ދުނިޔެ

މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރުމަށް މިސްރާއި ސައުދީގެ ވެރިން މަޝްވަރާކޮށްފި

ހަސަން އާމިރު
14 ޖުލައި 2012 15:30
  • މިސްރުގެ ރައީސް މުރްސީ (ކ)އާ ސައުދީ ރަސްގެފާނު އަބްދުﷲ ޖިއްދާގައި ބައްދަލުކުރައްވަނީ. --ފޮޓޯ/އޭއެފްޕީ

ރިޔާޒް (ޖުލައި 13) - މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިސްރާއި ސައުދީ އަރަބިޔާގެ ވެރިން މަޝްވަރާ ކުރައްވައިފި އެވެ.

މިސްރުގެ ރައީސް މުހައްމަދު މުރްސީ ސައުދީ އަށް ކުރެއްވި ދަތުރުގައި ވަނީ މިސްރުގެ އިގްތިސާދީ ހަމަޖެހުމަށް ސައުދީން އަދާކުރެވިދާނެ ރޯލާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ސައުދީ އަށް ވަޑައިގެބް މުރްސީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އުމްރާއެއް ވެސް ކުރައްވައިފަ އެވެ.

ސައުދީ ރަސްގެފާނު އަބްދުﷲއާ މުރްސީ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރުން ވެސް ހިމެނޭ ކަމަށް ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

"މިސްރާއި ސައުދީ އަރަބިޔާ އިން ބޭއްވި މަޝްވަރާތަކުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ އިތުރުން މުޅި ސަރަހައްދުގެ އަމާންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައި،" ޖިއްދާގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުރްސީ ވިދާޅުވި އެވެ.

މުރްސީ ވިދާޅުވީ މަގާމާ ހަވާލުވުމަށް ފަހު ދަތުރުކުރާ ފުރަތަމަ ގައުމެއްގެ ގޮތުގައި ސައުދީ އަރަބިޔާ އިޚްތިޔާރު ކުރީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމަށް ބަލައިފައި ކަމަށެވެ. މިސްރުގެ ރައީސްކަމުގެ މަގާމުން ދުރުކުރި ހުސްނީ މުބާރަކުގެ ވެރިކަމުގައި ވެސް ސައުދީއާ ގާތްގުޅުމެއް ބާއްވައިފައިވެ އެވެ.

ސައުދީ އަރަބިޔާގައި މިސްރުގެ 1.65 މިލިއަން މަސައްކަތު މީހުން އުޅެ އެވެ. މިސްރުގައިކޮށްފައިވާ ސައުދީގެ އިންވެސްޓްމަންޓްތަކުގެ އަގު 7.2 ބލިއަން ޑޮލަރަށް އަރާ ކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެ އެވެ. ދެ ގައުމުގެ ވިޔަފާރި މިދިޔަ އަހަރު ވަނީ 4.75 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި