ލީބިޔާ

ލީބިއާގެ އިންތިހާބުގައި ދީނީ ޕާޓީތައް ބަލިވުމުގެ ފުރުސަތު ބޮޑު

އަހުމަދު ނަދީމް
09 ޖުލައި 2012 11:44
  • ލީބިޔާގެ އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އިމާރާތެއްގައި ހަރުކޮށްފައި: އިންތިޚާބުން ވަކި ބަޔަކަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށްވޭ.

ޓްރިޕޮލީ (ޖުލައި 8) - މުއައްމަރުލް ގައްޒާފީގެ ޒަމާންވީ ވެރިކަމަށް ފަހު ލީބިއާގައި ނެގި ފުރަތަމަ އާންމު އިންތިހާބުގެ ވޯޓްގައި އެ ގައުމުގެ ދީނީ ޕާޓީތަކުގެ މައްޗަށް ނެޝެނަލް ފޯސަސް އެލަޔަންސް އިން ކުރި ހޯދުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ނެޝަނަލް އެލަޔަންސް އަކީ ހުޅަނގުގެ ބާރުތަކާ ގުޅިގެން ގައްޒާފީގެ ވެރިކަން ވައްޓާލި އިއްތިހާދެވެ. އާންމު އިންތިހާބުގައި އެމީހުންނާ އެންމެ ވާދަވެރި ޕާޓީއެއްގެ ގޮތުގައި ފެނިގެން ދިޔައީ މުސްލިމް ބްރަދަހުޑްގެ ލީބިއާ ގޮފި ކަމަށްވާ، ޖަސްޓިސް އެންޑް ކޮންސްޓްރަކްޝަން ޕާޓީ އެވެ.

ރަސްމީ ނަތީޖާ އިއުލާނުކުރާނެ ދުވަހެއް އިއުލާނުކޮށްފައި ނެތަސް ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ގުޅިފައިވާ އިއްތިހާދުން ވަނީ ވެރިރަށް ޓްރިޕޮލީ އާއި އިރުމަތީ ބިތުގައި އޮތް އެންމެ ބޮޑު ސިޓީ ކަމަށްވާ، ބެންގާޒީގައި މިހާރު ވެސް ދީނީ ޕާޓީތަކުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ނަމަވެސް އިންތިހާބުގައި ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ކަމެއް ނޭނގެ އެވެ. އެހެންކަމުން އިއްތިހާދުގެ ލީޑަރު އަދި ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު މަހްމޫދު ޖިބްރީލް ވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އެންމެން އެކަތިގަނޑަކަށްވުމަށް ގޮވާލައްވައިފަ އެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމުގެ މޭސްތިރިއެއް ކަމަށްވާ ޖިބްރީލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ވޯޓްގައި އެއްވެސް ބަޔަކު ބަލިނުވާ ކަމަށާއި އަދި ކާމިޔާބު ލިބުނު ބައެއް ވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ބަޔަކު އިންތިހާބު ކާމިޔާބުކުރިޔަސް އެ ކާމިޔާބީގެ އަސްލު ވެރިޔަކަށްވާނީ ލީބިއާ ކަމަށެވެ.

ލީބިއާގެ އާންމު އިންތިހާބު މީޑިއާ އިން ދީނީ ޕާޓީތަކާއި ލިބަރަލް ޕާޓީތަކުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ޖިބްރީލް ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ހުރިހާ ޕާޓީތަކަކީ ވެސް އިސްލާމް ދީން އެމީހުންގެ މައިގަނޑު އަސާސަކަށް ހަދާފައިވާ ޕާޓީތަކެއް ކަމަށެވެ.

މިފަހަރުގެ އިންތިހާބު ކުރިއަށް ދިޔައިރު ލީބިއާގެ އިރުމަތީ ސަރަހައްދުތަކުގެ ބައެއް އިސް ލީޑަރުން ވަނީ ވޯޓް ބޮއިކޮޓްކޮށްފަ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގައި އިރުމަތީ ބިތަށް މާ ބޮޑު ބާރެއް ދީފައި ނެތުމުންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި