ދުނިޔެ

ނޭޓޯގެ ސަޕްލައި ޓްރަކްތަކަކަށް ބަޑިން ހަމަލާ ދީފި

ހަސަން އާމިރު
24 ޖުލައި 2012 13:42
  • ޕާކިސްތާނުގެ ޗަމަން ސަރަހައްދީ ރޮނގުގައި މިދިޔަ ނޮވެމްބަރު މަހު ޕާކްކޮށްފައިވާ ނޭޓޯގެ ސަޕްލައި ޓްރަކްތަކެއް ކައިރީ އެ ގައުމުގެ ސިފައިންގެ މީހަކު ފޯރިމަރަނީ: ސަޕްލައި ޓްރަކްތަކަށް މިއަދު ވަނީ ބަޑިން ހަމަލާ ދީފައި. --އޭއެފްޕީ ފައިލް ފޮޓޯ

ޕިޝާވަރު (ޖުލައި 24) - އަފްގާނިސްތާނުގައި ތިބޭ ނޭޓޯ ސިފައިންނަށް ތަކެތި ހިފައިގެން ދަތުކުރި ޓްރަކްތަކަކަށް ޕާކިސްތާނުގެ ސަރަހައްދުން ބަޑީގެ ހަމަލާތަކެއް މިއަދު ދީފި އެވެ.

މި ހަމަލާތަކުގައި އެއް ޓަރަކުގެ ޑްރައިވަރު މަރުވެފައިވާ ކަމަށް އޮފިޝަނުން ބުނެ އެވެ.

މިއީ ހަތް މަސް ދުވަހަށް ފަހު، ނޭޓޯގެ ސަޕްލައި ޓްރަކްތަކަށް ޕާކިސްތާނުން މީގެ ތިން ހަފުތާ ކުރިން މަގު ހުޅުވާލި ފަހުން ދިން މިބާވަތުގެ ފުރަތަމަ ހަމަލާ އެވެ.

ނޭޓޯގެ ސަޕްލައި ޓްރަކްތައް ދަތުރު ކުރަން ޕާކިސްތާނުން ހުއްދަ ދިނުމާ ގުޅިގެން އެ ގައުމުގެ ކަނާތު ފިޔައިގެ ހަރުކަށި މުސްލިމް ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ތާލިބާން ޖަމާއަތުން ވަނީ ޓްރަކްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ނޭޓޯ ޓްރަކްތަކަށް މިއަދު ހަމަލާ ދީފައި ވަނީ ހަމަނުޖެހުން ބޮޑު ސަރަހައްދެއް ކަމަށްވާ ޕިޝާވަރުގަ އެވެ.

"ހިތިޔާރު ހިފައިގެން ތިބި ދެ މީހުން ސައިކަލެއްގައި އައިސް ޓްރަކްތަކަށް ހަމަލާދީ އެއް ޑްރައިވަރު މަރާލީ. ޑްރައިވަރުގެ އެހީތެރިޔާ އަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި،" ޕިޝާވަރުގެ ލޯކަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލް ބަޚްތިއާރު ޚާން ވިދާޅުވި އެވެ.

ނޭޓޯގެ ޓްރަކްތައް ދަތުރުކުރަމުން ދިޔައީ ސިކިއުރިޓީއާ ނުލައި ކަމަށް ސިޓީގެ އެހެން އޮފިޝަލަކު ވިދާޅުވި އެވެ.

ނޭޓޯގެ ސަޕްލައި ޓްރަކްތަކަށް ޕާކިސްތާނުން މި މަހު 3 ވަނަ ދުވަހު މަގު ހުޅުވާލި ނަމަވެސް އަދި މިހާތަނަށް ދަތުރުކޮށްފައި ވަނީ މަގު ޓްރަކެކެވެ.

މިއަދުގެ ހަމަލާ އައިސްފައި މި ވަނީ ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަހައްދަކަށް އެމެރިކާ އިން އިއްޔެ ދިން ޑްރޯން ހަމަލާއެއްގައި 10 މީހުން މަރުވެފައި ވަނިކޮށެވެ. އަދި މިއީ މި ރޯދަ މަހު ތިން ފުރަތަމަ ޑްރޯން ހަމަލާ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި