އީރާން

އީރާނަށް އައި ދެ ބިންހެލުމެއްގައި 250 މަރު

އަހުމަދު ނަދީމް
12 އޯގަސްޓް 2012 11:14

ތެހެރާން (އޮގަސްޓް 12) - އީރާނުގެ ހުޅަނގު އުތުރުބިތުގެ ތަބްރީޒް ސިޓީ އަށް އިއްޔެ އައި ދެ ބިން ހެލުމެއްގައި މަދުވެގެން 250 މީހުން މަރުވެއްޖެ އެވެ.

ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އީރާނުގެ ތެހެރާން ޔުނިވާސިޓީގެ ސެއިސްމޮލޮޖިކަލް ސެންޓަރުގެ ރިކޯޑްތައް ދައްކާ ގޮތުން ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ރިކްޓަ މިންގަނޑުން 6.2 ގެ ބާރު މިނުގަ އެވެ. ދެ ވަނަ ބިންހެލުމެއް 6.0 ގެ ބާރު މިނުގައި ރިކޯޑްކުރެވިފައި ވަނީ އޭގެ 11 މިނެޓް ފަހުންނެވެ.

އީރާނުން މި ބިންހެލުން ރިކޯޑްކޮށްފައިވާ ރޭޓަށް ވުރެ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ރިކޯޑްތައް މައްޗެވެ.

އެމެރިކާގެ ސާވޭ ސެންޓަރުން ބުނެފައި ވަނީ ފުރަތަމަ ބިންހެލުން ރިކޯޑްކުރެވިފައި ވަނީ 6.4ގެ ބާރު މިނުގަ އެވެ. އަދި އޭގެ 11 މިނެޓް ފަހުން 6.3 މެގްނެޓިއުޑް ބާރު މިނުގެ ބިން ހެލުމަކާ އެކު އީރާނުގެ ހުޅަނގު އުތުރު ބިތަށް ބިންހެލުން އައީ ފުރަތަމަ ބިން ހެލުމަށް ފަހު 11 އާފްޓާޝޮކްސް ވެސް ރިކޯޑްކުރެވިފައި ވަނިކޮށް ކަމަށެވެ.

ބިންހެލުން އައި ވަގުތާ ދިމާކޮށް އީރާނުގެ އެ ސަރަހައްދުން ޖުމްލަ 17 އާފްޓާޝޮކް ރިކޯޑްކުރެވިފައިވެ އެވެ.

ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގައި އަވަށްތަކުގެ ގެތަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާއިރު މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އީރާނުގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އީރާނުން ވަނީ 66 ޓީމު ނެރެފަ އެވެ.

އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމާ ގުޅިގެން ގެދޮރުނެތިފައިވާ 16،000 މީހަކަށް ރެޑް ކްރެސެންޓުން ދަނީ ކުޅިވަރު ސްޓޭޑިއަމެއްގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

ބިންހެލުންތަކަށް އާންމު ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އީރާނުގެ ބާމް ސިޓީ އަށް 2003 ވަނަ އަހަރު 6.6 މެގްނެޓިއުޑުގެ ބާރު މިނުގައި އައި ބިންހެލުމެއްގައި 31،000 މީހުން މަރުވެފައިވެ އެވެ. އަދި އެގައުމުގެ ދެކުނު ބިތުގައި އޮންނަ ކެސްޕިއަން ސީ އަށް 1990 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި އީރާނުން ގާތްގަނޑަކަށް 50،000 މީހުން މަރުވެފައިވެ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި