ގާހިރާ (އޮގަސްޓް 9) - ސައިނާއީ ސަރަހައްދަށް ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ ސިފައިންގެ ގާޑުންތަކެއް މަރާލި މައްސަލައާ ގުޅިގެން މިސްރުގެ ޖާސޫސީ އިސްވެރިޔާ މުރާދު މުވާފީ މަގާމުން ދުރުކޮށްފި އެވެ.
ރައީސް މުހައްމަދު މުރްސީ ވަނީ މިލިޓަރީ ޕޮލިހަށް އާ ވެރިއަކު ހޯދުމަށް ވެސް ދިފާއީ ވަޒީރު ފީލްޑް މާޝަލް ހުސައިން ތަންތާވީ އަށް އަމުރުކުރައްވައިފަ އެވެ. މިލިޓަރީ ޕޮލިހުގެ ވެރިއަކަށް ހުންނެވި ހަމްދީ ބަދީން މަގާމުން ދުރުކުރަނީ ސައިނާއީ އަށް ދިން ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ނުވާތީ އެވެ. ޖަނާޒާގެ ތެރޭގައި، ހަމަނުޖެހުން ހިންގި ބައެއް މީހުން ވަނީ ބޮޑު ވަޒީރު ހިޝާމް ގަންދިލް އަށް ވެސް ހަމަލާދީފަ އެވެ.
ސައިނާއީ އަށް ހަމަލާ ދޭން އުޅޭކަން އިޒްރޭލުގެ ޖާސޫސީ ފަރާތްތަކަށް ލިބިގެން އެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. މުފާވީ ވިދާޅުވީ ހަނގުރާމަވެރިންގެ ހަމަލާއާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
މިސްރު ސިފައިންގެ އިސް މަގާމުތަކަށް މުރްސީ ގެންނެވި ބަދަލުތަކުގެ ތެރެއިން ރިޔާސީ ގާޑުގެ ކޮމާންޑަރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ގާހިރާގެ ސަލާމަތީ ކަންތައްތައް އާ ވެރިއަކު ހަމަޖެއްސެވުމަށް ވެސް މުރްސީ ވަނީ ނިންމަވައިފަ އެވެ.
ސައިނާއީ އަށް ދިން ހަމަލާއާ ގުޅިގެން ހަނގުރާމަވެރިން ބަލިކޮށްލުމަށް މިސްރު ސިފައިން އިއްޔެ ވަނީ ވަރުގަދަ އަޝްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. --އޭއެފްޕީ

0 comment