ޖިއްދާ (އޮގަސްޓް 12) - ސީރިއާގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަރަބި ލީގުގެ ޚާރިޖީ ވަޒީރުން ސައުދީ އަރަބިޔާގެ ޖިއްދާގައި މިއަދު ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އަރަބި ޚީރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި ސީރިއާ އަށް ކަނޑައެޅި ސުލްހައިގެ މަންދޫބު އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ ބަދަލުގައި އާ މަންދޫބެއް ހަމަޖެއްސުން ހިމެނެ އެވެ. މި މަގާމަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ އަލްޖީރިއާގެ ކުރީގެ ޚާރިޖީ ވަޒީރު ލަހުދަރު ބްރާހިމީ އެވެ.
ބްރާހިމީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސީރިއާގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހެވެ. ސީރިއާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ވައްދާ ކޮންމެ ގަރާރެއް ޗައިނާ އާއި ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ.
"ސީރިއާގެ އެތައް މިލިއަން މީހުން ސުލްހަ އަށް ބޭނުންވޭ. ސީރިއާގެ ރައްޔިތުންގެ ކެކުޅުންތަކަށް ދުނިޔޭގެ ލީޑަރުން ފުރަގަސް ދީގެން ނުވާނެ،" އުމުރުން 78 އަހަރުގެ ބްރާހިމީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރަބި ލީގުގެ ޑިޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ބިން ހަލީ ވިދާޅުވީ ސީރިއާގެ މަޝްރަހުގައި އެންމެ ފަހުން ހިނގި ކަންތައްތަކާ ބެހޭ ގޮތުން ވެސް ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސީރިއާގައި މިހާރު އެންމެ ހަމަނުޖެހުން ބޮޑީ ހަލަބް ސިޓީގަ އެވެ. ސީރިއާގެ ަރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ހިންގާ ހަރަކާތްތަކުގައި މިހާތަނަށް 21،000 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. --އޭއެފްޕީ

0 comment