ގާހިރާ (ޖުލައި 24) - މިސްރުގެ ޒަމާންވީ ވެރިކަން ބަދަލުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު، މިސްރުގެ ރައީސް މުހައްމަދު މުރްސީގެ ހާއްސަ ގަރާރެއްގެ ދަށުން އިއްޔެ މިނިވަންކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމަށް ފަހު ބޭއްވި ފުރަތަމަ ތާރީޚީ އިންތިހާބު ކާމިޔާބުކުރައްވައިގެން މިދިޔަ މަހު ރައީސް ކަމުގެ ހުވާ ކުރެއްވި މުރްސީ ވަނީ މުޒާހަރާގެ މައިދާނުން ސިފައިން މިދިޔަ އަހަރު ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ޖަލުތަކުގައި ތިބި 572 މީހަކަށް މައާފް ދެއްވައިފަ އެވެ. މި އެންމެންނަކީ ވެސް އަސްކަރީ ކޯޓްތަކުގައި ޝަރީއަތްކޮށް ހުކުމް އިއްވާފައިވާ މީހުންނެވެ.
މުބާރަކްގެ ޒަމާންވީ ވެރިކަން ވައްޓާލުމަށް މަގުތަކަށް ނުކުތް މީހުންގެ ތެރެއިން މިސްރުގެ އަސްކަރިއްޔާ އިން މިހާތަނަށް 11،879 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 9،714 މީހަކު ވަނީ މިހާތަނަށް ދޫކޮށްލައިފަ އެވެ.
މިސްރުގެ އަސްކަރީ ކޯޓުތަކުން ހުކުމްކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު މުރްސީގެ އަމުރަށް މިނިވަންކުރަމުންދާއިރު އަސްކަރީ ކޯޓްތަކުގައި އާންމުންނަށް ހުކުމް އިއްވާ މައްސަލަ މިސްރުގައި އޮތީ ވަރަށް ހޫނުވެފަ އެވެ. އަނެއްކޮޅުން މި މައްސަލާގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފިއްތުން ވެސް ވަނީ މިސްރު ސަރުކާރަށް ކުރިމަތިކޮށްފަ އެވެ.
މިސްރުގެ މައްސަލާގައި ވާހަކަ ދައްކަވަމުން، ހިއުމަން ރައިޓްސް ވޮޗްގެ މެދުއިރުމަތި އަދި އުތުރު އެފްރިކާ ގޮފީގެ ޑިރެކްޓަރު ސާރާ ލީހް ވިޓްސަން ވިދާޅުވީ ކޮންމެ ކަހަލަ ކުށަކަށް ވިޔަސް އާންމުންގެ މީހަކަށް އަސްކަރީ ކޯޓެއްގައި ޝަރީއަތް ހިންގޭނެ އުސޫލެއް ނެތް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކުގައި އެކަން ވަރަށް ސާފު ކަމަށެވެ. އަސްކަރީ ކޯޓްތަކުން ހުކުމް އިއްވި އާންމުންނަށް މައާފް ދެއްވުމަށް އޭނާ ވަނީ މުރްސީ އަށް ވެސް ގޮވާލައްވައިފަ އެވެ.
މުރްސީގެ ހާއްސަ ގަރާރެއްގެ ދަށުން އަސްކަރިއްޔާ އަށް އަނެއްކާވެސް ގޮންޖަހާލައްވާފައިވާއިރު އޭނާ ވަނީ މިސްރުގެ ގާނޫނު ހަދާ މަޖިލިސް ސުޕްރީމް ކޯޓުން އުވާލާފައި ވަނިކޮށް ވެސް ހާއްސަ ގަރާރެއްގެ ދަށުން މަޖިލީހުގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދަވައިފަ އެވެ. މިސްރުގެ އާ ސަރުކާރުން ދަނީ ނުފޫޒުގަދަ އަސްކަރިއްޔާގެ ބާރުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް އާ ގާނޫނު އަސާސީގެ މަސައްކަތްކުރިއަށްދާއިރު ސިފައިން އާންމުކޮށްފައިވާ ވަގުތީ ގާނޫނު އަސާސީގައި ވެސް ވަނީ އެމީހުންނަށް ހާއްސަ ބާރުތަކެއް ދީފަ އެވެ. --އޭއެފްޕީ

އެމްޑީޕީގެ މުޒާހަރާ
0 comment