ކެލިފޯނިއާ (އޮގަސްޓް 18) - އެޕްލް ކުންފުނީގެ ބާނީ އަދި ކުރީގެ ސީއީއޯ، ސްޓީވް ޖޮބްސްގެ ގެއިން ވަގަށް ނެގި އައިޕެޑެއް، އެމެރިކާގެ މަޝްހޫރު ކްލައުންއެއް (މުނިފޫހިފިލުވައިދޭ މީހެއް) ގެ އަތުން ފުލުހުން ހޯދައިފި އެވެ. "ކެނީ ދަ ކްލައުން" ގެ ގޮތުގައި އާންމުން މުނިފޫހިފިލުވައިދޭ ކެނެތު ޚާން އަށް އޭނާގެ ގާތް އެކުވެރިޔަކު ހަދިޔާކުރި އައިޕެޑަކީ ޖޮބްސްގެ އައިޕެޑްކަން ޚާން އަށް ރޭކާލީ އައިޕެޑް ބަލާ ފުލުހުން ޚާންގެ ގެއަށް ދިއުމުންނެވެ.
ކެންސަރު ބަލީގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު މަރުވި ޖޮބްސްގެ، ގެއިން ވައްކަންކޮށްފައި ވަނީ މިދިޔަ މަހު އެވެ. ޖޮބްސްގެ އައިޕޮޑާއި އައިޕެޑްތަކެއްގެ އިތުރުން އޭނާގެ ވޮލެޓް ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ. މި ވައްކަންކުރި، ކެނެތުގެ އެކުވެރިޔާ، ކަރީމް މެކްފާލިން ވަނީ ޖޮބްސްގެ ގެއިން ވަގަށް ނެތި ބައެއް އައިޕެޑްތައް އޭނާގެ ދަރިންނަށް ވެސް ބަހައިފަ އެވެ.
މި ވަގުކަލޭގެ އަތުން އައިޕެޑެއް ލިބުނު ކެނެތު ބުނީ 64 ޖީބީގެ ރިހިކުލައިގެ އެ އައިޕެޑް އޭނާ އަށް މާ ހާއްސަ އާލާތަކަށް ނުވި ކަމަށާއި އެއަށް އައިޓިއުންސް ޑައުންލޯޑްކޮށްގެން "ޕިންކް ޕެންތާ" ގެ ތީމް ލަވަ އާއި މައިކަލް ޖެކްސަންގެ ލަވަތަކެއް ޖެހުން ނޫން އެހެން ކަމެއް އޭނާ ނުކުރާ ކަމަށެވެ. ކެނެތު ބުނީ ޖޮބްސްގެ އައިޕެޑް އޭނާ ބޭނުންކުރީ އައިޕޮޑެއްގެ ގޮތުގައި ކަމަށާއި އޭގައި ހުރި އެއްވެސް އެއްޗެއް އޭނާ ނަހާވާ ކަމަށެވެ.
ވައްކަން ކުރި މީހާ ހައްޔަރުކުރުމަށް ފަހު ފުލުހުން މި އައިޕެޑް ބަލާ ކެނެތު ޚާންގެ ގެއަށް ދިޔައީ ޚާންގެ އަތަށް އައިޕެޑް އެރިތާ ހަތަރު ދުވަސް ފަހުންނެވެ. ވައްކަންކުރި މީހާ ވަނީ މެކްބުކާއި ގަހަނާތަކެއް ވެސް ޖޮބްސްގެ ގެއިން ވަގަށް ނަގައިފަ އެވެ.

2 comments