީ އަށް އޭނާ ވަޑައިގަތީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި އެ ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ދީނީ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. ކެމްޕޭން އޮފީހުން ބުނެފައި ވަނީ ސިޔާސީ އާ ޕާޓީއެއް އުފެއްދެވުމަށް ޝަގީފު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

މުބާރަކްގެ ވެރިކަމުގައި، ސިވިލް އެވިއޭޝަންގެ ވުޒާރާގެ ވެރިކަން އަށް އަހަރު ވަންދެން ކުރެއްވި ޝަފީގު ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އޭނާ އަށާއި އޭނާގެ އާއިލާގެ މެމްބަރުންނަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން މަރުހަބާ ކިޔާފައިވާއިރު މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓުމާ ގުޅިގެން، ގައުމު ދޫކޮށް ވަޑައިގެންނެވި އޭނާގެ ސަރުކާރުގެ ކުރީގެ ގިނަ އޮފިޝަލުންތައް މިހާރު މިނިވަންކަމާ އެކު ދިރިއުޅުއްވަމުން ގެންދަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގަ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި