އަފްޣާނިސްތާން

އަފްޣާނިސްތާނުގެ ކައިވެނި ހަފުލާއަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 13 މީހުން މަރާލައިފި

ހަސަން އާމިރު
14 ޖުލައި 2012 14:42
  • އަފްޣާނިސްތާނުގެ ކަންދަހާރުގައި މިދިޔަ ހޯމަ ދުވަހު ޖާނުން ފިދާވުމުގެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ތާލިބާން ޖަމާއަތުގެ މީހަކު ހައްޔަރު ކުރަނީ: މިއަދުގެ ކައިވެނި ހަފުލާ އަށް ވެސް ޖާނުން ފިދާވުމުގެ ހަމަލާ ދިނީ ތާލިބާނުން ކަމަށް ޝައްކުކުރެވޭ

މަޒާރި ޝަރީފް، އަފްޣާނިސްތާން (ޖުލައި 13) - އަފްޣާނިސްތާނުގައި ކައިވެނި ހަފުލާއެއް ކުރިއަށް ގެންދަނިކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރަކާއި އިތުރު 12 މީހުން މިއަދު މަރާލައިފި އެވެ.

ހަށިގަނޑުގައި ގޮވާ ތަކެތި ހަރުކޮށްފައި ހުރި މީހާ ވަނީ މަޖިލީހުގެ އިސް މެންބަރެއް ކަމަށްވާ އަހުމަދު ޚާންގެ ގައިގައި ބައްދައިގަނެ ގޮވާ ތަކެތިތައް ގޮއްވާލައިފަ އެވެ. މިއީ، ސިފައިންގެ ކުރީގެ ކޮމާންޑަރު އަހުމަދު ޚާންގެ އަންހެން ދަރިއެއްގެ ކައިވެނި ހަފުލާއެކެވެ.

ޖާނުން ފިދާވުމުގެ ހަމަލާގައި ވަނީ ސަމަންގަން ޕްރޮވިންސްގެ ޖާސޫސީ އިދާރާގެ ވެރިޔާ ވެސް މަރުވެފަ އެވެ. މި ހަފުލާގައި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވެސް ބައިވެރި އެވެ.

ސަމަންގަންގެ ހޮސްޕިޓަލްގެ އިސް ޑޮކްޓަރު މަންސޫރު ފަޔާޒް ވިދާޅުވީ މަރުވި 13 މީހުންގެ އިތުރުން ޒަޚަމްވެގެން 60 މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް ސަލާމަތީ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޖާނުން ފިދާވުމުގެ މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލައިފައެއް ނުވެ އެވެ. ތާލިބާން ޖަމާއަތުގެ ތަރުޖަމާނަކު ވިދާޅުވީ މިފަދަ ހަމަލާއެއް ދިންކަން އެ ޖަމާއަތަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ތުހުމަތު ކުރަނީ މިއީ ތާލިބާނުން ދިން ހަމަލާއެއް ކަމަށެވެ.

ތާލިބާނުންގެ ހަމަލާތަކުގައި އަފްޣާނިސްތާނުން އާއްމުންގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ދަނީ މަރުވަމުންނެވެ. އެ ގައުމުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި 2014 ގެ ފަހުން ގައުމުގެ ސަލާމަތީ ހާލަތު އިތުރަށް ގޯސްވާނެ އެވެ. ސަބަބަކީ އަފްޣާނިސްތާނުގައި ތިބި ބައިނަލްއަގުވާމީ ސިފައިންގެ ލަޝްކަރު 2014 ގެ ފަހުން އެ ގައުމުން ފައިބާނެތީ އެވެ. އަފްޣާނިސްތާނުގައި މިހާރު ބައިނަލްއަގުވާމީ 130،000 ސިފައިން އެބަތިއްބެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި