ފަލަސްތީން

ބައްދަލުނުވާތާ 15 އަހަރުވީ ދެމަފިރިއަކަށް ދަރިއަކު ލިބިއްޖެ

ހަސަން އާމިރު
15 އޯގަސްޓް 2012 15:10 8 ކޮމެންޓު
  • ދަރިފަނި އަނބިމީހާއާ ހަމައަށް ފޯރުކޮށްދީގެން ލިބުނު ދަރިފުޅަށް ކިޔަނީ މުހައްމަދު.

  • ދަރިފަނި އަނބިމީހާއާ ހަމައަށް ފޯރުކޮށްދީގެން ލިބުނު ދަރިފުޅަށް ކިޔަނީ މުހައްމަދު.

  • ދަރިފަނި އަނބިމީހާއާ ހަމައަށް ފޯރުކޮށްދީގެން ލިބުނު ދަރިފުޅަށް ކިޔަނީ މުހައްމަދު.

ގާޒާ (އޮގަސްޓް 14) - ޖަލުގައި ބަންދުކޮށްފައި ހުންނަތާ 15 އަހަރުވެފައިވާ ފަލަސްތީނު މީހެއްގެ ދަރިފަނި އޭނާގެ އަންހެނުންނާ ހަމައަށް ފޯރުކޮށްދީގެން، އެ ދެމަފިރިންނަށް ކުއްޖަކު ލިބިއްޖެ އެވެ.

ޖަލު ބަލަހައްޓާ މީހުންނަށް ނޭނގި ފިރިހެން މީހާގެ ދަރިފަނި އަނބިމީހާ ހަމައަށް ގެންގޮސްގެން، އުމުރުން 32 އަހަރުގެ ދައްލާލް ޒައިބަން ބަލިވެ އިނދެ ލިބުނު ފިރިހެން ދަރިފުޅަށް ވަނީ މުހައްމަދުގެ ނަންދީފަ އެވެ. އޭނާގެ ފިރިމީހާ އައްމާރު، އިޒްރޭލުގައި ޖަލަކަށް ހުކުމްކޮށްފައި ވަނީ އުމުރަށެވެ.

އިޒްރޭލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނުގެ އަސީރުންގެ އަނބިން ޖަލަށް ޒިޔާރަތްކުރަން އިޒްރޭލުން ހުއްދައެއް ނުދެ އެވެ. އެހެންވެ ދައްލާލް ޒައިބަން އަށް އޭނާގެ ފިރިމީހާ އައްމާރު ނުފެންނަތާ 15 އަހަރުވެއްޖެ އެވެ. ދައްލާލް ޒައިބަން ބުނީ އޭނާ ބަލިވެއިނީ، އިޒްރޭލުގެ މެދުތެރޭ ޖަލެއްގައި ބަންދުކޮށްފައިވާ ހުރި އޭނާގެ ފިރިމީހާގެ ދަރިފަނި ގެނެސްގެން، އިންޓްރާޔުޓެރިން އިންޒަމިނޭޝަން (އައިޔޫއައި) ހަދައިގެން ކަމަށެވެ.

"ފިރިމީހާ ނުފެނި ގިނަ ދުވަސްތަކެއް ވުމަށް ފަހު، އަހަރެމެންނަށް ދަރިއަކު މިންވަރު ކުރެއްވީތީ ﷲ އަށް ޝުކުރު ކުރަން،" ނާބުލްސްގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން އޮޕަރޭޝަނަށް ދިއުމުގެ ކުރިން ދައްލާލް ޒައިބަން އޭއެފްޕީގެ ނޫސްވެރިން ގާތު ބުންޏެވެ.

"އަހަންނާއި ފިރިމީހާ އަދި އަހަރެމެންގެ ދެ އަންހެން ކުދިން ވެސް، މި ދަރިފުޅަށް ދިޔައީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން،" ފަލަސްތީނުގެ ނާބުލްސް އަށް ނިސްބަތްވާ ޒައިބަން ބުންޏެވެ.

އޭނާ ބުނީ ހަމާސް ޖަމާއަތަށް ނިސްބަތްވާ އޭނާގެ ފިރިމީހާ، އުމުރުން 37 އަހަރުގެ އައްމާރު އިޒްރޭލުން ހައްޔަރުކުރި އިރު އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ބައްޝައިރު އަށް 18 މަހެވެ. އަދި ދެ ވަނަ ދަރިފުޅަށް ބަލިވެ އިންތާ ފަސް މަހެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް މިހާރު 16 އަހަރު ފުރިއްޖެ އެވެ.

"މިއީ 15 އަހަރަށް ފަހު އަހަރެމެންގެ ގެއަށް އުފާވެރިކަން ލިބުނު ފުރަތަމަ ފަހަރު،" އޭނާ ބުންޏެވެ.

ދައްލާލް ޒައިބަން ބުނީ އައިޔޫއައި ހަދައިގެން ކުއްޖަކު ހޯދާ ވާހަކަ އޭނާގެ މަންމަ ބުނުމުން އެކަން ގަބޫލް ވެސް ނުކުރެވުނު ކަމަށާއި، އެކަމަކު ފިރިހެން ކުއްޖަކު ލިބުމަށް އަބަދުވެސް އުއްމީދު ކުރާ ކަމަށެވެ.

ދަރިފަނި ޖަލުން ގެނައި ގޮތެއް އެ އާއިލާ އިން ވަނީ ސިއްރުކޮށްފަ އެވެ. އިޒްރޭލުގެ ޕްރިޒަން ސާވިސް އިން ބުނެފައި ވަނީ ޖަލުގައި ހުރި ފަލަސްތީނު މީހެއްގެ އަންހެނުން ބަނޑުބޮޑުވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"ޖަލުގައި ތިބޭ ފަލަސްތީނު މީހުންގެ އަނބިން އައިސް ބައްދަލު ކުރެވޭނެ އެއްވެސް ގޮތެއް ހަމަޖެހިފައެއް ނޯވޭ،" އިޒްރޭލް ޖަލުގެ ތަރުޖަމާނަކު ބުންޏެވެ.

އައިޔޫއައި ހަދާފައި ވަނީ ނާބުލްސްގެ ރަޒާން ނަމަކަށް ކިޔާ ފާޓިލިޓީ ކްލިނިކެއްގަ އެވެ. މި ކްލިނިކުގެ ޑޮކްޓަރު ސާލިމް އަބޫ އަލް ޚައިޒަރާމް ބުނީ ދައްލާލް ޒައިބަންގެ އާއިލާ އިން ފިރިހެން ކުއްޖަކު ހޯދަން ބޭނުންވާ ކަމަށް ބުނުމުން އައިޔޫއައި ހެދީ ޖެންޑާ ސެޕަރޭޝަން ޕްރޮސީޖާއެއްގެ ތެރޭން ކަމަށެވެ. އަދި މި ޕްރޮސެސް ކާމިޔާބުވީ ތިން ވަނަ ފަހަރު ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު ބުނީ ދަރިން ހޯދުމަކީ ބައިނަލްއަގުވާމީ ގޮތުން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ އިންސާނީ ހައްގެއް ކަމަށާއި ޖަލުގައި ތިބޭ ފަލަސްތީނު މީހުންނަށް އެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ.

އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ޔިޒަކު ރަބީން އަވަހާރަކޮށްލުމުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައި ހުރި ޔިގާލް އާމިރަށް އިޒްރޭލުން ވަނީ މި ފުރުސަތު ދީފަ އެވެ. ބަޑިން ހަމަލާދީ ރަބީން އަވަހާރަކޮށްލީ 1995 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޔިގާލް އާމިރު، ޖަލުން ދަރިފަނި ބޭރުކުރަން އުޅެނިކޮށް، 2006 ވަނަ އަހަރު ފަޅާ އެރުމުން އިޒްރޭލުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ނަމަވެސް ފަހުން ވަނީ ދަރިފަނި ޔިގާލް އާމިރުގެ އަންހެނުންނާ ހަމައަށް ފޯރުކޮށް ދިނުމުގެ ހުއްދަ ދީފަ އެވެ. އަދި އެ ދެމަފިރިންނަށް 2007 ވަނަ އަހަރު ވަނީ، އައިޔޫއައި މެދުވެރިކޮށް ފިރިހެން ކުއްޖަކު ލިބިފަ އެވެ. --އޭއެފްޕީ

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait