ގުދުސް (އޮގަސްޓް 2) - އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމަށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތަކުން ނަތީޖާއެއް ނުނިކުންނަ ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލިއޯން ޕެނެޓާއާ އެކު ބޭއްވެވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އަޅައިގެން އީރާނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ވާހަކަ ޕެނެޓާ ދާދިފަހުން ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެ ފިޔަވަޅުތަކުން އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ކުރި އަސަރެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދަތިކުރުމުގެ މަރުހަލާގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ވެސް އީރާން މައިތިރިނުކުރެއްވިޖެ ނަމަ ބާރުގެ ބޭނުންކުރާނެ ވާހަކަ އެމެރިކާ އިން ބުންޏަސް އެކަމެއް ވެސް ނުވާ ކަމަށެވެ.
"މިފަހުން ވާހަކަ ދައްކަވަމުން ވިދާޅުވި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް. އެއީ ތެދެއް،" ޕެނެޓާ އަށް އިޝާރާތްކުރައްވަމުން ނަތަންޔާހޫ ވިދާޅުވި އެވެ. "އެކަމަކު ހިތާމައަކީ އަދި ހަގީގަތަކީ ދަތިކުރުމުގެ އެ ފިޔަވަޅުތަކުން ވެސް އަދި މަޝްވަރާގެ ވާހަކަތަކުން ވެސް އީރާނުގެ ނިއުކްލިއާ މަޝްރޫއަށް އެއްވެސް އަސަރެއް ނުކުރާކަން".
މި މޭރުމުން އެމެރިކާ އަށް ފާޑުވިދާޅުވަމުން ނަތަންޔާހޫ ވިދާޅުވީ އެމެރިކާ އިން އަމަލުކުރަމުންދާ ގޮތުން އީރާނުގެ ބިރު ކެނޑިފައިވާއިރު ނިއުކްލިއާ މައްސަލާގައި އެގައުމަށް ހަމަލާއެއް ދީފާނެ ކަމަށް ބުންޏަސް އެމީހުން އެ ވާހަކަ މިހާރު އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ އީރާނާ ދެކޮޅަށް ނުކުތުމުގެ ހިތްވަރެއް ދުނިޔެ އަށް ލިބިފައިވާ ކަމަށް އެމީހުން މިހާރު ގަބޫލު ނުކުރާ ކަމަށެވެ.
"ކިތަންމެ ހަރުކަށި ބަޔާންތަކެއް (އީރާނާ ދެކޮޅަށް) ނެރުނަސް އަހަރެމެން ހަގީގަތުގައި ވެސް އެމީހުންގެ (ނިއުކްލިއާ މަޝްރޫއު) ހުއްޓުވަން ނުކުމެދާނެ ކަމަށް މިހާތަނަށް އެމީހުންނަށް ވިސްނައިދެވިފައެއް ނެތް،" ނަތަންޔާހޫ ވިދާޅުވި އެވެ.
ނިއުކްލިއާ މައްސަލާގައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އިޒްރޭލުން ބާރު އަޅަމުންދާއިރު އެމެރިކާ އިން ބުނަނީ މިއީ އެފަދަ ފިޔަވަޅެއް އަޅަން ވީ ވަގުތެއް ނޫން ކަމަށާއި މިއީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ކުރިއަށް ދާންވީ ވަގުތު ކަމަށެވެ. އިޒްރޭލުން ބުނަނީ އެގޮތަށް ވިސްނަން ތިއްބައި އީރާނުން އެންމެފަހުން ނިއުކްލިއާ ބޮމެއް އުފެއްދުމުން ދެން އެގައުމު ހުއްޓުވަން މާ އުނދަގޫވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އީރާނަށް ހަމަލާއެއް ދޭން ނިންމާފައި ނެތަސް އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ވަކި ބައެއްގެ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އީރާނަށް ހަމަލާ ދޭން ޖެހިއްޖެ ނަމަ އެކަމަށް އެމެރިކާގެ ހުއްދައެއް ވެސް ބޭނުމެއް ނުވާނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕެނެޓާ ވިދާޅުވީ އީރާނުގެ ކުރިމަތީގައި ދެ އިހްތިޔާރެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާ އެކު ނިއުކްލިއާ މަޝްރޫއު ނިންމާލެވިދާނެ ކަމަށާއި، އެގޮތް އީރާނުން ބޭނުން ނުވާ ނަމަ ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަމުން އީރާން ދުރަށް ޖެއްސުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އީރާނުގެ ނިއުކްލިއާ މައްސަލާގައި އެމެރިކާ އިން ގެންގުޅޭ "ކެތްތެރިކަމުގެ ސިޔާސަތު" ދޫކޮށްލުމަށް ފަހު އެގައުމާ ދެކޮޅަށް ވަގުތު ފާއިތުނުވަނީސް ފިޔަވަޅު އަޅަން އެބަޖެހޭ ކަމަށެވެ. --އޭއެފްޕީ

އެމްޑީޕީ ކެމްޕެއިން ޖަލްސާ
4 comments