ބާގަސް (ޖުލައި 19) - ބަލްގޭރިއާގައި އިޒްރޭލުގެ ޓޫރިސްޓުން ދަތުރުކުރަމުން ދިޔަ ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި އިޒްރޭލުގެ ހަ ޓޫރިސްޓަކު މަރުވެއްޖެ އެވެ. އެ ހަމަލާގައި ދެން މަރުވެފައި ވަނީ ބަލްގޭރިއާގެ މީހަކާއި ބޮމުގެ ހަމަލާ ދިން ޑްރައިވަރެވެ.
ބަލްގޭރިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ޑްރައިވަރަކަށް ހުރި މީހާ އަކީ ވަގު ލައިސަންސްއެއް ގެންގުޅު މީހެއް ކަމަށެވެ. އެ ހަމަލާގައި 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
އިޒްރޭލުގެ ޓޫރިސްޓުންގެ ބަޔަކަށް މި ހަމަލާ އަމާޒުކޮށްފައިވާއިރު ފަހުގެ ތާރީޚުތަކުގައި ތައިލެންޑާއި އިންޑިއާ އަދި ޖޯޖިއާ އާއި ކެންޔާގެ އިތުރުން ސައިޕްރަސްގައި ވެސް އިޒްރޭލުގެ ޓޫރިސްޓުންނަށް އަމާޒުކޮށް ބޮމުގެ މިފަދަ ހަމަލާތަކެއް ދީފައިވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ މިފަހަރުގެ ހަމަލާ އަކީ ވެސް އީރާނުގެ ރޭވުމެއް ކަމަށާއި އިޒްރޭލުގެ ޓޫރިސްޓުންނަށް އަމާޒުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގެ ފަހަތުގައި ވަނީ ވެސް އީރާން ކަމަށެވެ. ނަތަންޔާހޫ ވަނީ މި ހަމަލާތަކުގެ ބަދަލު އީރާން ކިބައިން ހިފާނެ ކަމުގެ ހަރުކަށި އިންޒާރެއް ވެސް ދެއްވައިފަ އެވެ.
ބަލްގޭރިއާގައި އިޒްރޭލުގެ ޓޫރިސްޓުންގެ ބަހަށް ދިން ހަމަލާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ. ނަމަވެސް ހަމަލާއާ ގުޅުވައިގެން އީރާނުގެ ބޮލުގައި އޮބާމާ އެއްވެސް ތުހުމަތެއް އަޅުއްވާފައެއް ނުވެ އެވެ.
ހަމަލާގައި މަރުވި އާއިލާތަކަށް ތައުޒިޔާ ދެންނެވުމަށް އޮބާމާ ފޯނުން ގުޅުއްވުމުން ނަތަންޔާހޫ ވަނީ އީރާނު ކިބައިން ބަދަލުހިފަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ މި ހަމަލާ އަކީ އީރާނާއި ލުބްނާނުގެ ހިޒްބުﷲ އިން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެއް ކަމަށާއި އޭގެ ބަދަލު ހިފަން ޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަލްގޭރިއާގައި ދިން ބޮމުގެ ހަމަލާގައި މަރުވި އިޒްރޭލުގެ ޓޫރިސްޓުންނަކީ އަސްކަރިއްޔާއާ ގުޅުމަށް ތައްޔާރުވަމުން ދިޔަ ޒުވާނުންތަކެކެވެ.

1 comment