ލީބިޔާ

ލީބިއާގައި ހައްޔަރުކުރި އައިސީސީގެ ޓީމު ދޫކޮށްލައިފި

އަހުމަދު ނަދީމް
03 ޖުލައި 2012 13:04
  • ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އެންމެ މަޝްހޫރު ދަރިކަލުން ކަމަށްވާ ސައިފް އަލް އިސްލާމް: އޭނާގެ މައްޗަށް ޝަރީއަތް ކުރުމަށް ލީބިއާ ދަނީ ތައްޔާރުވަމުން. --ފޮޓޯ:އޭއެފްޕީ

ދަ ހޭގް (ޖުލައި 3) - ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން، ސައިފް އަލް އިސްލާމް އަށް ގާނޫނީ ވަކީލެއް ހޯދުމުގައި އެހީތެރިވުމަށް އޭނާ ގާތަށް ދިޔަ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ހާއްސަ ޓީމު އެންމެފަހުން ލީބިއާ އިން ދޫކޮށްލައިފި އެވެ.

ލީބިއާގެ ސަރުކާރުން މި ޓީމުގެ މެމްބަރަކު ހައްޔަރުކުރީ ޖާސޫސެއް ކަމަށް ތުހުމަތުކޮށްގެންނެވެ. ލީބިއާ އިން އޭރު ބުނީ އޭނާ ހައްޔަރުކުރީ، ކުރީގެ ސަރުކާރުގެ އިސް މީހަކު ފޮނުވި ސިޓީއެއް ސައިފްއާ ހަވާލުކުރަން އުޅެނިކޮށް ކަމަށެވެ.

ސިއްރު ސިޓީއެއް ސައިފް އަށް ފޯރުކޮށްދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އޮސްޓްރޭލިއާގެ ވަކީލެކެވެ. ލީބިއާ އިން ބުނެފައި ވަނީ އިތުރު ބަޔަކު ހައްޔަރުނުކުރާ ކަމަށާއި އައިސީސީގެ ޓީމުގެ އިތުރު ތިން މީހުން އެ ގައުމުގައި މަޑުކުރީ އަމިއްލަ އަށް ކަމަށެވެ.

ލީބިއާގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ އައިސީސީގެ ޓީމު ދޫކޮށްލަން އެއްބަސްވީ ނެދަލެންޑްސްގެ ދަ ހޭގްގެ ކޯޓާ އެކު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އައިސީސީގެ ރައީސް ސެންގް-ހިޔުންގް ސޮންގް ވިދާޅުވެފައި ވަނީ ލީބިއާ އިން ކުރާ ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް އައިސީސީން ހާއްސަ ތަހުގީގެއް ހިންގާނެ ކަމަށާއި ކުށްވެރިވާ ބަޔަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

އެއްބަސްވުމެއްގެ ދަށުން އައިސީސީގެ ހަތަރު މެމްބަރުން ލީބިއާ އިން ދޫކޮށްލި ނަމަވެސް އެމީހުންގެ ޝަރީއަތް އޮތީ ލީބިއާގެ ކޯޓެއްގައި މި މަހުގެ 23 ވަނަ ދުވަހަށް އެޖެންޑާކޮށްފަ އެވެ. އެ އަޑުއެހުމަށް އެ މީހުން އެނބުރި ލީބިއާ އަށް ދާނެކަން އެނގިފައެއް ނުވެ އެވެ.

ސައިފް އަށް ގާނޫނީ ހިމާޔަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އައިސީސީން އެހީތެރިވަމުން އަންނައިރު އޭނާގެ ޝަރީއަތް ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ވެސް އައިސީސީގަ އެވެ. ނަމަވެސް ލީބިއާގެ އާ ސަރުކާރުގެ ބެލުމުގެ ދަށުން އެގައުމުގައި އޭނާގެ މައްޗަށް ޝަރީއަތް ކުރުމުގެ ބާރު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ސައިފްއާ އެކު ގައްޒާފީ އާއި އޭނާގެ ސަރުކާރުގެ ކުރީގެ އިސް ވެރިންތަކެއް ހައްޔަރުކުރުމަށް އައިސީސީން ކުރިން އަމުރު ނެރެފައިވެ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި