ތެހެރާން (އޮގަސްޓް 18) - އިޒްރޭލަކީ މެދުއިރުމަތީގައި އޮތް، ކެންސަރު ޖައްސާ ޓިއުމަރެއް ކަމަށާއި އެ ގައުމުގެ ދުވަސް ވަރަށް އަވަހަށް ދުއްވާލާނެ ކަމަށް އީރާނުގެ ރައީސް މަހުމޫދު އަހުމަދީނިޖާދު ވިދާޅުވެއްޖެ އެވެ.
ގުދުސް ދުވަހާ ގުޅުވައިގެން، ޔަހުދީ ދައުލަތާ ދެކޮޅަށް ތެހެރާނުގައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަ ދައްކަވަމުން އަހުމަދީނިޖާދު، އިޒްރޭލް ސިފަކޮށްފައި ވަނީ ކެންސަރު ޖައްސާ ޓިއުމަރެއްގެ ގޮތުގަ އެވެ.
"ފަލަސްތީނުގެ ބިމުގައި އޭގެ އެންމެ "ސެލްއެއް" ވެސް ސަލާމަތުން ހުރެއްޖެ ނަމަ، އަނެއްކާވެސް އިޒްރޭލް ދެމި އޮންނާނެ،" ގުދުސް ދުވަސް އީރާނުގައި ފާހަގަ ކުރުމުގެ ގޮތުން އަހުމަދީނިޖާދު ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ. "ފަލަސްތީނުގެ ބިމުން ވަރަށް އަވަހަށް އިޒްރޭލް ފޮހެލަން ޖެހޭ. އޭރުން އާ މެދުއިރުމައްޗެއް އުފެދިގެންދާނެ. އަދި އާ މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާގެ ހިލަމެއް ވެސް ނުވާނެ."
އަހުމަދީނިޖާދު މިމޭރުމުން ވާހަކަ ދެއްކެވި އިރު އީރާނުގެ ނިއުކްލިއާ މައްސަލާގައި މި ދެ ގައުމުގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. އީރާނުގެ ނިއުކްލިއާ މަރުކަޒްތަކަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ޔަހުދީ ދައުލަތުން ފަހަކަށް އައިސް ވަނީ ދޭން ފަށައިފަ އެވެ. ރައްދުގައި އީރާނުން ބުނެފައި ވަނީ އިޒްރޭލުން އެ ގައުމަށް ހަމަލާއެއް ދީފި ނަމަ އިޒްރޭލުގެ ދުވަސް ދުއްވާލާނެ ކަމަށެވެ.
އިޒްރޭލާ ދެކޮޅު ހެދުމަށާއި ފަލަސްތީނަށް ތާއީދު އޮތްކަން އަންގައިދިނުމުގެ ގޮތުން ފާހަގަކުރާ ގުދުސް ދުވަހުގެ އެއްވުމުގައި ބައިވެރިވި އީރާން މީހުން ވަނީ ފަލަސްތީނުގެ ދިދަތަކާއި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯތައް ހިފައިގެން ތިބެ އިޒްރޭލަށް އިންޒާރުގެ މެސެޖުތައް ދީފަ އެވެ.
އިޒްރޭލަށާއި އެމެރިކާ އަށް ދެކޮޅު ހަދާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމަކީ "ދީނީ ވާޖިބެއް" ކަމަށް ޚާމަނާއީ ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފަ އެވެ.
އީރާނުގެ ރޫހީ ލީޑަރު އިޒްރޭލް ސިފަކޮށްފައި ވަނީ "ފޭކް" ދައުލަތެއްގެ ގޮތުގަ އެވެ. އަދި މެދުއިރުމަތިން އިޒްރޭލު ނައްތާލާނެ ކަމުގެ އިންޒާރު ޚާމަނާއީ ވެސް ވަނީ ދެއްވައިފަ އެވެ. --އޭއެފްޕީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
3 comments