އިންޑިއާ

ހަނަފަސްކަމާ ގުޅިގެން ދަނޑުވެރިކަން ސަލާމަތް ކުރުމަށް އިންޑިޔާ ސަރުކާރު ތައްޔާރުވެއްޖެ

ހަސަން އާމިރު
24 ޖުލައި 2012 12:07
  • މި އަހަރުގެ ވިއްސާރަ މޫސުން ފެށުމުގެ ކުރިން ހައިދަރުއާބާދުގެ ދަނޑުވެރިންތަކެއް ކޮޓަން އޮށްތަކެއް އިންދަނީ: ދަނޑުވެރިކަމުން ލިބޭ ނަފާ އިންޑިޔާގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރޭ. --އޭއެފްޕީ ފައިލް ފޮޓޯ

ނިއު ދިއްލީ (ޖުލައި 24) - ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިންޑިޔާ އަށް އެކަށީގެންވާ ވަރަށް މި އަހަރު ވާރޭ ވެހިފައިނުވާތީ ކުރިމަތިވެދާނެ ހަނަފަސްކަމަކާ ގުޅިގެން ދަނޑުވެރިންނަށް ލިބޭނެ ގެއްލުންތަކަށް އެހީވުމަށް އިންޑިޔާ ސަރުކާރު ތައްޔާރުވެއްޖެ އެވެ.

އިންޑިޔާ އަކީ ހަނޑުލާއި ހުކުރު، ފުށް އަދި ކޮޓަން އެންމެ ގިނައިން ހައްދާ އެއް ގައުމެވެ. އެ ގައުމުގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރެއްކޮށްފި ނަމަ ކެއުމަށް ބޭނުންކުރާ އަސާސީ ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ، މި ބާވަތްތައް އެކްސްޕޯޓް ކުރާ ގައުމުތަކަށް ވެސް ގެއްލުމާ ކުރިމަތިވާނެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ އިންޑިޔާ އަށް އާއްމުގޮތެއްގައި ކުރަނީ ޖޫން އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މި އަހަރުގެ ވިއްސާރަ މޫސުމުގައި އެކަށީގެންވާ ވަރަށް ވާރޭވެހިފައި ނުވާތީ ދަނޑުވެރިކަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. ވިއްސާރަ ދުވަސްވަރު އިންޑިޔާގެ ދަނޑުވެރިން ސިފަކުރަނީ އެމީހުންގެ "އިގްތިސާދަށް ލިބޭ ދިރުމެއްގެ" ގޮތުގަ އެވެ.

"ވާރޭ ވެހޭ މިންވަރު މަދުވުމާ ގުޅިގެން ދަނޑުވެރިންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަރުކާރު އޮތީ ތައްޔާރުވެފައި،" ބޮޑު ވަޒީރު މަންމޯހަން ސިންގުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "އެގްރިކަލްޗާ ޑިޕާޓްމަންޓުން މިހާރު ވަނީ ދުރާލާ އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ޕްލޭންތައް ހަދާފައި."

އިންޑިޔާގެ މޫސުމާ ބެހޭ އޮފީހުން ބުނެފައި ވަނީ މި އަހަރުގެ ވިއްސާރަ މޫސުމުގައި އިންޑިޔާގެ 76 ޕަސެންޓް ސަރަހައްދަށް އެކަށީގެންވާ ވަރަށް ވާރޭވެހިފައި ނުވާ ކަމަށެވެ. ޚާއްސަކޮށް ގޮވާމުގެ ބާވަތްތައް ގިނަ އިން ހައްދާ ސަރަހައްދުތައް ކަމަށްވާ ޕަންޖާޕާއި ހަރިއާނާ އަށް ވާރޭ ވެހޭ މިންވަރު މަދުވެފައިވާކަން މޫސުމާ ބެހޭ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިޔާގެ ޖީޑީޕީގައި ދަނޑުވެރިކަމުގެ ހިއްސާ 15 ޕަސެންޓަށް އަރަ އެވެ. އެކަމަކު ފެން ފޯރުކޮށްދޭ ނިޒާމުތަކުގެ ޚިދުމަތް ލިބޭ ދަނޑުތަކުގެ އަދަދު އުޅެނީ 40 ޕަސެންޓުގަ އެވެ. އިންޑިޔާގެ 1.2 ބިލިއަން އާބާދީގެ އެތައް މިލިއަން މީހުންގެ ދިރިއުޅުން ބިނާކޮށްފައި ވަނީ ދަނޑުވެރި ކަމަށެވެ. އިންޑިޔާގައި ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 235 މިލިއަނަށް އަރާ ކަމަށްވެ އެވެ.

އިންޑިޔާ އަށް 2009 ވަނަ އަހަރު ކުރިމަތިވި ހަނަފަސްކަމާ ގުޅިގެން ކެއުމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ވަރަށް ބޮޑުތަން ބޮޑުވެގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ފަގީރުންނަށް އެކަމުގެ ބުރަ ވަރަށް ބޮޑަށް އުފުލަން ޖެހުނެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި